ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާފައިވާ ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ.

މި މައްސަލާގައި ހިފައްޓާފައި އޮތް މަންޑޭގެ ޕާސްޕޯޓު 45 ދުވަހުގެ މުއްދަތަށް ދޫކޮށްލަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

މަންޑޭ ހައްޔަރުކުރަން އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވާއިރު، އެ އަމުރު ނެރުނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަންޑޭއަކީ ކޭ ޕާކު ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެވެ.

ކޭ-ޕާކްގެ އެޕާޓްމަންޓުތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ކޭ ޕާކު ފްލެޓްތަކުގެ މައްސަލާގައި މަންޑޭގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.