ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް އެލަވަންސް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ސްކޫލުގައި މީގެ އަހަރުތަކެއް ކުރިން، ބައެއް އަހަރުތަކުގައި އޭލެވެލްއަށް ކިޔަވައިދީފައިވެއެވެ. ނަމަވެސް އޯލެވެލް ނިންމައި ރަނގަޅު ނަތީޖާ ހޯދާ ގިނަ ދަރިވަރުންތަކެއް އޭލެވެލްއަށް ގުޅެން ބޭނުންނުވުމާއި، ބައެއް ދަރިވަރުން ނަތީޖާދައްވެ އޭލެވެލްއަށް ވަދެވޭވަރު ނުވާތީ، އެކަށީގެންވާވަރަށް ކުދިން ނުލިބި އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުން ހުއްޓިފައި އޮންނަތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ.
ހަނިމާދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ މި ދައުރުގެ އެ ކައުންސިލްގެ 99 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމާފައިވަނީ ހަނިމާދޫ ސްކޫލުގެ އޭލެވެލްއަށް ކުދިން ވެއްދުމަށް ހުޅުވާލުމުން އެކަމަށް އެދި އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 15 ދަރިވަރުންނަށް ކޮންމެ މަހަކު 2000 (ދެހާސް) ރުފިޔާގެ އެލަވަންސްއެއް ދިނުމަށެވެ.
މިގޮތުން ކައުންސިލުން ވަނީ މަހެއްގެ މައްޗަށް 30،000 (ތިރީސްހާސް) ރުފިޔާ އެ ދަރިވަރުންގެ މައްޗަށް ޚަރަދުކުރަން ނިންމާފައެވެ. މިކަމަށް ކައުންސިލް ބަޖެޓުން އަހަރަކު 360،000 (ތިންލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ޚަރަދު ވާނެއެވެ.
އެ ކައުންސިލުން މި އެލަވަންސް ހަމަޖެއްސުމުގެ މަޤުޞަދަކީ ހަނިމާދޫ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުން ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ ސްކޫލަކީ ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމެވެ. އެ އެލަވަންސް ދިނުމުގައި ހަނިމާދޫ ދަރިވަރެއް ނުވަތަ އެހެން ރަށެއްގެ ދަރިވަރެއް ތަފާތު ކުތުމެއް ނޯންނާނެ ކަމަށާއި، އެހެން ރަށްރަށުގެ ދަރިވަރުން ވެސް އޭލެވެލް ކިޔަވަން ހަނިމާދޫއަށް ގެނައުމަކީ އެ ކައުންސިލުގެ ވިސްނުމެއް ކަމުގައި އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!