ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ރިޔާސީ އިންތިޚާބުގައި ވާދަވެރިން ބަލިކޮށްލައްވާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައި، މިހާރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ރޭ ވަނީ ށ. ފޯކައިދޫގައި ލޯންޗް ކޮށްފައެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ލޯންޗް ކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ރޭ ވިދާޅުވީ، އެކަމަށް އިއްޔެ ފެއްޓެވި ދަތުރުގައި ފޯކައިދޫ އަކީ ހަތަރު ވަނަ މަންޒިލް ކަމަށެވެ. މިގޮތުން ކޮމަންޑޫން ފެށި ދަތުރު ނޫމަރާ އަށާއި މަރޮށްޓަށް ޒިޔާރަށް ކުރެއްވުމަށްފަހު ފޯކައިދޫ އާއި ހަމައަށް މި ސަރުކާރުން ހިނގި 8 މަޝްރޫޢޫ އިފްތިތާޙްކޮށް ދެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެއީ އެންމެ ހަތަރު ރަށުގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑުމެންނާ ވާދަކުރައްވަން ނުކުންނަވާ ބޭފުޅުން އަޅުގަނޑު އަބަދުވެސް ދަންނަވާހެން ބޮލަށް ދޮލަނގެއް ލައިގެން ދޮލަނގަށް ފިތުނަ ލައިގެނެ، އެ ވިއްކޭތޯ އުޅެނީ، މިއަދަކު ދިވެހިރާއްޖޭގެ ރައްޔިތުންނެއް އެ ފިތުނައެއް ބަލައެއް ނުގަންނާނެ، ވާދަކޮށްލަން ބޭނުންފުޅުވާނަމަ ނިކަން ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުންނަބައްލަވަ، އެހެންނޫނީ އެވަނީ ބޮޑުތަނުން ބަލިވެފަ، މިރޭ ފަށާއިރު ބޮޑުތަނުން ބަލިވެއްޖެ،'' ޝާހިދު ވިދާޅުވިއެވެ.
''މިއަދު މިދިޔަ ހަތަރު ރަށުން އަޅުގަނޑުމެންގެ ވާދަވެރިންނަށް ލިބޭނެ ވޯޓެއްނެތް، ބޮޑުތަނުން ނިމިއްޖެ މިކަން، މިބޮޑު ތިލަދުންމަތިން، ރައީސްގެ މަސައްކަތުން ބޮޑުތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ވާދަވެރިން ބަލިކޮށްލާނަން، މިކަން ނިމިއްޖެ'' ޝާހިދު އިތުރަށް ވިދާޅުވެފަވެއެވެ.
ޝާހިދު ވިދާޅުވީ، އަތާއި އަތްގުޅާލައިގެން ނުކުމެ ތިއްބެވީ ފިތުނަ އުފައްދަން ނުކުމެ ތިބި މީހުން ބަލިކޮށް، އެމީހުންކިބައިން ގައުމު ސަލާމަތްކުރަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!