ސަރުކާރުން ވ. ރަކީދޫގައި ތަރައްގީކުރި ބަނދަރު، ރައީސް ހުޅުވައިދެއްވައިފިއެވެ.

މި ބަނދަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ރަކީދޫ އަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ފާހަގަކޮށްދެއްވާފައެވެ.

ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ޕޭވްމެންޓް އަޅާފައި ވެއެވެ. އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފައެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި، 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.