އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި އީސީން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެ ފުރުސަތު ވަނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 5 އޮގަސްޓު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

Ad
rt

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށައަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަަމަށް އީސީން ވިދާޅުވެއެވެ. އަދި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައި ކަމަށް ވެސް އީސީން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އީސީގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭގޮތައް ހަމަޖައްސާފައިވާއިރު، މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެގޮތް ވަނީ ހަދާފައެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން އެރަށެއްގެ ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެ އިން ފޯމުތައް ބަލައިގަންނަގޮތައް ހަމަޖައްސާފައިވާއިރު، ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށެއެޅޭގޮތައް ހަމަޖައްސާފައިވާއިރު، އެ ގޮތައް ފޯމު ހުށައެޅޭނީ ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންޖެއެވެ. އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2023 ޖުލައި 16 އިން 2023 ޖުލައި 31 ގެ ނިޔަލަށެވެ.

ފޯމު ހުށަހަޅައިގެން ރީ ރަޖިސްޓްރީކުރާއިރު އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށަހެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.