ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވަނީ އީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށް ވެސް އެދިވަޑައިގެންފަައެވެ.
މީގެ އިތުރުން ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު އީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށް ވެސް ބާރުއަޅުއްވާފައި ވެއެވެ.
އީދުގެ އެންމެ މަތިވެރި މަގުސަދަކީ އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުންކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދަތުރުކޮށް މިވަގުތު މައްކާގެ މާތް ބިމުގައި ތިބި، ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!