" ހާރޫން އުޅެނީ މާލޭގައިތަ؟"
ފާއިޒާ އެހިއެވެ. ފާއިޒާގެ ސުވާލުން ހާރޫން ހީލިއެވެ. އަދި ފެންފޮދެއް ބޯލަމުން ބުންޏެވެ.
" އެތަންމިތަނުގައި މިއުޅެންޖެހެނީ! "
" އެހެންތަ؟ ވަޒީފާގެ ގޮތުން ތިހެން އުޅެން ޖެހުނީމަ އަނބިދަރިންނަށްވެސް ވަރަށް އުނދަގޫވާނެތާ! "
ފާއިޒާގެ ދެވަނަ ޖުމްލައިން ޖާވިދްއަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ. މަންމަގެ ސުވާލުތައް ނުހުއްޓޭނެކަން ޖާވިދަށް އެނގެއެވެ.
" މިހެން އުޅެން ޖެހޭތީ ކަންނޭނގެ އަދި އެކަހަލަ ކަމަކާ ނުވިސްނަން!"
ހާރޫން ފަސޭހަ ކަމާއިއެކު ބުނެލިއެވެ. އޭނާގެ ވާހަކައިން އަދި ދިރިއުޅުމެއް ނުފަށާކަން ފާއިޒާއަށް އެނގުނެވެ.
" ކަމެއް ބޭނުންވިޔަސް އަޅުގަނޑުމެން ކޮންމެ މީހަކު ގާތު ބުންޏަސް ކޮށްދޭނެ! ބުނަން ނުކެރިފައި..... "
" އަޅުގަނޑު ކިޔާފައި ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ! އަހަންނަކީ އެހާ މަތީ މީހެއް ނޫނޭ! ހާރޫން ކީމަ އަހަރެން އުފާވާނެ! "
ޖާވިދްއަށް ވާހަކަ މެދުކަނޑާލަން ޖެހުނީ ހާރޫން ވާހަކަ ދައްކަން ފެށުމުންނެވެ. އެއާއިއެކު ޖާވިދްގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ.
****
ރޭގަނޑުގެ ވަގުތެވެ. ޝާކިރު މެދުގޭތެރެއަށް ނިކުތީ ދުފާދަޅު ހޯދާށެވެ. އޭރު ސަރަންފީގައި ޖާވިދް އިނެވެ. ކުރީ ދުވަހުގެ ދެބަސްވުމާއިއެކު ޝާކިރު އަދިވެސް ހުންނަނީ މާޔޫސްވެފައެވެ. އެކަމާ ޖާވިދަށްވެސް ލިބެމުންދަނީ ނުތަނަވަސްކަމެވެ.
" ބައްޕަ އަަދިވެސް އެކަމާ ހިތްހަމަ ނުޖެހިފައިތަ؟"
ސަރަންފީގައި ޝާކިރު އިށީނުމާއިއެކު ޖާވިދް އެހިއެެވެ. އެއާއިއެކު ޝާކިރު ހިނިތުންވެލަމުން ޖާވިދްގެ މޫނަށް ބަލައިލިއެވެ.
" ހިތްހަމަ ނުޖެހިފައެއްނޫން! އެކަމަކު ދަރިފުޅުގެ އުފަލަށްޓަކައި ބައްޕަވެސް މިހުރީ ގޮތެއް ކަނޑައަޅައިގެން..."
ޝާކިރު އެހެން ބުނުމުން ޖާވިދް ޝައުޤުވެރިވިއެވެ.
" ކިތަންމެ ޚަރަދު ދިޔަސް ޔަޝްމީވެސް ގޮވައިގެން ބަދަލުވާނީ! އޭނަ ބަހައްޓާފައެއް ނުދެވޭނެ! މިބުނީ ބައްޕަގެ ނިންމުން. ދެން ގޮތް ނިންމާނީ ދަރިފުޅު..."
ޝާކިރު އެހެން ބުނުމާއިއެކު ޖާވިދް ބޯ ޖަހާލިއެވެ.
***
" ހަމަ އަސްލުވެސް ބައްޕަ އެއްބަސްވީތަ؟ ހަމަ ތިހެން ބުނިތަ؟ "
ޝަހާނާ ޖާވިދްއަށް ބަލައިލީ ހައިރާންކަމާއިއެކު އުފަލުންނެވެ. އޭރު ޖާވިދް ދިޔައީ ފެންވަރަން ވަންނަން ތައްޔާރުވަމުންނެވެ. ޝަހާނާގެ އުފާވެރި މޫނު ފެނުމުން އޭނާ މާލެދާން ބޭނުންވާވަރު ޖާވިދްއަށް އިޙްސާސް ކުރެވުނެވެ.
" ބައްޕަ އެއްބަސްވީ އެގޮތަށް! އެކަމަކު 3 ކޮޓަރީގެ ތަނެއް ހިފައިގެން އަހަންނަކަށް ޚަރަދު ހިފަހައްޓައެއް ނުލެވޭނެ! އެހެންވެ މިހާރު އެ ޚިޔާލު ދޫކޮށްލަން މި ވިސްނަނީ!"
ޖާވިދް އެހެން ބުނުމާއިއެކު ދުުރުގައި ހުރި ޝަހާނާ ދުވެފައި އައިސް ޖާވިދްގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.
" ނޫން ނޫން ނޫން ނޫން! ޚިޔާލު ދޫކޮށްލައިގެން ނުވާނެ! ތިޔަ ހިތަކީ އެނބުރޭ ވަހުތާނެއް ކަމަކަށް ހިއެއް ނުކުރަން! ބުނާބަހުގަ ހާދަ އިތުބާރެއްވެސް ނެތޭ! "
ޝަހާނާގެ ވާހަކަ ހުރި ގޮތުން އޭނާ ހިތްހަމަ ނުޖެހުނުކަން ޖާވިދަށް އެނގުނެވެ. އެއްޗެއް ނުބުނެ ޖާވިދް ތުވާލި އަނދެލިއެވެ.
" ބައްޕަ ބޭނުންވަނީ ޔަޝްމީވެސް މާލޭގައި ދިރިއުޅެން ދޯ! އެހެންވީމަ ފުރަތަމަ ޔަޝްމީވެސް ގޮވައިގެންދާނީ! މަންމަމެން ކޮަޓަރީގައި ދުވަސްކޮޅަކު އުޅެވިދާނެއެއްނު! ދެން އެތަނުގައި ދިރިއުޅެންޏާ އޭނައަށް އެތަނުން އިންނާނެ މީހަކުވެސް ވެދާނެ! ކޮންމެހެން ބައްޕަ އެހެން ބުނެގެން ޚިޔާލު ދޫކޮށްލާކަށް ނުޖެހޭނެ!"
ޔަޝްމީ ގޮސް އެނދުގައި އިށީނެވެ. ޖާވިދް އެއްޗެއް ނުބުނެ ގޮސް ފާޚާނާއަށް ވަނެވެ. އޭރުވެސް ޝަހާނާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
***
ޔަޝްމީ ކާގެއަށް ދިޔައީ މާފެން ސައިތައްޓެއް ބޯލާހިތުންނެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހަނީއެވެ. ނިދުމުގެ ކުރިންވެސް ހޫނުކޮށް ސައިތައްޓެއް ބޮއިލުމަކީ އޭނާގެ އާދައެކެވެ. ތަރުމޯޒުން ސައިތައްޓެއް އަޅައިގެން އޭނާ ގޮސް އިށީނީ މޭޒުކައިރީގައެވެ. ހަމަ އެވަގުތެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުމަތީގައި ހުއްޓުނު ހާރޫންއެވެ. އެއާއިއެކު ޔަޝްމީއަށް ގޮނޑިން ތެދުވެވުނެވެ.
" ހޫނު ފެންފޮދެއް ލިބިދާނެތަ؟ "
ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
" ކަރުގައި ރިއްސާތީވެ ކުޑަކޮށް ކަރު ދޮވެލަން ވެގެން"
ހާރޫން އެހެން ބުނުމަށްފަހު ކާގެއަށް ވަނެވެ.
" މިތާ މަޑުކޮށްލާ! މި އަންނަނީ ހިފައިގެން"
ޔަޝްމީ އެހެން ބުނުމަށްފަހު ބާރުބާރަށް ހިނގައިގަތީ ބަދިގެއަށް ދާށެވެ. ހޫނު ފެންތައްޓެއް ހިފައިގެން އެނބުރި އައިސް ހާރޫންގެ ކުރިމަތީގައި ބެހެއްޓުމާއިއެކު ހާރޫން ބުންޏެވެ.
" ޝުކުރިއްޔާ! އެކަމަކު އަދި ލުނބޯ ކޮޅެއްވެސް ބޭނުން.."
އޭނާގެ އެދުމަށް ޔަޝްމީ ހިނގައިގަތީ ދުރުގައި ކާގޭގައި ހުރި ތަށީހަރުގަނޑުގައި އޮތް ލުނބޯ ކޮތަޅު ނަގާށެވެ.
" އާހް! "
ޔަޝްމީގެ އަޑަށް ހާރޫން ސިހިފައި ފަހަތް ބަލައިލިއެވެ. އެވަގުތު ޔަޝްމީގެ އަތުން ވަޅި ދޫވެގެން ވެއްޓިއްޖެއެވެ. އޭރު ޔަޝްމީގެ އަތުން ލޭ އަންނަމުންދެއެވެ. އަތަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ބިރުގަނެފައެވެ. ތެދުވެގެން ބާރުބާރަށް ގޮސް ހާރޫން ހިފެހެއްޓީ ޔަޝްމީގެ އަތުގައެވެ. އެއާއިއެކު ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. ހާރޫންގެ ގައިން އޭނާއަށް ދުވީ ދުވަހަކުވެސް ނުދުވާފަދަ މީރުވަސްދުވާ ސެންޓެއްގެ ވަހެވެ. އެ ސާފު އަލި މޫނު އޭނާއަށް އެހާ ގާތުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ދިގު އިސްކޮޅެއްގެ ވެރި ހާރޫން، ޔަޝްމީގެ ކުރިމަތީގައި އެހާމެ ގާތުގައި ހުއްޓުމުން އޭނާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. ދުރުން އައިސް އައިސް ހުރި ޝަހާނާއަށް އެމަންޒަރު ފެނުނީ ކާގޭ ކުޑަދޮރުންނެވެ. އެހެންކަމުން އަތް އުރާލައިގެން އޭނާ ހުރިފިޔަވަޅު މަތީގައި ހުއްޓުނީ ހިތުގައި އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.
" ލޭ މަނާ ވާނީ ބާރަށް އިނގިލީގައި ހިފަހައްޓާލީމަ! "
އޯގާތެރިކަމާއިއެކު ހާރޫން އެހެން ބުނުމާއެކު ޔަޝްމީ އޭނާގެ އަތުން އަތް ދަމައިގަތެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމާއި ހާސްކަމުގެ އަސަރުތަކެވެ. ހާރޫންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޔަޝްމީ ބާރުބާރަށް ބޭރަށް ނިކުތެވެ. އެއާއިއެކު ބޭރުގައި ހުރި ޝަހާނާ ފެނުމުން އޭނާއަށް ކުޑަކޮށް މަޑުޖައްސާލެވުނެވެ. ނަމަވެސް އެއްޗެއް ނުބުނެ ގެއަށް ވަންނަން ދުއްވައިގަތީ ޝަހާނާ ކޮށްފާނެ ސުވާލެއް ނޭނގޭތީއެވެ. އޭރުވެސް ޔަޝްމީ ހުރީ އޭނާގެ އެއް އަތުން، އަނެއް އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ.
އެއްމިޔަކަނުން ހެވިފައި ހުރެ، ޝަހާނާ ކާގެއަށް ވަންނަން ހިނގައިގަތް އިރު ހާރޫން ނިކުންނަނީއެވެ. އޭރު ޝަހާނާގެ މޫނުމަތިން ފެންނަމުންދަނީ މަލާމާތުގެ އަސަރުތަކެވެ.
" ކިހިނެއްވީބާ ޔަޝްމީ ދުވެފައި އެދިޔައީ ؟ "
ޝަހާނާގެ އަޑަށް ހާރޫންގެ މޭ ތެޅިގަތެވެ. ދޭނެ ޖަވާބެއް ނޭނގި، އިރުކޮޅަކު އޭނާއަށް ހުރެވުނެވެ.
" އަތް ކެނޑިގެން.. "
ހާރޫން އެހެން ބުނުމަށްފަހު ލުއި ގޮތަކަށް ހީލިއެވެ. އަދި އަތުގައި ހުރި ހޫނު ފެންތަށި ހިފައިގެން ގެއާއި ދިމާއަށް ހިނގައިގަތެވެ. ހާރޫން ގޮސް ގެއަށް ވަންނަންދެން ޝަހާނާ ހުރީ އަނގަ އޫ ކޮށްގެން ހާރޫންއަށް ބަލަހައްޓައިގެންނެވެ.
" އަހަރެންގެ ހިތް މި ކިޔަނީ ކީކޭތަ؟ ހިތަށް އަރާ އެއްޗެއް ބޮލަށް ނުވަދެގެން މިއުޅެނީ! "
ހިތާހިތާ ޝަހާނާއަށް ބުނެވުނެވެ. އޭނާ ގޮސް ކާގެއަށް ވަދެ، މޭޒު ކައިރީ މަޑުކޮށްލިއެވެ. އެއާއިއެކު މޫނުމަތި އުޖާލާވެގެން ދިޔައީ ހިތް ބުނަމުންދާ ހުރިހާ ވާހަކަތަކެއްވެސް އޭނާއަށް އޮޅުންފިލާގޮތް ވުމުންނެވެ.
" އޯހް! ރަނގަޅު! ވަރަށް ރަނގަޅު! "
ޝަހާނާއަށް ބޯ ޖަހާލެވުނެވެ. އޭރު އޭނާ ހުރީ ކާގެއަށް އައި ބޭނުންވެސް ހަނދާން ނެތިފައެވެ. އެހެންކަމުން އެނބުރި ނިކުމެގެން ދިޔައީ ބޮޑު އުފަލެއް ލިބިގެން ކަހަލަ ގޮތަކަށެވެ. އޭނާގޮސް ކޮޓަރިއަށް ވަތްއިރު ޖާވިދް އޭނާގެ އިންތިޒާރުގައި އޮތެވެ.
" ހާދަ ލަސްވީ؟ ދެން އާދެބަލަ! "
ލޯތްބާއިއެކު ޖާވިދް ގޮވާލިއެވެ. އޭރު އޭނާގެ ދެލޮލުން ފެންނަމުންދަނީ ނިދީގެ އަސަރުތަކެވެ. ފުޅާ ހިނިތުންވުމެއްގައި އައިސް ޝަހާނާ އެނދުމަތީ އިށީނެވެ.
" ހާދަ ހެވިފައި؟ "
ހައިރާންކަމާއިއެކު ޖާވިދް ސުވާލުކޮށްލިއެވެ. އޭރުވެސް ޝަހާނާގެ މޫނުމަތިން ފެންނަމުންދަނީ އުޖާލާކަމެވެ.
" ފާޑެއްގެ މަންޒަރެއް ފެނިގެން.... ކުރެވުނު އުއްމީދަކުން ހިތަށް އުފާވެރިކަން ލިބުނީ! "
ދުރަށް ބަލަހައްޓައިގެން އިނދެ ޝަހާނާ ބުންޏެވެ. ޝަހާނާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރު ފެނި، ޖާވިދުގެ ނިދި، ފިލައި ދިޔަކަހަލައެވެ. އެހެންކަމުން އޭނާ ތެދުވެ އިށީނދެލިއެވެ.
" ފާޑެއްގެ މަންޒަރެކޭ؟ ކުރެވުނު އުއްމީދެކޭ؟ ކީކޭތަ ތި ކިޔަނީ؟ ތިއީ އަހަރެން ބުނެގެން ފެންޖަގެއް ބަލައިދިޔަ މީހާއެއްނު! ކަރުހިއްކައިގަނެފައޭ މިއޮތީ"
ޝަހާނާ ކުރަން ދިޔަ ކަންތައް އޭނާ ހަނދާންވީ ދެނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޝަހާނާގެ ހިތުގައިވަނީ މުޅިން އެހެން ރޭވުމެކެވެ.
" ދައްކަން މިއުޅޭ ވާހަކަ އަޑުއިވުނީމަ ފެން ނުބޮއިވެސް މިރޭ ކަރުހިއްކުން ފިލައިދާނެ! "
ޝަހާނާގެ ތުންފަތްމަތީގައިވަނީ ސިއްރުން ފުރިގެންވާފަދަ ހިނިތުންވުމެކެވެ. ޖާވިދަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ވާހަކަ ތިޔަ ފަށަނީ އުތުރުކޮޅު ތުނޑިން ފެށިގެން.. މާ ދުރުދުރުން ނުގެންގޮސް ބުނަން ތިއުޅޭ އެއްޗެއް ސާފުކޮށް ކިޔައިދީބަލަ!"
ޖާވިދްގެ ރުންކުރު ބަސްތަކުން ޝަހާނާގެ މޫނުމައްޗަށް ފޫހިކަން ވެރިކުރުވިއެވެ. އެހެންކަމުން އޭނާވެސް ޖާވިދަށް ބަލައިލީ ހިތްހަމަ ނުޖެހިފައެވެ.
" އަހަރެން ދެންމެ ބޭރަށް ނިކުތް އިރު ޔަޝްމީއާއިއެކު ހާރޫން ތިބި ކާގޭގައި! މިހާ ދަންކޮށްފައި ދެމީހުން އެކަނި ތިބީމަ އަހަރެން ބޭރުގައި މަޑުކޮށްލީ! އޭރު ހާރުން ހުރީ ޔަޝްމީގެ އަތުގައި ހިފަހައްޓައިގެން. ދެމީހުން ތިބީވެސް އެހާ ކައިރީގައި. އަހަރެން ފެނުނީމަ ޔަޝްމީ ދުވެފައި ގޮސްވަނީ ގެއަށް. އެ ފިރެހެންމީހާގަނޑުވެސް ހުރީ ފާޑަކަށް އަހަންނަށް ފެނުނީމަ"
ޝަހާނާގެ ވާހަކަތަކުން ޖާވިދްގެ ދެބުމަ ކައިރިވެގެން ދިޔައެވެ.
ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އޭނާއަށް ޝަހާނާގެ މޫނަށް ބަލައިލެވުނެވެ.
" ޔަޝްމީކޮއްކޮ؟ އަހަންނަށް ހާދަ ޤަބޫލު ނުކުރެވެޔޭ! "
" ޖާވިދް ދެން ތިޔަ ބުނަނީ އަހަރެން ދޮގު ހަދަނީއޭތަ؟ "
ޝަހާނާ އެނދުން ފައިބަމުން ބުންޏެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަވެސް ނުޖެހިފައެވެ.
" އެހެންނެއް އަދި ނުބުނަމެއްނު! ޔަޝްމީކޮއްކޮއާއި ހާރޫން އަތުގައި ހިފައިގެން ތިއްބޭ ބުނީމަ ޤަބޫލު ނުކުރެވުނީ! "
ޖާވިދް ޝަހާނާއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. ޝަހާނާ މަޑުމަޑުން ދެ ކޮޅަށް ހިނގަމުން ވާހަކަ ދައްކަން ފެށިއެވެ.
" ޖާވިދް ޤަބޫލު ނުކުރިޔަސް އަހަރެން މިދައްކަނީ އަހަރެންގެ މި ދެލޮލުން ފެނުނު މަންޒަރެއް! "
" އެދެމީހުންގެ ދެމެދު ގުޅުމެއް އުފެދެންވީ ކީއްވެ؟ ހާރޫންއަކީ ޔަޝްމީއަށްވުރެ ފަންސަވީހަކަށް އަހަރު ދޮށީ މީހެއް! "
ޖާވިދްވެސް ތެދުވެއްޖެއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ރުޅި އައިސްފައެވެ. ނަމަވެސް ޖާވިދްގެ އެ ޖުމްލައިން ޝަހާނާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
" ޢުމުރެއްނު ދޮށީ! ޢުމުރަކީ ހަމަ ނަންބަރެއް! މިހާރުވެސް ޖާވިދްއާއި ހާރޫން އެއްތާކު ތިއްބަސް ތިތަނުން ދޮށީ ކާކުކަމެއް ނޭނގެ! އޭނަ އެ ހުންނަނީ ނުލާހިކު ފިރެހެންވަންތަކޮށް. ޖާވިދްމެން ތިބުނާ ޅަ މީހުން ލާ އެއްޗެއްސަށްވުރެ ހާރޫން ލާ އެއްޗެހި މާ ފެޝަން!"
ޝަހާނާގެ ވާހަކަ އަޑުއަހަން ހުރި ޖާވިދް ދެއަތް އުރާލިއެވެ.
" އަހަންނަށް ހީވޭ ޝަހާނާވެސް މާ ގަޔާވެއްޖެހެން އޭނަޔާ! ގައިމު ފިރިމީހާއަށްވުރެ އޭނަގެ ހުރިހާ ކަމެއްވެސް މަޤްބޫލު ވެއްޖެތާ! "
" ތިއެއް ނޫނެއްނު މައުޟޫއަކީ! ތިހެން ވާހަކަ ދައްކާއިރުވެސް ޖާވިދަށް އެނގޭނެ އަހަންނަށް ޖާވިދް ނޫން އިތުރު އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން! ދެން ތިޝަކުވާ ނުކޮށް، މި ވާހަކައަށް އެއްޗެއް ކިޔާބަަލަ! އެދެމީހުންގެ ކޮންމެވެސް ގުޅުމެއް އޮވޭ! އަހަންނަށް ހަމަ ޔަޤީން"
ޝަހާނާ ބުންޏެވެ. ޖާވިދް އަދިވެސް ޝަހާނާއަށް ބަލަމުންދަނީ ފާޑަކަށް ހުރެއެވެ.
" ތިޔަ ކަަމަކީ ހިިނގާ ކަމެއްނަަމަ އެކަން ހުއްޓުވަން ޖެހޭނެ! ތިއީ ވާނެ ކަމެއް ނޫން.. "
ޖާވިދް އަޑަށް ބާރުލައިފައި ބުނެލިއެވެ. އެއާއިއެކު ޝަހާނާ ދެފަރާތަށް ބޯ ހޫލާމުން އައިސް ޖާވިދްގެ އަތުގައި ހިފާލިއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (9)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!