ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް "ހަ ވާ" ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ.
އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި "ޕަޗަރާލި ޝޯ، ހަ ވާ އެރުވުން" މިނަން ކިޔާ ހަރަކާތެކެވެ.
20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ބެލުމަށް ބަންޑާރަ މައިދާނަށް ކުދިބޮޑު އެންމެން ވަނީ ޖަމާވެފައެވެ. ކައިރި ރަށްރަށުން ދަތުރު ހަދާފައި ހަވާ ބަލަން އެރަށަށް ދިޔަކަމަށްވެސް ވެއެވެ. އަދި ކައިރި ރަށްރަށުންވެސް ކުޅުދުއްފުށީ ގައި އަރުވާ ހަވާ ބެލުމަށް ތައްޔާރުވަމުން ދިޔަކަމަށްވެއެވެ.
ކުޅުދުއްފުށީ މީހުންނަކީ އަބަދުވެސް ތަފާތުބައެކެވެ. އެދަރަހައްދުގައި ތައްޔާރުކޮށްފައިވާ ސްޓޭޖަކުން ހަވާ އެރުވުމަށް ތައްޔާރުވެ އިޢުލާން ކުރުމާއި އެކު އެއްވެތިބި އެންމެން ހެން ތައްޔާރުވީ ފޯނު ނަގައި ވީޑިއޯކޮށް ފޮޓޯ ނެގުމަށެވެ. ކައުންޓްޑައުންއާއި އެކު ފުރަތަމަ ފެނިގެން ދިޔައީ "1 ވާ" މިހެން ލިޔެފައިވާ ފޮއްޓެއްގައި ފަލަ ވަލެއް މައްޗަށް އަރަމުން ދިޔަ މަންޒަރެވެ. އެގޮތަށް ފަހަރަކު ވަލެއް އަރަށުންގޮސް "6 ވާ" އަރައިފި އެވެ.
އެއިރު ސްޓޭޖްގައި ހުރި އަޑުގަދަކުރާތަކުން ހަވާ އަރުވާ އަޑު އިވެމުން ދިޔައެވެ. އެއިރު އެއްވެފައި ތިބި މީހުން ހޭ އަޑު އިވެމުންދިޔައެވެ. ބައެއް މީހުންނަށް އެއީ މަޖާކަމަށްވި އިރު އަނެއްބަޔަކަށް އެކަންވީ ބަލައިގަންނަން ދަތިކަމަކަށެވެ. އެސަރަހައްދުގަ އާއި މީސްމީޑިޔާގައި ސިޓީ ކައުންސިލަށް ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވާން ފެށިއެެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށީ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވީ، ސިޓީ ކައުންސިލުން ޢީދު ކުޅިވަރު ތާވަލް ހަދާއިރު އެ ކުޅިވަރެއް އިންތިޒާމް ކުރާ ބަޔަކު އެދޭ ނަމެއްގައި އެދޭ ގަޑިއަކަށް ކުޅިވަރު ތާވަލްއަށް ލައިދެމުން އަންނަ ކަމަށެވެ.

"އެގޮތުގެމަތިން “ ހަ ވާ އެރުވުން” ކިޔާ ކުޅިވަރެއް ޝެޑިއުލްއަށް ލައިދިނުމަށް ޢީދު ކުޅިވަރު އިންތިޒާމްކުރާ ގުރޫޕަކުން އެދުމުން އެކުޅިވަރުވެސް މިއަހަރު ލައިދީފަވާނެ އަދި އޮޅުންއަރާފާނެކަމަށް ބަލާ ހ އާއި ވ އާ ދެމެދަށް ހުސްތަންކޮޅެއްވެސް ހިމަނާފައިވާނެ."
ފާޑު ކިޔުން އަމާޒު ވުމާއި ގުޅިގެން ދަންވަރުގެ ވަގުތެއްގައި މޭޔަރު މީސްމީޑިޔާގައި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އެ ކައުންސިލުން ޢީދު ކުޅިވަރު ތާވަލް ހަދަންފެށީ މީގެކުރިން ކުޅިވަރުތައް ކުޅޭ ތަންތަނާއި ވަގުތު ރައްޔިތުންނަށް އެނގުމުގައި ދަތިތަކެއް ކުުރިމަތިވާތީ އެކަމުގެ ހައްލެއްގެ ގޮތުގައިކަން ފާހަގަކޮށްފައިވެއެވެ.
އަދި ރޭ ހަވާ ބަލަން ދިޔަ މީހުންނަށް "6 ވާ" އަރުވާ މަންޒަރު ފެނި ގިނަ ބަޔަކަށް އޮޅުންއެރި އެރުން ތަކުރާރުވިޔަ ނުދިނުމަށް ކުރިއަށްއޮތްތާގައި އިތުރު ކަންތައްތަކެއް ކުރަން ނިންމާފައިވާކަމަށާއި. އެގޮތުން އާ ކުޅިވަރެއްނަމަ ކުޅިވަރުގެ ނަމުގެ އިތުރުން އެ ކުޅިވަރެއްގެ ކޮންމެވެސްވަރެއްގެ ތަފްސީލެއް ތާވަލްކުރާއިރު އިތުރަށް ހިމަނާނެވާހަކަ ދަންނަވާފައިވެއެވެ.

ކުޅުދުއްފުށީގައި ގިނަ ޢީދު ކުޅިވަރުތަކެއް ރާވާ ހިންގަމުންދަނީ ކްލަބްތަކާއި، ރައްޔިތުންގެ ގިނަބައެއްގެ އަމިއްލަ މަސައްކަތުންކަމުގައިވާތީ އެ އެންމެބޭފުޅުންނަށް ޝުކުރުއަދާކޮށްފައިވެއެވެ.
އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް މިއަހަރުވެސް ގިނަ ރަށްރަށެއްގައި އަންނަނީ ވަރަށް ފޯރީގައި ކުޅިވަރުތައް ރާވާ ހިންގަމުންނެވެ. އުތުރުގެ ބައެއް ރަށްރަށުގައި ހަވާ އެރުވުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!