މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް ރައީސް އިބްރާހިމް ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ޝާއިއު ކުރާ "ބިތުފަންގި" ބުލެޓިންގެ ހާއްސަ އަދަދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ވަނީ ފެށިފައި ކަމަށެވެ. އޭގެ ބޭނުމަކީ، ސިޔާސީ މަޤާމަށް އައްޔަންކުރެވޭއިރު އޭނާގެ މާލީ ހާލަތު ހުރި ގޮތް، އާންމުކޮށް އެނގުމާއެކު، އެ މަޤާމްގައި ހުރެގެން ނުހައްޤުން މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ހުށައެޅޭނެ ވެބް ޕޯޓަލްއެއްވެސް ޤާއިމް ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދިހަމައެފަދައިން، ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި، ޤާނޫނުލް އުޤޫބާތުގައި ހިމެނުނަމަށް މ އަހަރުގެ ކުރީކޮޅުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށައެޅިކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ މަޖިލީހުގެ ދައުރު ނިމިގެން ދިޔައިރުވެސް އެބިލް ފާސްވެފައި ނުވާތީ 19 ވަނަ މަޖިލީހަށް އެބިލް އަލުން ލުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަނަކީ ފަރުދުންގެ އަމިއްލަ ޒާތުން އުފަންވާ ނުބައި އާދައަކަށް ވާތީ، ފަރުދީ ފެންވަރުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން މެނުވީ ކޮރަޕްޝަނުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް އުނދަގޫވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!