ކުރީގެ އަދަދާއިގުޅޭ،

" ދުވަހަކުވެސް އަދި މީހެއްދެކެ އަހަރެން ލޯތްބެއް ނުވަން. މީހެއްދެކެ ލޯބިވެވިގެން އެ ކުރެވޭ އިޙްސާސްތަކެއްވެސް އަހަންނަކަށް ނޭނގެ! އެފުރުޞަތުވެސް އަހަންނަށް ނުލިބި އުޅެނިކޮށް މިޖެހުނީ މީހެއްގެ އަޅުވެތިވާން.."

Ad
rt

އެހެން ބުނެވުމާއިއެކު ޔަޝްމީއަށް ގިސްލެވެން ފެށިއެވެ. ހިތްފުރެންދެން އޭނާ ރުއީ ހަމަ އެތާ ހުރެގެންނެވެ. ރުޅިވެރިކަމާއިއެކު އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އޭނާ ދިޔައީ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހެމުންނެވެ.

***

ގަޑިން ހަވީރު 4:30 ވެއްޖެއެވެ. ދަރުބާރުގޭގައި ހާރޫން އިންތިޒާރު ކުރަމުން ދިޔައީ ޔަޝްމީ އަންނާނެ ވަގުތަކަށެވެ. އިރުއިރުކޮޅުން އޭނާއަށް ގަޑިވެސް ބަލައިލެވެއެވެ. ބިޔުޓީ ސެލޫންއަކަށް ގޮސްގެން ހާރޫން ތައްޔާރުވި ނަމަވެސް ޔަޝްމީ ތައްޔާރު ކުރުމަށްޓަކައި އެގެއަށް މީހުން ފޮނުވީއެވެ. ގާޟީ އަންނަ ވަގުތު ކުޑަތަން ވުމުން ހާރޫން ވަރަށް ބޮޑަށް ހާސްވިއެވެ.

" އަނެއްކާ ޔަޝްމީ؟... އަންނާނެބާ؟ "

ހިތުގައި އުފެދުނު ސުވާލުން ހާރޫންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެހިނދު އަވަސް އަވަހަށް ޖީބަށް އަތްކޮއްޕާލީ ޔަޝްމީގެ ހުރިހާ ކަމަކާއި ޙަވާލުވި ބިޔުޓީޝަނާ ގުޅުމަށެވެ. ކަންފަތުގައި ފޯނު ޖައްސާލީވެސް ދޮރާއި ދިމާލަށް ބަލަން ހުރެއެވެ. ހަމަ އެވަގުތެވެ. ބިޔުޓީޝަނާއެކު ޔަޝްމީ ދޮރުމައްޗަށް އެރިތަން ހާރޫންއަށް ފެނުނެވެ. އެއާއިއެކު އާޝޯޚް ވެގެން އޭނާއަށް ފޯނު ތިރިކޮށްލެވުނެވެ.

ލޭރަތްކުލައިގެ ދިގު ވެޑިންގ ޑްރެސްގައި ހުރި ޔަޝްމީ ފެންނަނީ ވަރަށް ހިތްގައިމު ސިފައެއްގައެވެ. އޭނާގެ އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ހިފަހައްޓާލެވިފައެވެ. މިއީ ޔަޝްމީގެ މޫނުމަތިން އުޖާލާކަން ހާރޫންއަށް ފެނުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ހާރޫންއަށް އާޝޯޙް ވެވިފައި ހުރެވުނެވެ. އޭރުވެސް ސެލޫން ކުދިން އޭނާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ތަށިމުށިތައްމަތީގައި ރީތިކޮށް ފަތުރާލުމުގެ މަސައްކަތުގައި އުޅެއެވެ.

" މާޝާﷲ.. ހާދަ ރީއްޗޭ"

އެކި ދިމަ ދިމާލަށް ބަލަން ހުއްޓާ ކުއްލިއަކަށް އިވުނު ހާރޫންގެ އަޑުން ޔަޝްމީ ބަލައިލިއެވެ. އޭރު އޭނާގެ އެއް އަރި މަތީގައި ހުއްޓި ހުރި ހާރޫން ފެނުނެވެ. އެއާއިއެކު ޔަޝްމީއަށްވެސް ލިބުނީ ހައިރާންކަމެވެ. މިއަދު ހާރޫން ފެންނަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ހާރޫން ހުރީ ކްރީމް ކުލައިގެ ކޯޓަކާއި ފަޓްލޫނެއް ލައިފައެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ކޮންމެވެސް ވަރަކަށް އަރިމަތިން ކޮށާފައެވެ. އަދި ތުނބުޅިވެސް ހުރީ ތުނިކޮށްފައެވެ. ހާރޫން ހުރީ ޔަޝްމީއާއި ދާދި ގާތުގައެވެ. އެހެންކަމުން އޭނާގެ ގައިން ދުވަމުންދާ ސެޓްވަހުން ޔަޝްމީގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވި ކަހަލައެވެ. ބޭއިޙްތިޔާރުގައި ޔަޝްމީއަށް ހިނިތުންވެލެވުނެވެ. ފުރަތަމަ ފަހަރަށް ޔަޝްމީގެ މޫނުމަތިން ހިނިތުންވުން ފެނުމުން ހާރޫންއަށް ލިބުނީ ބޮޑު ހިތްހަމަ ޖެހުމެކެވެ. ހެވިފައި ހުރެ، ހާރޫން އިޝާރާތްކުރީ ދުރުގައި ހުރި ދިގު މޭޒަށެވެ. އެއީ ކައިވެނީގެ މަޖްލިސް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ތަނެވެ. އެދިމާލަށް ދާން ހާރޫން އެދުމުން ޔަޝްމީގެ މޫނުމަތީގައިވާ އުޖާލާކަން ގެއްލި ދިޔައެވެ. މިހާރު އެ މޫނުން ފެންނަމުންދަނީ ނުތަނަވަސް ކަމެވެ. ނަމަވެސް ހިތްވަރުކޮށްފައި ޔަޝްމީ ހާރޫންގެ ފަހަތުން ހިނގައިގަތެވެ. އޭރުވެސް އޭނާ ހުރީ ހެދުމުގައި ހިފަހައްޓައިގެންނެވެ.

ގޮނޑީގައި އިށީނުމާއިއެކު އާއިލާގެ މީހުން ޔަޝްމީގެ ޚިޔާލުގައި ސިފަވާން ފަށައިފިއެވެ. އެހިނދު ލޮލަށް ކަރުނަ ޖަމާވާން އުޅޭކަމުގެ އިޙްސާސް ކުރެވެން ފެށުމުން ޔަޝްމީ އަވަސް އަވަހަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. މާ ގިނަ މީހުންނެއް ނެތެވެ. އެހެނަސް ތިބީ ކޮންބައެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

" އަނބި ޤަބޫލުކޮށްފިން "

ހާރޫން އެހެން ބުނުމާއެކު ޔަޝްމީއަށް ހިންދިރުވާލެވުނެވެ. އޭރު ހެވިފައި ޔަޝްމީއަށް ބަލަހައްޓައިގެން ހާރޫން އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ.

" އަހަރެމެން ތިބެން ޚާއްސަކޮށްފައި އެހުރި ތަނަށް ދާން ތެދުވެލަން ވީނު.."

ގުޑިލާންވެސް ނޭނގިފައި އިން ޔަޝްމީގެ މޫނާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން ހާރޫން ބުންޏެވެ. އެއާއެކު އަވަސް އަވަހަށް ޔަޝްމީ ދުރަށް ޖެހިލިއެވެ. އަދި މަޑުމަޑުން ތެދުވިއެވެ. ހެދުމުގެ ފަސްބައި ބޮޑުކަމުން އޭނާއަށް އެކަނި ހިނގަންވެސް އުނދަގުލެވެ. އެހެންކަމުން ހާރޫން ދަޢުވަތު ދީގެން އައިސް ތިބި ސެލޫންގެ ކުދިން ޔަޝްމީއަށް އެކަމުގައި ވަރަށް އެހީތެރިވެދެއެވެ.

މަޑު ކުލަތަކުގެ މާމަލުން ޒީނަތްތެރިކޮށްފައިވާ ތަނެއްގައި ޔަޝްމީއާ ހާރޫން ގޮސް މަޑުކޮށްލީ މެހެމާނުން އަންނަ ވަގުތު ޖެހިފައިވާތީއެވެ. އޭރުވެސް ވީޑިއޯ ނަގާ މީހުން ވީޑިއޯ ނަގަމުންދެއެވެ.

" ހެވިފައި ހުންނައްޗޭ! "

ހާރޫން ޔަޝްމީގެ ކަންފަތާއި ދިމާލަށް ގުދުވެލަމުން ބުންޏެވެ.

" އެ ކީއްކުރަން؟ "

ޔަޝްމީ ހާރޫންއަށް ބަލައިލިއެވެ.

" ވީޑިއޯ ކުރާ މީހުންނާ ފޮޓޯ ނަގާ މީހުންވެސް އެތިބީ ގެނެސް.. އަހަރެން ބޭނުންވަނީ ކޮންމެ ކެމެރާއަކަށްވެސް ޔަޝްމީގެ ހިނިތުންވެފައިވާ މޫނު ފެންނަން.."

ހާރޫން އެހެން ބުނެ ނުނިމެނީސް ދެތިން މީހަކު އެތަނަށް އަތުވެއްޖެއެވެ. އެހެންކަމުން ޔަޝްމީ ގަދަކަމުން ހިނިތުންވެލިއެވެ.

" ގަރލް! ޔޫ އާރ ސޯ ލަކީ އިނގޭ..... "

ނުވެސް ދަންނަ މީހަކު އައިސް އެހެން ބުނެލީ ޔަޝްމީއާ ސަލާމްކޮށްލަމުންނެވެ. އެއާއެކު ހާރޫންއަށް ހެވުނު އަޑު ޔަޝްމީއަށް އިވުނެވެ.

" އެއީ.. ކާކު؟ "

އެމީހާ ދިޔުމާއެކު ޔަޝްމީއަށް އަހާލެވުނެވެ.

" އެއީ އަހަރެންގެ މުވައްޒަފެއް"

ހާރޫން ބުނެލިއެވެ. އެއާއެކު ހައިރާންވެފައި ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ.

" މަރުޙަބާ ސަރ! މިއީ އަޅުގަނޑުމެން ވަރަށް އެދި އެދި ތިބި ދުވަހެއް!"

ދެބައި އުމުރަށްވުރެވެސް ދޮށީ ޢުމުރުގެ އަންހެނަކު އައިސް ވަރަށް އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. ސަރ ގެ ނަމުން ހާރޫންއާ މުޙާތަބް ކުރުމުން ޔަޝްމީގެ ހިތުގައި އަނެއްކާވެސް ސުވާލު އުފެދުނެވެ.

" އެއީވެސް ހަމަ އަހަރެންގެ މުވައްޒަފެއް"

ޔަޝްމީ ސުވާލު ކުރުމުގެ ކުރިން ހާރޫން ބުނެލިއެވެ.

ދެގަޑިއިރު ނުވެ މުޅި ސަރަޙައްދު ފުރި ބާރުވެއްޖެއެވެ. ފައިވާޅު ވެގެން ޔަޝްމީއަށް ކޮޅަށް ހުންނަންވެސް މިހާރު އުނދަގު ވެއްޖެއެވެ.

" މިހާ ބޮޑު ޕާރޓީއެއްކަމެއް ނޭނގެ.. މިހާ ބައިވަރު މީހުންނަށް ކިޔާނެ ކަމެއްވެސް ނޭނގެ.. މިހާ ފެންވަރުގައި ޕާރޓީ ބާއްވާނީ ނިކަން ލޯބިން ކައިވެނި ކުރާ މީހުން"

ޔަޝްމީ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ހާރޫން ބުންޏެވެ.

" އަހަރެމެންވެސް ކައިވެނި މިކުރީ ކިހާ ލޯބިންތަ؟ "

" ހުއް.. އަހަރެން ދުވަހަކުވެސް ހާރޫންދެކެ ލޯތްބެއް ނުވާނަން"

ޔަޝްމީ ސިއްރުސިއްރުން ބުނެލީ ހާރޫންއަށް އެކަނި އިވޭ ވަރަށެވެ. އެއްޗެއް ނުބުނި ނަމަވެސް ހާރޫންއަށް ހިންދިރުވާލެވުނީ ވީ ދެރައިންނެވެ. ހަމަ އެވަގުތެވެ. ފޮޓޯގްރާފަރ އަތުވެއްޖެއެވެ. އޭނާ އައީ އެންމެ ޚާއްސަ ފޮޓޯތައް ނެގުމަށެވެ.

" އަހަރެން ބުނާގޮތަށް ތިބެލަންވީނު! ދެމީހުންވެސް އަރިއަށް ތިބެފައި މިކޮޅަށް ބަލާނީ. ދެން ފަހަތުން ހާރޫން، ވައިފްގެ އުނަގަނޑުގައި އަތް ޖައްސާލައިގެން ހުންނާނީ "

އޭނާ ވާހަކަ ދެއްކީ ވަރަށް ގާތް ގޮތަކަށެވެ. ނަމަވެސް ޔަޝްމީއަށް އެކަން ކުރަން އެހާ ފަސޭހައެއް ނުވިއެވެ. ހާރޫންއާ ދިމާލަށް ޔަޝްމީއަށް ބަލައިލެވުނީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ. ނަމަވެސް ހާރޫން ލަދުގަންނަވާލާކަށް އޭނާއަކަށް ނުކެރުނެވެ. ޔަޝްމީ އަރިއަކަށް ހުއްޓުމާއެކު އޭނާގެ އަރިކަށީގައި ހާރޫން އަތް ޖައްސާލިއެވެ. އެއާއެކު ޔަޝްމީގެ ހަށިގަނޑަށް ހީވީ ކަރަންޓް ޝޮކެއް ލިބުނު ހެންނެވެ. ނަމަވެސް ކެތްކޮށްލައިގެން އޭނާ އިސްޖަހާލިއެވެ.

" ދެން.. ވައިފްގެ ފަހަތުން ބައްދާލައިގެން ހުރެލަބަލަ! "

ފޮޓޯގްރާފަރ އިޝާރާތާއިއެކު ބުނެލިއެވެ.

" ނޫން.."

ބޭއިޙްތިޔާރުގައި ޔަޝްމީއަށް ބުނެވުނެވެ. އެއާއެކު ހާރޫންގެ އިތުރުން ފޮޓޯ ނަގައިދޭމީހާއަށްވެސް ލިބުނީ ހައިރާންކަމެވެ.

" ފޮޓޯ ނެގުމަކީ އަހަރެން އެއްވެސް ވަރަކަށް ކުރާ ކަމެއް ނޫން.. އެންމެ ފޮޓޯއެއްވެސް ހަމަ ރަނގަޅުވާނެ! "

ޔަޝްމީ އެހެން ބުނުމާއިއެކު. ފޮޓޯ ނެގުން ހުއްޓާލުމަށް އަތުގެ އިޝާރާތުން ހާރޫން އެދުނެވެ. އެހެންކަމުން ހިނިތުންވެލަމުން އޭނާ އެތަނުން ދުރަށް ދިޔައެވެ.

" ފުރުޞަތުގެ ބޭނުން ހިފާލަންދޯ ތިއުޅުނީ؟"

ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ހާރޫން އެއްވެސް ރައްދެއް ނުދިނެވެ.

" އެ ގޮނޑިތަކުގައި އިށީނދެލަން ހިނގާ! ކޮޅަށް ހުރީމަ ވަރަށް ފަޔަށް ތަދުވާނެއެއްނު.."

އޯގާތެރިކަމާއެކު ހާރޫން އެދުނެވެ. އިށީންނަން ބޭނުންވެފައި ހުރި ނަމަވެސް ހާރޫން އެދުމުން އެތަނަށް ދާން ޔަޝްމީ އުޒުރުވެރި ވިއެވެ.

" އަހަރެން ދާން ބޭނުންވަނީ ގެއަށް.."

" ގެއަށް؟ ޕާޓީ ނުނިމެނީސް ގެއަށް ދިޔައީމަ މީހުން ކީކޭ ކިޔާނީ؟"

ހާރޫން ހައިރާންވެފައި އެހާމެ އަވަހަށް ބުންޏެވެ. ނަމަވެސް ހާރޫންގެ ކަންބޮޑުވުމާއިމެދު ޔަޝްމީ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.

" އާނ! ކިހިނެއްވީ؟ އަހަރެން ގެއަށް ގެންދޭ! "

ޔަޝްމީ އަނެއްކާވެސް ބުންޏެވެ.

" ޔަޝްމީ! އަހަރެން ޔަޝްމީގާތު މި އެދެނީ މިތަނުގައި އަދި މަޑުކޮށްލަން.. މި އެންމެންގެ ތެރޭގައި އަހަރެން ބޭޒާރުކޮށްނުލާ! "

އާދޭހުގެ ރާގަކަށް ހާރޫން އެހެން ބުނުމުން ޔަޝްމީ އިތުރަށް އެއްޗެއް ނުބުނެއެވެ.

" ހާރޫން ސަރ! "

ދުރުން އިވުނު އަންހެނެއްގެ އަޑުން ހާރޫންއާއި ޔަޝްމީ ފަހަތް ބަލައިލީ އެއްފަހަރާއެވެ. އޭރު ދޮށީ ޢުމުރުގެ އަންހެނަކު އެމީހުންނާ ދިމާލަށް އާދެއެވެ. ހާރޫންގެ މޫނަށް ޔަޝްމީ ބަލައިލި އިރު، އޭނާ ހުރީ ވަރަށް ބޮޑަށް ހިނިއައިސްފައެވެ.

" ސަރގެ ވެޑިންގޙަފްލާއަށް އިންވައިޓް ކުރީމަ ވަރަށް އުފާވެއްޖެ! ސަރ! އަޅުގަނޑުގެ ފިރިމީހާ މިހާރު ވަރަށް ބޮޑަށް ރަނގަޅު! އެދުވަހު ސަރ އެވަރުގެ ބޮޑު އެހީތެރިކަމެއް ނުދިންނަމަ މިއަދު އޭނަ ދުނިޔޭގައި އޮންނާނެ ކަމެއްވެސް ނޭނގެ.."

އެމީހާ އެހެން ބުނުމުން ޔަޝްމީއަށް އަނެއްކާވެސް ހާރޫންގެ މޫނަށް ބަލައިލެވުނެވެ.

" ދެން އެވާހަކަ ނުދައްކާ! ފިރިމީހާއަށް ސަލާމް ބުނެދޭތި.."

ހާރޫން ހީލަމުން ބުންޏެވެ. އެވަގުތު އެ އަންހެންމީހާވެސް ހިނިތުންވެ ހުރެ ނިކުމެގެން ދިޔައެވެ.

" ކޮން އެހީއެއް؟ "

ބޭއިޙްތިޔާރުގައި ޔަޝްމީއަށް އަހައިލެވުނެވެ. އެ ސުވާލާއިއެކު ހާރޫންއަށް އިސްޖަހާލެވުނީ އެމައުޟޫއަށް ވާހަކަ ދައްކަން އުނދަގޫވާތީއެވެ.

" ފަހުން... "

ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ ދެކޮނޑު އަރުވާލިއެވެ.

" މީހުންތައްވެސް ގެއަށް ދަނީނު.. ދެން ހިނގާ ގެއަށް.."

ޔަޝްމީ ފޫހި ރާގަކަށް ބުނެލިއެވެ. އޭރު ހާރޫން ހުރީ ކައިވެންޏަށް ހާއްސަކޮށް އޭނާ އަޅުވާފައި އޮތް ބޮޑު ކޭކަށް ބަލަހައްޓައިގެންނެވެ.

" ކޭކު ފަޅާލަން ވާނެ އެއްނު.."

ހާރޫން ބުންޏެވެ. ނަމަވެސް ޔަޝްމީ ހުރީ ވަރަށް ބޮޑަށް މޫޑު ގޯސްވެފައެވެ. އެހެންކަމުން އޭނާ އެކަން ކުރާކަށްވެސް ބޭނުމެއް ނުވިއެވެ.

" ދެން... އަހަރެން ގެއަށޭ ދާނީ"

ތަންކޮޅެއް ބާރަށް ޔަޝްމީ އެހެން ބުނުމުން ހާރޫން މަޑުމަޑުން ބުންޏެވެ.

" މިރޭ ދާނީ ގެއަކަށް ނޫން...މާލެ ކައިރި ރިސޯޓަކުން މިރެއަށް ރޫމް ސެޓްކޮށްފައި އޮންނާނީ.."

ހާރޫންގެ އަޑުގައިވަނީ ޖެހިލުންވުމެވެ. އެއީ ޔަޝްމީ ދާނެ ކަމުގެ އުއްމީދުގައި އޭނާ ދިން ސަޕްރައިޒެކެވެ. ޔަޝްމީއަށް ވެގެން ދިޔައީވެސް އެކަހަލަ ގޮތެކެވެ. ދެލޯ ބޮޑުވެ މަޑުމަޑުން ތުންފަތުގައި އަތް ޖައްސާލެވުނީއެވެ.

" ރި..ރިސޯޓެކޭ؟"

ހާރޫން ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ސަޕްރައިޒް ވެފައި ހުރި ޔަޝްމީއަށް އިސާހިތަކު ހަމަބިމަށް ފޭބުނު ކަހަލައެވެ. އޭނާ ތުން ފިއްތާލަމުން ވާހަކަ ފެށިއެވެ.

" އަހަންނާމެދު ތިޔަ ކުރަނީ ހާދަހާ ފޮނި އުއްމީދުތަކެކޭ! ތިޔަ ކުރަނީ މުޅިން ބޭކާރު ކަމެއް! އަހަރެން ދާނެ ކަމަށް ގަނޑުވަރެއް ހޯދިޔަސް އަހަރެން ނުދާނެ.. އެކަން ހާރޫންއަށް އޮޅިފައި އޮތީތީ އަދިވެސް އެއްފަހަރު ހަނދާންކޮށްލަދިނީމި!"

ޔަޝްމީ އެހެން ބުނިއިރު ހާރޫން ހުރީ ކަނުލާ އަޑުއަހަން ހުރި ކަހަލަ ގޮތަކަށް ޔަޝްމީއަށް ބަލަހައްޓައިގެންނެވެ.

" އުއްމީދުތައް ނާއުއްމީދު ވެގެން ދިޔުމަކީ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެ ކަމެއް.. އެކަން މިހާރު ހާރޫންއަށް އިޙްސާސް ކުރެވޭނެ.. ދެންވެސް އަހަރެން ގެއަށް ގެންގޮސްދީ!"

ޔަޝްމީ އަނެއްކާވެސް އެދުނެވެ. އެހެންކަމުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ހާރޫން ބޭނުމެއް ނުވިއެވެ. މެހެމާނުން ގޮސް ނިމުމާއިއެކު ހާރޫން ޔަޝްމީ ގޮވައިގެން ގެއަށް ދާން އަވަސްވެގަތެވެ.

****

" ކައިވެނި ކުރި ވާހަކަ ހާރޫން ބުނި ގުޅާފައި! "

ޝާކިރު އައިސް ބުންޏެވެ. އޭރު ފާއިޒާ ހުރީ ދުމަށީގައި މަސް ޖަހާށެވެ. ޝަހާނާވެސް އޭނާއަށް އެހީތެރިވެދިނުމުގައި އުޅުނެވެ.

" އެމަންޖެ ވާހަކަ ދެއްކިތަ؟ ދިޔަ ފަހުން އެއްވެސް ޚަބަރެއްވެސް ނުވެ."

ފާއިޒާ ބުންޏެވެ. އެއާއިއެކު ޝަހާނާ ބަލައިލިއެވެ.

" މާލެ ދެވުނީމަ އާއިލާ މަތިން ހަނދާން ނެތުނީ ކަންނޭނގެ! "

މަލާމާތުގެ ރާގަކަަށް ޝަހާނާ ބުނެލިއެވެ. އެއާއިއެކު ޝާކިރާއި ފާއިޒާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

" ޔަޝްމީވެސް ރަށަށޭ އަންނަންވީ! މަންމަމެން މަސްކައްކާ ހަދާއިރު ފަސޭހަ ވާނެދޯ އޭނަވެސް މިތާ ހުރިއްޔާ! "

ޝަހާނާ އަނެއްކާވެސް ކުދި ކިޔާ އުސޫލުން ވާހަކަ ދެއްކިއެވެ. ޝަހާނާ އެހެން ބުނުމުން އޭނާ ކޮންމެެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރިކަން ފާއިޒާއަށް އެެނގުނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (21)

ސިލްސިލާ ވާހަކަ: ޝިކާޔަތު (21)

(ނިމުނީ)