ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރަން އެމަނިކުފާނު ހުށަހެޅުއްވުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ.

Ad
rt

އެ މައްސަލާގެ އަޑުއެހުމެއް ބުދަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

އިސްތިއުނާފް ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީ އެވެ. އެހެންވެ, އެ މައްސަލަ އަވަސްކުރަން އެމަނިކުފާނު އޮތީ އެދިވަޑައިގެންފަ އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލަ މިހަފުތާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާނެ އެވެ.

ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. މި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.