ޑީއާރުޕީގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވުމަށް އެމަނިކުފާނާ ދެކޮޅަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވަން އެމްޓީސީސީން އެދުނަސް، ސިވިލް ކޯޓުން ނިންމާފައިވާ އެ ދަރަނީގެ ޒިންމާ މައުމޫން ނަންގަވަން ނުޖެހޭނެ ކަމަށެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިދިޔަ ހަފުތާގައި އެ ކޯޓުން ނިންމީ މުއްދަތު ހަމަވިފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގައި މެމްބަރުންގެ އަދަދު ހަމަނުވާތީ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މިއަހަރު ނިންމިއިރު އެ ޕާޓީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!