" ދަރިފުޅު ވައެއް ލައްވައިގެން އަދި ބައްޕަ ފަކުރެއް ނުގަންނާނެ! އެކަމަކު ތިޔަ ކަހަލަ ކަންތައްތައް އާދަ އަކަށް ވެއްޖެނަމަ މާދަމާ އެހެން މަޖްލީހެއްގައިވެސް ތިކަން ކުރެވިދާނެ.."
ޝާކިރު ނުހަނު ލޯބިން ބުނެލިއެވެ. އެއާއިއެކު ޝަހާނާ އިސްޖަހާލިއެވެ. ކުއްލިއަކަށް ޝަހާނާ އިސްޖަހާލުމުން ޖާވިދްގެ ހިތް އަވަސްވެގެން ދިޔައެވެ. ބައްޕަގެ ވާހަކައިން ބައްޕައާއި މެދު އޭނާގެ އަންހެނުންގެ ވިސްނުން ހުރީ ކިހިނެއްކަން ނޭނގޭ ޙާލު ޖާވިދަށް އުނދަގޫވާން ފެށިއެވެ.
***
ޝަހާނާއާއި ޖާވިދް ތިބީ ކޮޓަރީގައެވެ. އެނބުރެމުންދާ ފަންކަލަށް ބަލަހައްޓައިގެން ޝަހާނާ އޮތީ ވަރަށް މަޑުމަޑުންނެވެ. އެހެން ރޭރެޔާ ޚިޔާލަށް މިރޭ ނުހަނު ބަސްމަދުވެފައި، އޭނާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމެވެ. އެހެންކަމުން ޝަހާނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޖާވިދަށް ޔަޤީން ކުރެވުނެވެ. ނަމަވެސް އެއްޗެއް އަހައިނުލާ އޭނާ މަޑުކުރީ، ޝަހާނާ އިސްވެ، އެއްވެސް ވާހަކައެއް ދައްކައިތޯއެވެ.
" ކޮންކަމަކާތަ ފިކުރު ތިޔަ ކުރަނީ ؟ "
ޝަހާނާގެ ބަނޑުމަތީގައި އަތް ހުރަސްކޮށްލަމުން ޖާވިދް އަހާލިއެވެ. އެއާއިއެކު ޖާވިދްގެ އަތުގައި ޝަހާނާ ފިރުމާލިއެވެ.
" މިހިތަށް އަރަނީ ޖާވިދްގެ މައިންބަފައިން ހާދަ އޯގާތެރިއޭ! އަބަދުވެސް ވާހަކަ ދައްކަނީ ނުލާހިކު މަޑުމަޑުން.. ލޯބިން.. އެކަމަކު އަހަރެމެންގޭގައި އަބަދުވެސް އިވޭނީ ޒުވާބުގެ އަޑު! "
ޝަހާނާ ދެރަވީކަން ޖާވިދްއަށް އެނގުމުން އޭނާ އިންތިހާއަށް ކަންބޮޑުވިއެވެ. އެހެންކަމުން ކުރިއަށްވުރެވެސް ޝަހާނާއާއި ގާތަށް ޖެހިލަމުން ޖާވިދް ވާހަކަ ދައްކަން ފެށިއެވެ.
" އެކަމާތަ ތި ދެރަވަނީ؟ އެއީ އެއްވެސް މައްސަލައެއް ނޫނޭ! ޝަހާގެ މަންމަމެން އެކުރަނީ ޒުވާބެއް ނޫނޭ! މަންމަ ތަންކޮޅެއް އަޑު ގަދައީ! އެހެންވެ މީހުންނަށް ހީވަނީ ޒުވާބު ކުރަނީއޭ..ކިތަންމެ ރަނގަޅު އެއްޗެއްވެސް ބާރަށް ބުނެފިއްޔާ ހީވާނެ އެބުނަނީ ވަރަށް ރުޅި އައިސްގެންނޭ.. އެއީ އަސްލު ވާގޮތަކީ! އަހަންނަށް ފާހަގަ ކުރެވޭ ގޮތުގައި ޝަހާގެ މައިންބަފައިން ހަމަ ވަރަށް ރަނގަޅު."
ޖާވިދް އެހާ ލޯބިން ވާހަކަ ދެއްކުމުން ޝަހާނާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ޖާވިދްގެ މޭމަތީގައި ބޯ ޖައްސާލަމުން ޝަހާނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޝަހާނާ ހަމަޖެހުނުކަން އެނގުމުން ޖާވިދް ބޭނުންވީ އޭނާގެ ހިތުގައި އުފެދެމުންދާ ޚިޔާލްތައް ޝަހާނާއާއި ހިއްސާކުރާށެވެ.
" އަހަރެން ވާހަކައެއް އަހާލަންތަ؟ "
ނިތްކުރިމަތީގައި އަތް ބާއްވާލަމުން ޖާވިދް އެހިއެވެ. އެއާއިއެކު ބޯ ހިއްލާލަމުން ޝަހާނާ ހޫއްސޭ ބުނެލިއެވެ. އޭރު ޖާވިދްވެސް އޮތީ ޓިނު ފުރާޅަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ހިތަށް އަރާ ޝަހާ އަހަންނާއިއެކު އުޅެން ހިތްހަމަ ޖެހޭބާއޭ؟ ޝަހާ ބޭނުންވާ އެއްޗެހި އަހަންނަށް ބައެއް ފަހަރު ހޯދައި ނުދެވޭތީ އެކަމާ، އަހަރެންދެކެ ރުޅި އާދޭބާއޭ؟ "
ޖާވިދް ފުން ވިސްނުމެއްގައި އޮވެ ބުންޏެވެ. އެއާއިއެކު ޝަހާނާ ބާރަށް ހީގަތެވެ. އޭނާ ހޭންފެށުމުން ޖާވިދް ނުވިސްނޭފަދަ ގޮތަކަށް ޝަހާނާއަށް ބަލަންފެށިއެވެ.
" ކީއްވެ ތި ހެނީ؟މިއީ އަހަރެން ވަރަށް ސީރިއަސްކޮށް އެހި އެއްޗެކޭ "
" ދެން.. އަހަރެން ކޮންކަމަކާތަ ރުޅި އަންނަންވީ؟ ބަލަ އަހަރެން ޖާވިދްއާއި ކައިވެނި ކުރި އިރުގައިވެސް އަހަންނަށް އެނގެޔޭ ތިއީ ރަސްކަލެއް ނޫންކަން! އެހެންވީމަ ޖާވިދްގެ ފެންވަރަށް އަހަރެން ރުހިގެންދޯ މިއުޅެނީ! އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެއްނު!"
ޝަހާނާ އަނެއްކާވެސް ހީގަތެވެ.
" ނޭނގޭނެއެއްނު! ކައިވެނީގެ ފުރަތަމަ ރޭވެސް ބުނީ ރަން އަނގޮއްޓިއެއް ދޭށޭ ވިއްޔަ! އަހަރެން އޭގެ ފަހުން ވަރަށް ބިރުގަނޭ! ޝަހާ ހުރެދާނެ އަހަންނާ އިނދެވުނު މޮޔަ ހީވެފައިވެސް.. "
ޖާވިދް ބުންޏެވެ. އެއާއިއެކު ޝަހާނާގެ ހުނުން މައިތިރި ވެއްޖެއެވެ. ހީވާގޮތުން އޭނާ ލަދުގަތީއެވެ. އޭނާގެ އެ ހަމަހިމޭންކަން ޖާވިދްގެ ހިތަށް އުނދަގޫ ކުރުވިއެވެ.
" އެއްޗެއް ނުބުނެ ތިއޮތީ ކިހިނެއްވެފައި؟ "
ލޯތްބާއިއެކު ޖާވިދް އެހިއެވެ.
" އަހަންނަށް މަޢާފްކުރޭ! އަހަންނަށް އެރޭ ޖާވިދް ވަރަށް ދެރަކުރެވުނު.. އަސްލު އަހަންނަކީ މުއްސަނދި ދިރިއުޅުމެއް ބޭނުންވާ މީހެއް! އަހަރެން ބޭނުންވަނީވެސް ރީތި އެއްޗެހި! އަގުބޮޑެތި އެއްޗެހި! އުޅެން ބޭނުންވަނީވެސް ވަރަށް ރީތި ގެއެއްގައި.. އެކަމަކު އަހަރެންގެ ހިތް ދެވުނީ އެވަރުގެ ތަނަވަސްކަން ހުރި މީހަކަށް ނޫން.. އެއީ އަހަރެންގެ މައްސަލަ! އަހަންނަށް ލޯބިވެވުނީ ޖާވިދް ދެކެ! ޖާވިދަކީ އެހާ މުއްސަނދި މީހެއް ނޫންކަންވެސް އަހަންނަށް އެނގޭ! އަސްލު އަހަރެން އެރޭ އެގޮތަށް ވާހަކަ ދައްކައިގެން ނުވާނެ... ޖާވިދަކީ ތަނަވަސް މީހަކަށް ނުވިޔަސް، ތިއީ މުއްސަނދި ހިތެއްގެ ވެރިއެއް.. މުޅި ދުނިޔެއިންވެސް އެންމެން ބޭނުންވެގެން، އެ އެއްޗަކަށް މަރުދޭ އެންމެ އަގުބޮޑު އެތި އަހަންނަށް ތި ހިތުން ލިބޭ! އެއީ ކޯއްޗެއްކަން އެނގޭތަ؟ އެއީ ލޯބި.."
އަސަރާއިއެކު ޝަހާނާ ދޫކޮށްލަމުންދާ ކޮންމެ ޖުމްލައަކުން ޖާވިދްއަށް އުފާވެރިކަން ލިބުނެވެ. އެހިނދު އޭނާގެ ދެލޯ، ފެންކަޅިވެގެން ދިޔައީ އުފާވެރިކަމުގެ ކަރުނައިންނެވެ. ޝަހާނާގެ ބޮލުގައި ތުންފަތް ޖައްސާލަމުން ޖާވިދް ބުންޏެވެ.
" އަހަރެން ޝަހާދެކެ ވަރަށް ލޯބިވޭ! އަހަރެންގެ އަތުން ޝަހާ ބީވެގެންދާކަށް ފަހަރެއްގައިވެސް ބޭނުމެއްނޫން.. އެފަދަ ދުވަހެއް ނުދައްކަވާށި! އަހަރެން މޮޔަވެސް ވެދާނެ.. ހަމަ ތެދެއް މިބުނީ"
ޖާވިދްގެ ބަސްތަކުން ޝަހާނާ ނުހަނު އުފާވިއެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލައިފައި ޝަހާނާ ޖާވިދް ގައިގައި ބައްދާލިއެވެ.
" އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެން ޖާވިދްއަކަށް ނުގެއްލޭނެ.. "
ޝަހާނާ ބުނެލިއެވެ.
***
ހުޅަނގު މޫސުމުގެ އަރާމު ދުވަސްތަކުން ދުވަހެކެވެ. އޭރުވެސް ދުނިޔެމަތި ކަޅުކުރަމުންދެއެވެ. އުޑުމަތީގައި ވިލާ ބޯކޮށްފައި ހުންނާތީ ދުނިޔެއަށް ވެރިވެފައިވަނީ ކޮންމެވެސް ވަރެއްގެ އަނދިރިކަމެކެވެ. ކަޅު ސައިތައްޓެއް ހިފައިގެން ޔަޝްމީ އިނީ ބޭރު ގަސްދޮށުގައެވެ.ފިނިބޮޑުވެގެން އެތެރެހަށި ހޫނުކޮށްލުމަށް އޭނާއަށް އެންމެ ކަމުދަނީ މާ ސަޔެވެ. ހުވަނދުމާފެން އަޅައިގެން މަންމަ ކައްކާ ސަޔަކީ އޭނާއަށް މާ މީރު އެއްޗެކެވެ.
އެހެން އިނދެ އެއްލި ކަޅިޔަކުން އޭނާއަށް ފެނުނީ ނާއިފެވެ. މަގު އަރީގައި ހުރި ރުކެއްގައި ލެނގިލައިގެން އޭނާ ހުރީ ސީދާ ޔަޝްމީއަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް ޔަޝްމީ ތެދުވެ ފައިވާނަށް އަރައިގެން ގޮސް ކާގެއަށް ވަނެވެ.
" ދެން އޭނަ ކީއްވެގެންތަ އެއުޅެނީ؟ އަހަންނަށް މިހާރު ފާރަވެސް ލާންފެށީ!ގޭދޮށަށްވެސް އަންނަން ފެށީ! ވަރަށް ފޫހިވޭ..."
މޭޒުމަތީގައި ސައިތަށި ބެހެއްޓުމަށްފަހު ބޭރަށް ބޯދިއްކޮށްލީ ނާއިފް ކޮބައިތޯ ބަލައިލާހިތުންނެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަޓްލޫންގެ ޖީބަށް އަތްޖަހާލައިގެން ހަމަޖެހިލައިގެން ހުރެ ނާއިފް އެ އަންނަނީ އެގެއާއި ދިމާލަށެވެ. އަވަސް އަވަހަށް ޔަޝްމީއަށް ފާރުގައި ލެނގިލެވުނީ އޭނާއަށް ފިލަން ވެގެންނެވެ.
" އެކޮއި ދުރުގައި ހުއްޓަކަސް ދައިތަ އަކަށް ނޭނގޭނެއެއްނު! މަންމަގާތު ބުނޭ ދެތިން ގަބުޅިއޭ އޮތީވެސް.. މިގަބުޅިކޮޅު އެއްކޮށް ގެންދޭ! "
ކުއްލިއަކަށް އިވުނީ ބޭރުން މަންމަ ވާހަކަ ދައްކާ އަޑެވެ. އަނެއްކާވެސް ޔަޝްމީ ކުޑަކޮށް ބޯ ދިއްކޮށްލިއެވެ. އޭރު ފާއިޒާ ހުރީ ޔަޝްމީއަށް ފުރަގަސްދީގެންކަމަށްވިޔަސް ނާއިފް ހުރީ ސީދާ އެދިމާލަށް އެނބުރިއެވެ. އޭނާއަށް ޔަޝްމީ ފެނުމާއިއެކު އެއްމިޔަކަނުން ހީލިއެވެ. ޔަޝްމީއަށްވެސް ހިނިތުންވެލެވުނީ ގަތް ލަދުންނެވެ.
" ދެންވެސް ކަމެއް ބޭނުން ވެގެން އައިސް ބޭރުގައި ނުހުންނާތި! ދައިތަ ބޭރުގައި އުޅޭތަން ނުފެންނަންޏާ ގެއަށްވެސް ވަދެލަންވާނެ! މިއަދު އަހަންނަށް ބޭރަށް ނުނިކުމެވުނުނަމަ އެކޮއި ގެއަށް ދާނީ ހުސްއަތާއެއްނު!"
ފާއިޒާގެ ވާހަކައިން، ނާއިފް އެގެއަށް އެއައީ ކަމަކުކަން ޔަޝްމީއަށް އެނގުނެވެ.މަންމައާއި ނާއިފް އެތަނުން ދިޔުމުން ޔަޝްމީ އެނބުރި ބޭރަށް ނިކުތެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ހިނިތުންވެވިފައެވެ.
" އަޅެ! މަގޭ ސައިތަށި ހިހޫވީ ކަންނޭނގެ.."
ކުއްލިއަކަށް ހަނދާންވެގެން އޭނާ ދުވެފައިކަހަލަ ގޮތަކަށްގޮސް ކާގެއަށް ވަނެވެ.
****
ވައިބާރު ދުވަހެކެވެ. ފުރަން ތައްޔާރުވެގެން ޖާވިދް ބަނދަރަށް އައީ ޝަހާނާވެސް ގޮވައިގެންނެވެ. ޝަހާނާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑުވުމެވެ. އޭނާއަށް ބަލައިލުމުން އޭނާ އެހުރީ ނުހަނު ބިރުގަނެފައިކަން މޫނުމަތިން ފާޅުވެއެވެ. ޖާވިދްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރެ ޝަހާނާ ބުނެލިއެވެ.
" ހެޔޮނުވާނެ ޖާވިދް! މިހާ ގަދައިގައި ދާނެ ކަމެއްނެތް.. އަހަރެން ވަރަށް ބިރުގަނޭ.. އެ ބޯޓު ފަޅުގައި އޮންނަ އިރުގައިވެސް ބަލައިބަލަ ދެފަރާތަށް ހަލުވާވަރު!"
" އެކަމަކު އެއްޗެއް ފުރާއިރަކަށްނު މާލެ ދެވޭނީވެސް.. އަހަރެން ދާންދެން ބައްދަލްވުންތައް ލަސްކޮށްގެން އެތިބެނީ.. "
ޖާވިދް ވާހަކަ ދެއްކީ ލޯބިންނެވެ. އޭނާއާއިމެދު އަނބިމީހާ ފިކުރު ކުރާވަރު އެނގުމުން ޖާވިދް ނުހަނު އުފާވިއެވެ.
" އެކަމަކުވެސް... ހިކިފަސްތަނެއްގައި ހުރެ ކަނޑުމައްޗަށް އަރައިގެން ނުވާނެ! "
ޝަހާނާ ޖާވިދްގެ އަތަށް ބާރުކޮށްލިއެވެ. މިފަހަރުވެސް ޖާވިދް ހިނިތުންވެލިއެވެ. އެއާއިއެކު ބާރުބާރަށް ހިނގާފައި ބައްޕަ އަންނަތަން ޖާވިދަށް ފެނުނެވެ.
" ދަރިފުޅު މާލެ ދެވޭއިރަށް ގުޅައްޗޭ! މިހާރު ވައިގަނޑުވެސް ކުރިއަށްވުރެ މަޑުވެއްޖެހެން ހީވަނީ.. ދަތުރު ދުޢާ ކިޔައިގެން ހުންނާތި.."
ޖާވިދާއި ދާދި ގާތުގައި ހުއްޓެމުން ޝާކިރު ބުންޏެވެ.
" ދަރިފުޅު ޝަހާނާ ދެން ދާންވީނު ގޯއްޗަށް! މިހާރު މީހުންވެސް އަރާ ނިމުނީ.. ޖާވިދްވެސް ދެން އަރަންވިއްޔޭ!"
ޝާކިރު އެހެން ބުނުމުން ޝަހާނާ ޖާވިދްއަށް ބަލައިލިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފެންނަން ހުއްޓެވެ. ޖާވިދް ދެލޯ ކުޑަކޮށްލަމުން ޝަހާނާއަށް ހާމަކޮށްދިނީ ލޯބިވާކަމަށެވެ. އެއާއިއެކު ޝަހާނާ ޖާވިދްގެ އަތަށް ބާރަށް ފިތާލުމަށްފަހު އަތް ދޫކޮށްލިއެވެ. ޖާވިދް ގޮސް ބޯޓަށް އަރަންދެން، ދުރަށް ނުގޮސް ބަލަހައްޓައިގެން ޝަހާނާ ހުއްޓެވެ. އަތުގެ އިޝާރާތުން ގެއަށް ދާށޭ ބުނެ ޖާވިދް ހީލީ ޝަހާނާ ހިތްހަމަޖައްސާލުމަށެވެ.
***
އެރޭ ހަތަރުދަމު ޝަހާނާ އޮތީ ނުނިދައެވެ. ޖާވިދް ނެތް ކަމުގެ ފަޅުކަން އިންތިހާއަށް އޭނާއަށް އިޙްސާސްކުރެވެންފެށިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ފަތިސްނަމާދު ބަންގީގެ އަޑު އިވުނެވެ. އިރުކޮޅަކު އެހެން އޮވެލުމަށްފަހު އޭނާ ތެދުވެގެން ނަމާދުކުރަން ތައްޔާރުވިއެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ސައިކައްކާ އަވަދި ވެގެން، ޝަހާނާ ގަސްދޮށުގައި އިށީނދެލީ ނިދި އަންނަވަރުންނެވެ. ބައެއް ފަހަރު ތާއްޔާވެސް ޖެހެއެވެ. އާފުރިފުރި ދެލޮލުން ފެން ފައިބަމުންދެއެވެ.
" ޝަހާނާ! ޝަހާނާ! ދެންމެ ކަލެއަށް ފޯނެއް އައިސްގެން މީހަކު ބުނި ގޮވާލާށޭ! "
ބައިސްކަލެއްގައި މަޑުކޮށްލި އަންހެނެއްގެ އަަޑަށް ނިދިފައި އޮތް ޝަހާނާ ކޮޅަށް ޖެހުނެވެ. އަވަސް އަވަހަށް ތެދުވެގެން އޭނާ ބޭރަށް ދުއްވައިގަތެވެ.
" ޖާވިދްތަ ގުޅީ ؟ "
އޭނާގާތު ޝަހާނާއަށް އަހާލެވުނެވެ. އޭރު އެ އަންހެން މީހާ ނައްޓާލައިފިއެވެ.
" ނޭނގެ! ނޭނގެ! މަ ގާތު ބުނީ ކަލެޔަށް ގޮވާށޭ.. ކުޑަ އިރުކޮޅަކުން ގުޅާނަމޯ ބުންޏޯ!"
ބައިސްކަލްގައި ދަމުން އޭނާ ބާރުބާރަށް ބުންޏެވެ. ލަސްނުކޮށް ޝަހާނާވެސް ބޫތާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބޫތު ކައިރީގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ޝަހާނާ ދިޔަ ގޮތަށް ގޮސް ބޫތަށް ވަނެވެ. އަދި އެ ކޯލްގެ އިންތިޒާރުގައި ފޯނުގެ އަތްގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ.
އޭނާ އެހެން ހުންނަތާ ފަސްވަރަކަށް މިނިޓް ވުމާއިއެކު ފޯން ރިންގްވިއެވެ. އެންމެ ރިންގަކުން އޭނާ ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖެހިއެވެ.
" ހަ..ހަލޯ! ޖާވިދް! "
އަވަސް އަވަހަށް ޝަހާނާ ބުނެލިއެވެ.
" ޝަހާ! އަހަރެން މިހުރީ މާލޭގަ! "
ޖާވިދްގެ އަޑުން ޝަހާނާގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުނެވެ. އޭނާއަށް މޭގައި އަތްވެސް ޖައްސާލެވުނެވެ.
" އަހަރެން މި ގުޅީ ރައްޓެއްސެއްގެ ފޯނުން.."
ޝަހާނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޖާވިދް އަނެއްކާވެސް ބުނެލިއެވެ. އެއާއިއެކު ޝަހާނާގެ މޫނުމައްޗަށް ކަންބޮޑުވުމުގެ އަސަރުތައް ފެތުރިގަތެވެ.
" ރައްޓެއްސެކޭ؟ މާލޭގައި ޖާވިދްގެ ރައްޓެހިންވެސް ތިބޭތަ؟ "
" އެއީ އަތޮޅު އޮފީސް ކުއްޖެއް! މި ބައްދަލްވުންތަކަށް އޭނަވެސް އައީ! އަހަރެމެން ދެމީހުން ބައިތިއްބާފައި ތިބެނީ އެއްކޮޓަރިއެއްގައި. އެހެންވީމަ ރައްޓެހިވާނެ އެއްނު! "
ޖާވިދް އޮޅުން ފިލުވައިދިނެވެ.
" އަޅެ! ޖާވިދް ނެތީމަ ހާދަ ފޫހިވެޔޭ! ރޭގައިވެސް ނުވެސް ނިދުނު.. ދެން އަންނަން އުޅޭ! "
ޝަކުވާގެ ރާގުގައި ޝަހާނާ ބުންޏެވެ. އެއާއިއެކު ޖާވިދް ހިނިގަނޑެއް ޖަހާލިއެވެ.
" އަދި އަހަރެން މިއުޅެނީ މާލެ އައިސް ފެންވެސް ނުވަރާ! ދެން ކިހިނެއް ދާނީވެސް؟ "
ޖާވިދް ސަމާސާ ކޮށްލުމުން ޝަހާނާ ގާތަށްވެސް ހިނިއައެވެ. ބޫތުގެ ބިތެއްގައި ލެނގިލުމަށްފަހު ޝަހާނާ އަވަސް އަވަހަށް ބޫތުގެ ދޮރުފަތް ލައްޕާލިއެވެ. އަދި ނިކަން ސިއްރުން ބުންޏެވެ.
" އަހަންނަށް ހަދިޔާއެއް ގެންނައްޗޭ! "
ޝަހާނާ އެހެން ބުނުމުން ޖާވިދް ޖަހާލީ ކުރު ހިނިގަނޑެކެވެ.
" މިސާލަކަށް ކޯއްޗެއް އެންމެ ބޭނުންވަނީ ؟ "
" މޫނުގައި ހާކާ އެއްޗެހި..."
ލަދުން ހުރެ ޝަހާނާ ބުނެލިއެވެ. އެއާއިއެކު ޖާވިދް ތަންކޮޅެއް ބާރަށް ހީގަތް އަޑު އިވުނެވެ.
" ފުށް މަލެއްތަ؟"
ޖާވިދް ސަމާސާކޮށްލުމުން ޝަހާނާއަށްވެސް ހެވުނެވެ. ޖާވިދްއަށް އަދި ސާފު ނުވާތީ އޭނާ ބޭނުންވީ ރަނގަޅަށް އޮޅުން ފިލުވައިދޭށެވެ.
" މާލޭގައި އުޅެފައި އައި އަހަރެންގެ ރައްޓެހި ދެކުދިން މޫނުގައި ހާކާ، ވަރަށް ފައްކާ އެއްޗެއް.. ފައުންޑޭޝަން ކިޔާނީ! އޭގެ ފުޅިއެއް ގެނެސްދީ!"
" ތިއެއް ފެނޭތޯ ބަލާނަން! އަހަރެން މިފަހަރު ދެ މޮބައިލް ގަނެގެން ދާނީ! ގެއަށް ފޯނެއް.. އަހަންނަށް ފޯނެއް.. "
ޖާވިދް ބުންޏެވެ.
" އަދި ކިހާ ދުވަހެއް ވާނެތަ؟ "
ޝަހާނާ އެހިއެވެ.
" ތިން ދުވަސް ވާނީ! އޭ! ދެން ބާއްވަނީ އިނގޭ! މި ފޯނުން ރުފިޔާ ހުސްވެދާނެ! އަހަރެން ދެން ގުޅާނަން ފޯނު ގަނެފަ! އެންމެންނަށް ސަލާމް ބުނައްޗޭ! "
ޖާވިދް އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ޝަހާނާއަށްވެސް ތެޅި ގަނެވުނެވެ.
" ހަނދާންކޮށް އޭތި ގަންނައްޗޭ! "
ޖާވިދް ފޯނު ބޭއްވުމުގެ ކުރިންވެސް ޝަހާނާ ހަނދާންކޮށްދިނެވެ. އެކަމަށް އެއްބަސްވަމުން ޖާވިދް ފޯން ކަނޑާލިއެވެ.
***
އުފަލުން ހުރެ ޝަހާނާ ގެއަށް އައިސް ވަނުމާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ ކަންބޮޑުވެފައިވާ ފާއިޒާގެ މޫނެވެ. ކަންބޮޑުވުމާއިއެކު ހިތްހަމަ ނުޖެހުންވެސް ކޮންމެވެސް ވަރަކަށް އެ މޫނުން ޝަހާނާއަށް ފާހަގަ ކުރެވުނެވެ. ޝަހާނާ ނުހަނު ޖެހިލުންވެ ބިރުވެސް ގަތެވެ. މީގެ ކުރިން ފާއިޒާއަކީ އެގޮތަށް މޫނު ހަދައިގެން ހުންނަ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭރު ފާއިޒާ އިނީ މަދު ގޯންޏެއް އޮއްސާލައިގެން މަދު ފަޅާށެވެ. ޝަހާނާ ފެނުމުންވެސް އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އޭނާ އެ މަސައްކަތުގައި އިނީއެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ އާދީއްތައިން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!