މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގުޅިފަޅުގެ ބިން ހިއްކުމަށް ޖުލައި 2 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކެއްގޮތުގައި މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

މީގެ އިތުރުން ފްލެޓް އަޅައިގެން ހިންގި މަޝްރޫއުތައް ވެސް އަދި ގޯތި ދޫކުރިއަސް އެ މަސައްކަތް ކުރިއަށްގެންދިޔައީ، ވަރަށް ލަސްކޮށް، ކުދި ޕްރޮޖެކްޓްގެ ގޮތުގައިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ބޮޑު މައްސަލައަކަށް ހައްލު ގެނައުމަށް، މަސައްކަތުގެ ސްޕީޑް ވަރަށް މުހިންމުކަން ވެް ވަނީ ފާހަގަކުރައްވާފައެވެ.

"ކުދިކުދި، މަދު މަޝްރޫޢުތަކެއް ހިންގުމުގެ ބަދަލުގައި އެއްފަހަރާ ހިންގޭ ބޮޑު ބިޔަ، މަޝްރޫއަކީ މިކަމަށް ލިބޭނެ އެންމެ ބޮޑު ހައްލު. އެތިއެތިކޮޅުން ގޯތިވިއަސް ފްލެޓްވިއަސް ދެމުންދިޔައީ. 200، 400 ފްލެޓް އަޅާފާނެ. ބިންކޮޅެއް ދީފާނެ." ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިހާރު މިހިންގޭ ބޮޑު މަޝްރޫއަކީ ވަރަށް ވިސްނަވާފައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން މަސައްކަތް ފެށިނަމަވެސް، ކޮވިޑުގެ ސަބަބުން ބޮޑު މަޑުޖެހުމެއް އައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެހެންނޫން ނަމަ، މި މައްސަލައަށް ވަރަށްބޮޑު ހައްލެއް މިހާރުވާނީ ލިބިފައި ކަމަށެވެ.