ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީކޮށް އެ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ މެނިފެސްޓޯ، އުޖާލާ ޒަމާން މެނިފެސްޓޯގެ “އިސްލާމީ ވަޙުދަތު” ގެ ދަށުން ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން ދެއްވި މެސެޖެއްގައެވެ.

Ad
rt

ނާޒިމްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، އޭނާގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ދިވެހީންގެ ތެރޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ދިރުވައި އާލާ ކުރާނެ ކަމަށް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ހިލޭ ޤުރުއާން ކިޔެވޭގޮތް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިސްކިތްތައް އޭސީކޮށް، ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމްގެ މެސެޖުގައި ވަނީ، ދީނީ ކަންކަމުގައި އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ވެސް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ނާޒިމްގެ ކެމްޕޭން ޝިއާރަކީ ''އުޖާލާ ޒަމާން'' އެވެ. މި ޝިއާރުގެ ދަށުން ''ނާޒިމް ތޭވީހުގެ ތޭވީސް'' ނަމުގައި ނެރެފައިވާ އޭނާގެ ރިޔާސީ މެނިފެސްޓޯ ގައި މައިގަނޑު 9 ބައެއް ހިމަނާފަވެއެވެ. އެ ބައިތަކަކީ އުފާވެރި ޒުވާނާ، ބާއްޖަވެރި ޢާއިލާ، އަހަރެންގެ ދިވެހިރާއްޖެ، ޢަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިޤްތިޞާދު، ނަޒާހަތްތެރި ވެރިކަން، ފަންނީ ޖީލެއް އަދި އިސްލާމީ ވަހްދަތެވެ. އަދި މި މެނިފެސްޓޯގައި ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނާފަވެއެވެ.