ނުހައްގުން ޖަލުގައި ބަންދުކޮށް އަނިޔާ ލިބެމުންދިޔައިރު، އެމަނިކުފާނުގެ ހައްގުގައި މަސައްކަތް ކޮށްދެއްވި ހުރިހާ އެންމެންނަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލިސްގެ ދަނގެތީދާއިރާގެ މެންބަރު، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ޝުކުރު އަދާކޮށްފިއެވެ.

ނާޒިމްގެ ޝުކުރުގައި ހާއްސަގޮތެއްގައި ނާޒިމްގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދާއި، ކޮއްކޮ އާދަމް އާޒިމްގެ ނަން ވަނީ ފާހަގަކޮށްފައެވެ. އަދި އާއިލާއާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ކޮށްދިން މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

Ad
rt

މީގެ އިތުުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންގެ މަސައްކަތް ނާޒިމް ފާހަގަކުރައްވާފައިވެއެވެ.

ނާޒިމް މިހެން ވިދާޅުވީ ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވިތާ އެއް އަހަރު ފުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމަށްފަހު، ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމް، ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށް ދޭން ހުށަހެޅުއްވިއެވެ.

ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭކަން ސުޕްރީމް ކޯޓުން ފާހަގަ ކޮށް އެ މައްސަލާގައި އެ ދެ ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުން ގޯސް ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލްކޮށް، އަދި ނާޒިމަކީ އެ ކުށް ސާބިތު ނުވާ ބޭފުޅެއްގެ ގޮތުގައި ނިންމެވީ 13 ޑިސެމްބަރ 2018 ގައެވެ.

ކާނަލް ނާޒިމަކީ ރައީސް ޔާމީނުގެ ސަރުކާރުގައި މާލެ ފެނަށް ޖެހުނު ހާދިސާގައި ހީވާގި ކަމާއެކު އެމައްސަލަ ހައްލުކުރުމުގެ އެންމެ އިސް މޭސްތިރިއެވެ. އަދި ސިއްޚީ ވުޒާރާ ހިންގެވުމުގައާއި ދިފާއީ ވުޒާރާހިންގެވުމުގައި ދެއްކެވި ބުންވަރުން ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ހިންގުންތެރި ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި ހިންގުންތެރި ބޭފުޅެކެވެ.