އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރ ސަންޑްރޯ ޓޮނާލީ ނިއުކާސަލަށް ސޮއިކޮށްފިއެވެ.
އަންނަ ސީޒަންގައި ނިއުކާސަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެއެވެ. ޓޮނާލީއަކީ މި ޓްރާންސްފާ މާކެޓްގައި އެ ޓީމުން ސޮއި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 23 އަހަރުގެ ޓޮނާލީ ނިއުކާސަލާއި ގުޅިފައި މި ވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
މިލާނުން 2021/22، ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެ ޓީމުގެ މެދުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް މިލާން ގެންދިޔުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.
ޓޮނާލީ ފުރަތަމަ ފާހަގަ ކުރެވުނީ އިޓަލީގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ބްރެޝިއާއިންނެވެ. އެ ޓީމް 2018/2019 ސީޒަންގައި އިޓަލީގެ އެއްވަނަ ޑިވިޝަނަށް ކޮލިފައިވިއިރު ޓޮނާލީއަކީ އެ ޓީމްގެ މެދުތެރޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެ ސީޒަނަށް ފަހު އެ ޓީމް ރެލިގޭޓްވުމުން، އޭނާ ދެން ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން މިލާނަށެވެ. އެއީ 2020 ވަނަ އަހަރުއެވެ. އެ ސީޒަން ނިންމުމަށް ފަހު މިލާނުން 2021 ވަނަ އަހަރު އޭނާގެ ކޮންޓްރެކްޓް ދާއިމީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!