ސެޕްޓެެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަމާއިމެދު ވަނީ ޝައްކު އުފެދިފައެވެ.
ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަންސްގެ އެހީތެރިކަމާއެކު ޔާމީނުގެ ކެންޑިޑެސީ ފޯމު ފުރުމަށް ފުރުސަތު މިހާރުވަނީ ލިބިފައެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.
ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތޮލާލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!