ކުރިއަށް އޮތް ސީޒަންގައި އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުން ނޫންގޮތެއް ނޯންނާނެ ކަމުގައި އެ ކުލަބުގެ ރައީސް ނަސީރު އަލް ޚެލައިފީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އެ ޓީމްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭ، ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ.
އުމުރުން 24 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އަލް ޚެލައިފީ ބުނީ އެމްބާޕޭ ޓީމްގައި ބަހައްޓަން އެ ކުލަބުން ބޭނުންވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ސީޒަންގައި އޭނާ ޕީއެސްޖީގައި މަޑުކުރަން ބޭނުންނަމަ އެ ކުލަބާއިއެކު ހަދާފައުވާ އެއްބަސް ވުން އައުކުރަން ޖެހޭނެ ކަމަށެވެ.
އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެމްބާޕޭ ވަނީ އަންނަ ސީޒަންގައި ޕީއެސްޖީގައި މަޑުކުރަން އޭނާ ބޭނުންވާ ކަމަށާއި ނަމަވެސް ކޮންޓްރެކްޓް އައުކުރަން ބޭނުންނުވާކަން މީގެ ކުރިން އެ ކުލަބަށް އަންގާފައެވެ. ނަމަވެސް އަންނަ ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ޓީމް ދޫކޮށްލުމުގެ ފުރުޞަތު ދޭކަށް ޕީއެސްޖީން ބޭނުމެއް ނުވެއެވެ.
"ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ ޓްރާންސްފާއެއްގައި ޓީމް ދޫކޮށްލުމަކީ ވާނޭ ކަމެއް ނޫން" އަލް ޚެލައިފީ ބުނެފައިވެއެވެ.
އެމްބާޕޭއަކީ ސްޕެއިންގެ ރެއާލް މެޑްރިޑުން އެ ޓީމަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔާއެވެ. މިގޮތުން ރެއާލުން ފާއިތުވި ދެ އަހަރު ވެސް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަންގައި ޕީއެސްޖީގައި މަޑުކުރުމަށް ފަހު ސީޒަން ނިމުމުން ފްރީ ޓްރާންސްފާއެއްގެ ދަށުން އޭނާ ރެއާލަށް ބަދަލުވާން ވަނީ ނިންމާފައެވެ.
މޮނާކޯ ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ފުރަތަމަ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. އެ ސީޒަން ނިމުމުން ޕީއެސްޖީން ވަނީ އޭނާއާއިއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.
ފާއިތުވި ހަ ސީޒަންގައި އޭނާ ޕީއެސްޖީއަށް ކުޅެދިން 260 މެޗުގައ އޭނާ ވަނީ 212 ލަނޑު ޖަހާފައެވެ. އެ ހަ ސީޒަންގައި އޭނާ ވަނީ ޕީއެސްޖީއާއިއެކު ފަސްފަހަރު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ. އެ ކޮންމެ ސީޒަނެއްގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ އޭނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!