ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ‘’ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023’’ އިއްޔެ ފަށައިފިއެވެ.
ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި ފިއެސްޓާ ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އެވެ.
މި ފިއެސްޓާ ހުޅުވި މެޗުގައި ބްލެކް ކޯނަރ އާއި ފިއުރިއަސް އެވެ. މި މެޗް ބްލެކް ކޯނަރ ކާމިޔާބު ކުރީ 2-0 އިންނެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ބްލެކް ކޯނަރގެ އަލީ ޒިދާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޖާޒީ ނަންބަރު 99 އަލީ ޒިދާންއެވެ.

ދެވަނަ މެޗުގައި އަލް ޔަގިޝްގެ މައްޗަށް ބްލެކް ކޯނަރ ލަޔަންސް 0-2 އިން ކާމިޔާބު ހޯދިއިރު، އެޓީމަށް ގޯލުތައް ޖަހައިދިނީ އިބްރާހީމް އީވާން އާއި ހަސަން ފައިރޫޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖާޒީ ނަންބަރު 17 ހަސަން ފައިރޫޒް އެވެ.
ތިންވަނަ މެޗުގައި ލެއިޓްވޮލްފް ވަނީ އެފްސީ ބިގް 7-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ލެއިޓްވޮލްފް އަށް އެ ޓީމުގެ ހުސައިން ވިޔާމް 3 ލަނޑު ޖަހައިދީފައިވާއިރު، އެ ޓީމުގެ އިސްމާއިލް ޝާފިއު ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަދި އާދަމް އަޒްހާން އާއި މުހައްމަދު ޖުނައިދު ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖަހައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ތިން ގޯލު ޖަހައިދިން ހުސައިން ވިޔާމް އެވެ.
މި ފިއެސްޓާގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެއެވެ. މިއަދު 16:30 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިއުރިއަސް ޖޭއާރު ބްލެކް ކޯނަރ އެފްސީ އެވެ. ދެވަނަ މެޗުގައި މިރޭ 20:30 ގައި ބައްދަލު ކުރާނީ އެފްސީ ބިގް އާއި ފިއުރަސް އެވެ. މިއަދުގެ ފަހު މެޗުގައި ލެއިޓްވޮލްފް އާއި ބްލެކް ކޯނަރ ލަޔަންސް ބައްދަލު ކުރާނީ 21:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!