ތިމާގެ އަތާއި ދުލުން މުސްލިމު އަހާއަށް ގެއްލުން ނުދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ.
"އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަން" މި މައުޟޫއަށް ކުރިއަަށް ގެންދިޔަ ހުތުބާގައި ބުނީ މުސްލިމަކީ އަތާއި ދުލުގެ ނުރައްކާތެރިކަމުން އެހެނިހެން މުސްލިމުން ސަލަމާތް ވެގެން ވާ މީހާ ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމް ކުރުމީ އެމީހެއްގެ ދަރަޖަ މާތްﷲގެ ހަޟުރަތުގައި މަތިވެރިވާ ކަމެއް ކަމުގައެވެ.
އެއްބައިވަންތަކަމާއި އަހުވަންތަކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް (އެކަކު އަނެކަކަށް މަލާމަތް ކުރުމާއި ފުރައްސާރަކުުރުން) އިސްލާމް ދީނުގައި މަނާ ކުރައްވާފައިވުމުން އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދީން ބާރު އަޅާ މިންވަރު ހާމާވެގެންދާކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.
މީގެ އިތުރުން ރަސޫލާ ހަދީސް ކުރައްވައިފައިވާ ގޮތުގައި މުސްލިމުންގެ އެއްބައިވަންތަކަމާއި އަހުވަންތަކަން އޮންނަންވީ ގޮތަކީ އެއް ހަށިގަނޑުގެ މިސާލު ކަމަށާއި އެއީ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅަން ފަށައިފިނަމަ މުޅި ހަޑިގަނޑު ހޭލައި ހުރުމުންނާއި، ހުން އައުމުން އެ ގުނަވަނާއި އެއްބައިވަންތަކަން ގާއިމް ކުރާ އުސޫލުކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.
މިއަދުގެ ހުތުބާގައި އިތުރަށް ބުނީ މީހުންގެ އުނިކަން ފާޅުކޮށް އެ މީހުންނަށް މަލާމަތް ކުރުމުގެ ބަދަލުގައި މުސްލިމެއްގެ އުނިކަން ފޮރުވައިފި މީހަކަށް މާތް ﷲ އެމީހެއްގެ އުނިކަން ދުނިޔެއާއި އާހިރަތުގައި ވަންހަނާކޮށް ދެއްވާނެކަމަށް ރަސޫލާ ހަދީސް ކުރައްވައިފައިވާ ކަމަށެވެ. އަދި ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރުމާއި އެ މީހަކު ނުރުހޭ ނަން ނަމުން ގޮވައި ހެދުމާއި މުސްލިމު އަހާއާމެދު އިތުބާރު ނުހިފޭ ދޮގު ވާހަކަ ފެތުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާކަން ހަނދާން ކޮށްދީފައި ވެއެވެ.
ހަމަމިއާއެކު ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގައި މުޖުތަމައެއް ބިނާ ކުރުމުގައި އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްފައޮވާއިރު، މުސްލިމުންނަން ނަސްރަކަށްފަހު ނަސްރެއް ލިބެމުން އައީ މުސްލިމުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އިސްލާމީ އުއްމަތް ރޫޅި ބައިބައިވީ އެ ކަންކަން ނެތި ދިއުމުން ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!