ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ސާލިހަކީ ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ބަލި ބޭފުޅެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ.

Ad
rt

ނަޝީދު ވިދާޅުވެފައިވަނީ ސާލިހު ވަނީ ވެފައިވާ ވައުދުތަކުގެ މަތީން ހަދާން ނެތި މުޅިން އެހެންކަމަކަށް ގޮސް ހުސްވެފައި ކަމަށެވެ. އަދި ސާލިހަކީ މިހާރު ވެރިކަން ކުރެއްވުމަށް މާ މުސްކުޅި ބޭފުޅެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނަޝީދު ވަނީ އެޕާޓީން ނެރުއްވާފައިވާ ކެނޑިޑޭޓް އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

މި ވާހަކަތަކާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ ރައީސް ސާލިހަކީ ކަންކަމުގައި ކެތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއް ކަމަށާއި އެހެން ސިޔާސީ ވެރިންނާއި ހުރި ތަފާތަކީ ސާލިހަކީ ވައުދެއް ވުމަށްފަހު އެވައުދުން ރެކެން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފުޓްސަލް ދަނޑާއި، ކުޅިވަރު ވަސީލަތްތަކާއި، ސްކޫލު އިމާރާތްކާއި، މަގު ހެދުމާއި، ބަނދަރާއި ފެނާއި ނަރުދަމާގެ ކަންކަމަކީ އެހެން ބޭފުޅަކު ދެން ކޮށްދޭންޖެހޭ ކަމެއް ނޫންކަން ވެސް އަލީ ޒާހިރު ވަނީ ފާހަގަ ކުރައްވާފައެވެ.