ހދ. ކުމުންދޫ ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިއަދު ވިދާޅުވީ، ކުމުންދޫ ނެރު މައްޗައް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ބަންޑުން ޖަހާލާފަ ވާކަމަށެވެ.

Ad
rt

މި ޑިންގީ އިން ދަތުރު ކުރިން 6 މީހުން ވެސް ވަނީ ސަލާމަތް ކުރެވިފައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

''ޑިންގީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި'' އަމީން ވިދާޅުވެފަވެއެވެ.

މީގެ ކުރިން ވެސް ކުމުންދޫ އަށް އުޅަނދުފަހަރު ވަނުމުގައި މިފަދަ ހާދިސާތައް ހިނގާފަވެއެވެ. މިގޮތުން މި އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ވަނީ ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި އެރަށު ނެރު މައްޗަށް އުރިފައެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ފަނަރަވަރަކަށް މީހުން ތިބިއިރު، އޭގެތެރެއިން ހަތަރު ވަރަކަށް މީހުންނަށް ތަންތަން މަށައިގެންދިޔުން ފަދަ އަނިޔާތަށް ލިބި، އަދި ދޯނީގައި ހުރި ބައެއް މުދާ ވެސް އެ ސަރަހައްދަށް ގެއްލިފައިވެއެވެ.