މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ ޕާޓީން ކުރިއަށްގެންދާ "ނުއިވޭ އަޑު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
"ދިވެހި ރާއްޖެ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި" މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ފެންނަނީ ބޯޑުތަކަށް ތަފާތު ބޭފުޅުންލާތަން ކަމަށާއި ސަރުކާރުން ބުނިހައި ގޮތަކަށް އެ ބޭފުޅުން ކަންތައްކުރައްވާތަން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެތަންތަނަށް އައްޔަން ކުރެވޭ ބޭފުޅުންނަކީ ތައުލީމީ، ގައުމާއި ދޭތެރޭ ވިސްނާ ޖަވާބުދާރީވާން ކެރޭ ބޭފުޅުންގެ ގޮތުގައި ހައްދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމް ދުނިޔާގެ ފެންވަރުގައި ކުރިއަރުވާނެ ކަމަށާއި ސިންގަޕޫރަށް ބަލާއިރު އެމީހުންނަކީ ދުނިޔޭގައި މިހައިތަނަށް ސާބިތުކޮށްދީފައިވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމް ސިންގަޕޫރާއި އެއްފެންވަރަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދައުލަތު ކުންފުނިތައް ހިންގަނީ ވަކި މެއިންޑޭޓެއްގެ ތެރޭގައި ކަމަށާއި އެ ކުންފުނި އުފައްދާއިރު، ކުންފުނީގެ މަގުސަދު ލިޔެފައި އެބައޮތް ކަމަށެވެ.
އެގޮތުން މިސާލު ނަންގަވައި ވިދާޅުވީ މިސާލަކަށް ސްޓެލްކޯ އަކީ ކަރަންޓު ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެމްޑަބްލިއުއެސްސީ އަކީ ފެންދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ފެނަކަ އުފައްދާފައިވަނީ ފެނާއި ނަރުދަމާއެޅުމަށް ކަމަށެވެ.
އެހެންނަމަވެސް މިއަދު މި ފެންނަނީ ސަރުކާރައްވާ ބޭނުންވާ ކޮންމެފަދަ ކަމެއް އެމީހުންލައްވާ ކުރުވާކަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!