މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ތަމްރީން ކުރުމަށް ނެދަލެންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެންއެމްޔޫސީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޗެއާމަން ދާޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.

Ad
rt

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ފަހުމުނާމާއަކީ އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތައް ބަލައި އެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ މުވައްޒަފުން ތަމްރީންކުރުމަށް މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެންއެމްޔޫސީ އަކީ މެރިޓައިމް ދާއިރާއަށް ހާއްސަ އިންސްޓިޓިއުޓެއް ކަމަށާއި ފައުންޑޭޝަން ޕްރޮގްރާމުތަކުން ފެށިގެން ކޮލެޖް ޑިގްރީ އަދި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ވެސް އެމްޕީއެލްގެ މުވައްޒަފުންނަށް ފަހިވެގެންދާނެ ކަމަށެވެ. މިއީ މުވައްޒަފުންނާއި ކުންފުންޏަށް ވެސް މީގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

“ކޮލެޖު ޑިގްރީތަކަށް އަޅުގަނޑުމެން ކޮންމެ އަހަރަކު އެބަ ފޮނުވަން ހަ ކުދިން. އޭގެ އިތުރުން ވަރަށް ބައިވަރު ޝޯޓް ޓާމް ޓްރެއިނިންގ ޕްރޮގްރާމްތައް ވެސް އެބަ ހިންގަން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ޓާގެޓް ކުރަން އެންއެމްޔޫސީ ކަހަލަ ޓެކްނިކަލް އެޑްވާންސް އަދި ވަކިން ހާއްސަކޮށް މެރިޓައިމް އިންޑަސްޓްރީގެ ތަނަކަށްވާތީ އަޅުގަނޑުމެންގެ ޓްރެއިނިން ޕްރޮގްރާމްތައް ވީހާވެސް އެ މީހުންނާ ގުޅިގެން ކުރިއަށްގެންދެވޭނެ ގޮތަކަށް” ޝާހިދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށާއި ރާއްޖޭގެ މެރިޓައިމް ވިޔަފާރި ކުރިއެރުވުމަށް ރިސާޗް ޕްރޮގްރާމްތައް ހިންގުމަށް އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެން މަސައްކަތް ކުރާނެއެވެ.

އެންއެމްޔޫސީގެ ޗެއަރމަން ދާޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށެވެ. އަދި މެލޭޝިއާގައި ހުރީ ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް ކަމަށާއި ޕޯޓްގެ ދާއިރާގައި ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ ކަމަށެވެ.

އެންއެމްޔޫސީއަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީގެ މައި ކެމްޕަސް ހުންނަނީ މެލޭޝިއާގެ ޖޮހޯރުގައެވެ.