ޖަރުމަނު ލީގުގެ ލައިޕްޒިގަށް ކުޅެމުން އަންނަ ހަންގޭރީގެ ޒުވާން މިޑްފީލްޑަރުގެ ސޮއި ހޯދުމަށް އެ ޓީމާއިއެކު ލިވަޕޫލުން މަޝްވަރާ ކުރަން ފަށައިފިއެވެ.

އުމުރުން 22 އަހަރުގެ ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގްގެ އެޓޭކިން މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަންގައި ލައިޕްޒިގަށް ޖަރުމަނު ލީގުގެ ތިންވަނަ ލިބުނު ނަމަވެސް އެ ޓީމުން ވަނީ ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައެވެ.

Ad
rt

ޒޮބޮސްލާއީ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގަށް 31 މެޗު ކުޅެ ހަ ލަނޑު ޖަހައި އަށް އެސިސްޓް ކޮށްދީފައެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ޒޮބޮސްލާއީ ގަތުމަށް 60 މިލިއަން ޕައުންޑް ހަރަދު ކުރާނެއެވެ. އެއީ ލައިޕްޒިގުން ވެސް އޭނާ ވިއްކަން ކަނޑައަޅާފައިވާ އަގެވެ.

އައު ސީޒަނަށް ލިވަޕޫލުގެ މެދުތެރެ ރަނގަޅު ކުރުމުގެ މަސައްކަތް އެ ޓީމުން ކުރަމުން އަންނައިރު، މިހާރު އެ ޓީމުން ވަނީ ބްރައިޓަންއަށް ކުޅެމުންއައި އާޖެންޓީނާގެ މިޑްފީލްޑަރ މެކް އަލިސްޓާގެ ސޮއި ހޯދާފައެވެ.