ހއ. އަތޮޅުގެ ކައުންސިލުން، ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)ގެ އަގު ވަޒަންކޮށްފިއެވެ.

ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ޒުވާން މަސްވެރިޔާ، ހއ. އަތޮޅަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކައުންސިލުން އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

Ad
rt

ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޒުވާން މަސްވެރިޔާ ހއ. އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ހއ. އަތޮޅު ކައުންސިލުން ވަނީ އޭނާ އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ދެއްކެވި ވާހަކާގައި ވަނީ، ޒުވާން މަސްވެރިޔާ އެ އަތޮޅު ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ހއ. އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްވާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެ މަސައްކަތަކީ ކުރުން އެހާ ފަސޭހަ ކަމަކަށް ނުވިނަމަވެސް އެ މަސައްކަތް ސާޖިން ކުރެއްވީތީ، އެކަމުގެ އަގުވަޒަންކޮށް ޙަސަން ސާޖިން އަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޒުވާން މަސްވެރިޔާ ދެއްކެވި ވާހަކައިގައި މިފަދަ ރަސްމިއްޔާތެއް ބާއްވައި ޒުވާން މަސްވެރިޔާގެ ޚިދުމަތުގެ އަގު ފުރަތަމަ ފަހަރަށް ހއ. އަތޮޅުން ފާހަގަކޮށްފައިވާކަން ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ. އަދި ހއ. އަތޮޅުގެ ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ރަށްރަށުގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުމުގެ އިތުރުން އެ ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދައާއި ދަނޑުވެރިކަމާއި ކާންބޯން ކުރާ އެހެނިހެން މަސައްކަތްތައް ދެނެގަތުމަށް ޒުވާން މަސްވެރިޔާ، ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ދަތުރުގައި މިހާރު ވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށަށް ދަތުރުކޮށް އެރަށްތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކޮށްފައެވެ.