ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
މި މައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ފުރަތަމަ ނެރުނު ބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ހދ. އިސްމެޖިސްޓްރޭޓް ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއްގެ ތުހުމަތުގަ އެވެ. އޭނާ ސަސްޕެންޝަން އިތުރުކުރީ މައްސަލަ ނިމެންދެން ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ވަނީ މި މައްސަލައާއިގުޅިގެން މިއަދު އިތުރު ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތު ވާތީކަމަށް ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި
އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
އެހެންކަމުން އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލު ތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލުތަކެއްކަން ސާބިތުވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!