ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އުފާވެރި އަމާން ރާއްޖެ" މި ޝިއާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް މ. އަތޮޅަށާއި ވ. އަތޮޅުގެ ބައެއް ރަަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މ. ކޮޅުފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އިތުރު ތޮށި ޖަހައި، މުޅި ރަށް ހިމާޔަތް ކޮށްދޭނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދާ 100 ހައުސިން ޔުނިޓަށް އިތުރު 50 ޔުނިޓް އިތުރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މި ދައުރުގައި ކޮޅުފުށީ ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯމް ނިމި، ފެނުގެ ނިޒާމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ފުރަތަމަ ފޭސް ނިންމާލެވިފައިވާކަަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުހުންގެ ތެރޭގައިވެސް އޮތީ ބާރާއި ނުފޫޒު ކަމަށް ވިދާޅުވިއެވެ.

2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އޮތް ވެރިކަމުގައި މަސައްކަތް ކޮށްފައި ވަނީ އާބާދީ ބޮޑު ރައްރަށަށް ތަރައްގީ ގެނައުން ކަމަށާއި ނަމަވެސް ކޮންމެ ރައްޔިތަކީ އަސާސީ ހިދުމަތް ލިބެންޖެހޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަދި ޔާމީނުގެ ވެރިކަމުގައި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު އެނގޭ ކަމަށާއި އެކަންކަން ހަނދާނަށް ގެންނަންވެސް ޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭގެ ހެއްކެއްގެ ގޮތުން އެ ދައުރުގައި ފަސް ޕޮލިސް ކޮމިޝަނަރުން ބަދަލުކުރި ކަމަށާއި ސިޔާސީ ބާރާއި ނުފޫޒު ފުލުހުންގެ ތެރޭގައި އޮތް މިންވަރު އެކަމުން ވެސް ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަތުމަށްފަހު، ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫ އަށް ވަޑައިގަންނަވާނެކަން "އިބޫ2023" ކެމްޕެއިން އޮފީހުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މ. ކޮޅުފުއްޓަށް ވަޑައިގަންނަވާއިރު، ކެމްޕޭން ޖަލްސާއެއް މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުގެ އަމާޒުގައި އެމަނިކުފާނުގެ ކެމްޕެއިން ފައްޓަވާފައިވަނީ އަޟުހާ އީދަށް ފަހުއެވެ. އެންމެފުރަތަމަ ވަޑައިގެންނެވީ ށ. އަތޮޅަށެވެ.

އެ ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައިވާއިރު، މާލެ އަތޮޅު ގުރައިދޫ ދާއިރާގެ ރަށްތަކުގައި ވެސް ވަނީ ކެމްޕޭން ކުރައްވާފައެވެ.

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ބާއްވާފައިވަނީ ފޯކައިދޫގައެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ މާފުށީގައި ވެސް ޖަލްސާއެއް ބާއްވާފައެވެ.

ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.