މިއހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ޖުލައި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑެލް ދެއްވުމަށް ނިންމާފައިވާ ކަމަށާއި ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ދެއްވުން ވެސް އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު 4 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭ ކަމަށާއި އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ލިބިވަޑައިގަންނަވައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާއި ބެހޭ ކޮމިޓީންނެވެ.
ރައީސް ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަގުވާމީ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ.
މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.
ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 10 ޙާފިޡުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!