ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރިގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އެ ކޯލިޝަނުން، ސަރުކާރަށް މިހެން ގޮވާލީ، މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި މާލޭގެ މައި ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އާދަޔާ ޚިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވައިލާފައެވެ. އަދި އެކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވައިލާފައެވެ.
"ދުވަސްކޮޅު ކުޑަކުދިންގެ މެދުގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގަިއި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ އާދަޔާ ޚިލާފު ބާރުމިނެއްގައި ހޮޑުލުމުގެ ރޯގާއެއް ކުޑަކުދިންގެ މެދުގައި ފެތުރެމުންދާއިރު، ކުޑަކުދިން ޢާންމުކޮށް އެއްވާ ޒާތުގައި ކަންކަން ކުރަމުން ގެންދިއުމަކީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަކޮށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކެއްކަމުގައި ގަބޫލުކުރާ ކަމަށެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތަކާއި، ފްލޯޓަށް ތައްޔާރުވެފައިވީނަމަވެސް، ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން ދުވަސްކޮޅަކު މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަ ކުދީންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމުގައި ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.
މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިފައިވާއިރު، އިންދިރާގާންދީ މެމޯރިއަލް ހޮސްޕޓަލް (އައިޖީއެމްއެޗް) އާއި މާލޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިއްޔެއިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ، ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ސެނަހިޔާ އާއި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!