ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ.

Ad
rt

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލަށެވެ. މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް ވަނީ ހަދިޔާކޮށްފައެވެ. އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސް އަށް ވެސް ދެ އެމްބިއުލާންސް ވަނީ ހަވާލުކޮށްފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މި ހަވާލުކުރެވުނު އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ތަކެއުޗި މިދޯރީއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އަހުމަދު ނަސީމެވެ.

ހެލްތު ފެސިލިޓީތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރުންނެވެ.