ހދ. މަކުނުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، އެ ރަށްޔިތުންގެ އެކަނިވެރިކަން ފިލުވާލަދެއްވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ މަކުނުދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށްފަހު ދެއްކި ވާހަކާގައެވެ.

Ad
rt

ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މިހާތަނަށް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަކުނުދޫއަށް ވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިޚާބަށް އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ދައުރުގެ ތެރޭގައި އެ ރަށަށް ވަޑައިގަތީ އެންމެ ދެ ވަޒީރުންކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ދައްކައި ދެނީ މި ސަރުކާރުން އެރަށުގެ ރައްޔިތުންނާމެދު އަޅާނުލާކަން ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށްނަކީ ވަރަށް ތަކުލީފީ ހަޔާތެއް ވޭތުކުރާ ބަޔެއްކަމަށެވެ. އަދި އެރަށުގެ ރައްޔިތުންގެ އެކަނިވެރިކަން ފިލުވާލަދީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިގޮތުން އެރަށުގައި އެއާޕޯޓެއް ތަރައްގީކޮށް ދިނުމާއި، އެއާޕޯޓް ތަރައްގީ ކުރެވެންދެން ރަށް ކައިރީ ހުޅުވޭ ރިސޯޓް މެދުވެރިކޮށް އެއާޓެކްސީގައި ދަތުރުކުރެވޭގޮތް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ހޮސްޕިޓަލެއް ތަރައްގީކޮށްދީ، އެތަނުގައި އަންހެނުނަނަށް ހާއްސަ ޖާގަ ތަރައްގީކޮށް އަންހެނުންގެ ޑަކްޓަރުންގެ ޚިދުމަތް ލިބޭނެގޮތް ހަދައިދީ، ސްކޭންކޮށް އެކްސްކްރޭ ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.

މަކުނުދޫގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ 14 ބިމެއް އޮތްކަން އިނގިވަޑައިގެންފައިވާ ކަމަށާއި، އޭނާގެ ސަރުކާރެއްގައި އެ ބިންތަކުގައި ގެސްޓް ހައުސް އަޅައިދިނުމަށްފަހު ބިންތަކުގެ ވެރި 14 ޒުވާނުންނަށް ދޭނީ ތަޅުދަނޑި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެރަށުގެ ފުޓްބޯޅަ ކުޅޭ ދަނޑުގެ ހާލަތު ވަރަށް ދަށްކަމަށާއި، އޭނާގެ ސަރުކާރެއްގައި ރަނގަޅުފެންވަރުގެ ދަނޑެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރެއް ނުލިބުނުނަމަވެސް އަމިއްލަ ޖީބުން ނަމަވެސް އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ކެމްޕޭން ހަރަކާތް ހިންގެވުމަށްފަހު އިއްޔެ ވަނީ މަކުނުދޫގެ އިތުރުން ވައިކަރަދޫ އަށާއި ނެއްލައިދޫއަށް ވެސް ވަޑައިގެންފައެވެ.