ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާފައިވާ ގޮތް ބަދަލު ކުރަން މިއަދު ފާސްކޮށްފިއެވެ.
މިގޮތައް ފާސްކުރީ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލް ކުރަމުން އައިގޮތަށް ބޮޑު ބަދަލުތަކެއް އައިސްފައިވާތީ، ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ދިވެހި ރައްޔިތުންގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމަންޓަރީ ގްރޫޕުން ހުށަހެޅުމުންނެވެ.
މަޖިލީހުގައި މެންބަރުން ތަމްސީލްކުރަމުން އައިގޮތައް ބޮޑު ބަދަލެއް އައިސްފައިވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން 13 މެންބަރަކު ވަނީވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިސްދޫ ދާއިރާއަށް އިންތިޚާބުވި ޢަލީ ހަމީދާއި، ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) ވަނީ އެމްޑީޕީއާ ގުޅިފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހުށަހެޅުމާމެދު ކޮމެޓީ ރިޕޯޓަށް ގޮތް ނިންމަން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާއެއް ބާއްވާފައެވެ.
މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީތައް އެކުލަވާލުމަށް ކޮމެޓީ ރިޕޯޓުގައި އޮތް އެންމެ ފުރަތަމަ ހުށައެޅުން ފާސްކޮށްފަ އެވެ. އެ ހުށަހެޅުމަކީ އެމްޑީޕީން ހުށަހެޅި ހުށަހެޅުމެވެ. މިގޮތައް ފާސްކޮށްފައި ވަނީ ޖުމްލަ 35 މެންބަރުންގެ ވޯޓާއެކުއެވެ. އެމްޑީޕީގެ ހުށަހެޅުމާ ދެކޮޅަށް 14 މެންބަރަކު ވޯޓު ދެއްވިއެވެ.
އެމްޑީޕީގެ ހުށަހެޅުމުގައި ވަނީ އެ ޕާޓީގެ މެންބަރުންނަށް ދާއިމީ ކޮމެޓީތަކުގެ 64 ޕަސެންޓް، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް 21 ޕަސެންޓް، ޕީޕީއެމްއަށް 06 ޕަސެންޓް، ޕީއެންސީއަށް 03 ޕަސެންޓް، އެމްއެންޕީ އަށް 03 ޕަސެންޓް، ޖޭޕީ އަށް 02 ޕަސެންޓް އަދި އެމްޑީއޭއަށް 02 ޕަސެންޓް ދިނުމަށެވެ.
މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ވަނީ އިސްލާހްތަކެއް ހުށަހަޅާފައެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!