" މާލޭ އަންހެން ކުދިން ވަރަށް ރީތިވާނެޔޭ ކިޔާތީ އަޑުއަހަން! އެމީހުން ރީތި ވާނެއެއްނު އަވިކޮޅެއްގައި ނުޖެހި ހަތަރުދަމު ގޭގައި އޭސީގެ ފިނީގައި އައިސްފެން ބޮއިބޮއިގެން ތިބޭނީ.. އެތެރެހަށިވެސް ބޭރުހަންގަނޑުވެސް ފިނިވީމަ ދެން ދޮންވާނެއެއްނު.. އަހަރެމެން މިއުޅެނީ އަބަދު އަވީގައި! އަވިން ތާފަނާ ވެފައި ހުންނަ ފެން ބޮއިގެން ހަށިގަނޑުން އާވި އަރާ! ދެން ކިޔަންވެއްޖެ މޫނުގައި ހާދަ ބިއްސެކޭ ތިޔަ ނަގަނީ؟"
ޝަހާނާގެ ވާހަކައިން ޖާވިދް ހުރީ ބަނޑަށް ހީލަ ހީލައެވެ. ޝަހާނާ ރުޅިއައިސް އިނދެ ޖާވިދަށް ބަލާކަންވެސް ޖާވިދަށް އެނގެއެވެ. އެހެނަސް މިވަގުތު ދެބަސްވާން ވެއްޖެނަމަ، މަޣްރިބް ނަމާދަށް މިސްކިތަށް ނުދެވިދާނެތީ ޖާވިދް މައުޟޫ ބަދަލުކޮށްލިއެވެ.
" އަހަރެން ފެންވަރާލައިގެން މިދަނީ މިސްކިތަށް! ޝަހާވެސް އަހަރެން އަންނަން ވާއިރަށް ނަމާދުކޮށްގެން ހުންނައްޗޭ! މިރޭ ވާނެ ބޭރަށް ގޮސްލަން ދޯ!"
ފުން ވިސްނުމެއްގައި އިން ޝަހާނާގެ ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށްޓަކައި ޖާވިދް ބުނެލިއެވެ.
" މިހާ ވައިގަދަ ވިއްސާރަ ރެޔެއްގައި އަހަރެން ގޮވައިގެން ކޮންތާކަށް ހިނގަންދާން؟ "
އެނދުމަތީގައި އޮތް ޖާވިދްގެ ޓީޝާޓް ނެގުމަށްފަހު ޝަހާނާ މިސްރާބުޖެހީ އަލަމާރިއާއި ދިމާލަށެވެ. އޭރު ޖާވިދް ހުރީ ފާޚާނާ ދޮރުމަތީގައެވެ.
" ދެން.. ކޮންމެވެސް ދިމާލަކަށް ދާނީ..."
ވާހަކަ ކުރުކޮށްލުމަށްޓަކައި ޖާވިދް ބުންޏެވެ. ލޯބިވާ އަނބިމީހާގެ ކިބައިން ސަލާމަތް ވެވޭނީ އެފަދަ ގޮތަކަށްކަން އޭނާއަށް އެނގެއެވެ.
****
ނަމާދަށް އިން ޔަޝްމީ ސިހިގެން ދިޔައީ ކުއްލިއަކަށް ވިއްސާރާ އޮއްސައިގަތް އަޑަށެވެ. ބޮޑެތި ތިކިތައް ޓިނު ފުރާޅަށް އޮހިގަތް އަޑުން ހިތުގައި ބިރުވެރިކަންވެސް އުފެދުނު ކަހަލައެވެ. ސަލާމް ދިނުމަށްފަހު ބޮލުން ނަމާދުދޮޅި ބާލައި މުސައްލަމަތީ ބޭއްވީ ނުހަނު އަވަސް ޚަރަކާތްތަކާއިއެކުއެވެ. މުސައްލަ އޮޅާލުމަށްފަހު ޒިބުއަލަމާރިމަތީގައި ބޭއްވި އިރުގައިވެސް އޭނާގެ ހިތް އޮތީ ވާރޭގެ ތެރޭގައި ކަހަލައެވެ. ވާރޭ ވެހޭތަން ބަލާހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. ޔަޝްމީގެ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އޭނާ ނުހަނު ބާރަށް އައިސް ދޮރުމަތީގައި ހުއްޓުނެވެ. އޭރު ދުންޖަހާފައި ވިއްސާރަ އޮއްސަމުންދާ ކަހަލައެވެ. މަގުމަތީގައި ހުރި ގަސްތައްވެސް ވަޔާ ހޫރެމުންދެއެވެ. އެމަންޒަރު ބަލަން ހުރެ ޔަޝްމީއަށް ދޮރުކަނީގައި މޫނު ޖައްސާލެވުނީ، ތެތްފިނީގެ އަސަރުން ހީކަރުވައިގަތުމުންނެވެ. ހަމަ އެވަގުތެވެ. އެގޭ އަސްކަނިދަށުގައި ނާއިފް އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނި ޔަޝްމީއަށް ތެޅިގަނެވުނެވެ. އަސްކަނި ދަށުގައި ހަރުކޮށްފައިވާ ފަސްވޯޓު ބޮކީގެ ފަނޑު އަލިން ޔަޝްމީއަށް ނާއިފްގެ މޫނު ރީތިކޮށް ފެނުނެވެ.
ނާއިފްއަކީ އޭނާއާ އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. ނާއިފް އަބަދުވެސް ޔަޝްމީއާއިމެދު ޚާއްސަ ގޮތެއް ބަހައްޓާކަން ޔަޝްމީއަށް އިޙްސާސް ކުރެވޭތީ އޭނާއަށް ނުހަނު އުނދަގޫވެސް ވެއެވެ. އެހެންކަމުން ޔަޝްމީ އެއް އިރެއްގައިވެސް ނާއިފްއަކާއި މާ ބޮޑު ގުޅުމެއް ނުބާއްވައެވެ.
" މިހާ ވިއްސާރައިގައި ދޮންބެމެންނަކަށް ނުވެސް އާދެވޭނެދޯ! "
ޔަޝްމީ ސިހުނީ ފަހަތުން އިވުނު އޭނާގެ މަންމަގެ އަޑަށެވެ. މަންމަ އައިގޮތަށް އައިސް ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ.
" އަނހަ! ނާއިފް ތެމެނީނު މިހާރު! އަވަހަށް ވަދޭ! އާދޭ އެތެރެއަށް..." ފާއިޒާ އަވަސް އަވަހަށް އެހެން ބުނުމާއެކު ޔަޝްމީއަށް ލޯމަރާލެވުނެވެ. ނާއިފްދެކެ އިންތިހާއަށް ލަދުން ހުރި ޔަޝްމީ، އޭނާ އެގެއަށް ވައްދަންވެސް ބޭނުން ނުވާ ކަހަލައެވެ.
" ނޫނޭ ދައްތާ! އަހަރެން ބޭރުގައި މަޑުކޮށްލާނަން.. މިސްކިތުން އަންނަނިކޮށް ވިއްސާރަ އޮއްސައިގަތީމަ މިތާ މި މަޑުކޮށްލީ!"
ހީލަމުން ނާއިފް ބުންޏެވެ. ހަމައެއާއިއެކު ވިދާލި ވިދުވަރުގެ އަލި ނުކެނޑެނީސް ބޮޑު ގުގުރިއެއް ޖަހާލިއެވެ.
" އެހެން ކަމަކު ނުދާނެ.. އަވަހަށް އާދޭ އެތެރެއަށް..މިހާރުވެސް ގުގުރަނީ! ރުއްތައް އެވަރަށް ހޫރޭ އިރު، ކާއްޓެއްވެސް ވެއްޓިދާނެ! ވައިވެސް މަޑުވީމަ ގެއަށް ދާންވާނީ.."
ފާއިޒާ ގޮތް ދޫނުކުރުމުން ނާއިފް އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެމަންޒަރު ފެނި، ދޮރުކަނީގައި ލެނގިލައިގެން ހުރި ޔަޝްމީވެސް އެހާމެ އަވަހަށް އެތެރެއަށް ދެމިގަތެވެ. ނާއިފް އެތެރެއަށް ވަދެ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މެދުގޭތެރޭގައި ދެތިން ސަރަންފީގޮނޑި ހުއްޓެވެ. އަދި އެއްފަރާތުގައި ފިލާ އެނދެއްވެސް ބަހައްޓާފައި ހުއްޓެވެ. ފާއިޒާ އިނީ އެ އެނދުމަތީގައި އިށީނދެއެވެ.
" އާދޭ ނާއިފް އިށީންނަން.. ކޮބައިތަ މަންމަމެން؟ މަންމަ ވަރަށް ބުރަކޮށްދޯ މިހާރު އުޅެނީ؟"
އެނދުމަތީގައި ހުރި ދުފާތަބަށް ނަގަމުން ފާއިޒާ ފައިހަލުވަން ފެށިއެވެ. އޭރު ޔަޝްމީ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
" ބައްޕަ ބަލިވެ އުޅޭތީ އަތޮޅު ހޮސްޕިޓަލަށް ދައްކާލަން އެރަށަށް ގޮސްވީ! މިއަދު ކަނޑުގަދަވެގެން ނާދެވުނު.."
ނާއިފް ވާހަކަދެއްކީ ނުހަނު މަޑުމައިތިކަމާއެކުއެވެ. އެ ހަމަހިމޭންކަމުގެ ސަބަބުން އޭނާއަކީ ރަނގަޅު ކުއްޖެއްގެ ގޮތުގައި ފާއިޒާއަށް ބަލައިގަނެވުނެވެ.
" ބައްޕަ އަދިވެސް ހަމަ އެހާ ބައްޔޭ ދޯ! މަންމަވެސް ރަށުގައި ނެތްއިރު މިރޭ މިގެއިން ކައިގެން ދެން ދާންވާނީ..."
ފާއިޒާއަށް އެހެން ބުނެވުމާއިއެކު ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށް ނާއިފްއަށް އެދިމާލަށް ބަލައިލެވުނެވެ.
" މަންމާ! ޖާވިދް މެންނަށް ނާދެވުނުދޯ މިސްކިތުން؟"
ދޮރުން ބޭރަށް ބަލަމުން މެދުގޭތެރެއަށް ނިކުތް ޝަހާނާ ބުނެލިއެވެ. އެއާއިއެކު އޭނާއަށް ނާއިފްވެސް ފެނުނެވެ.
" މިހާރު ވާރޭ ތުނިކޮށްލީއެއްނު! ދެން އަތުވެދާނެ ކަންނޭނގެ! މަންމަ މިއައީ ފަރުމަހު ރިހަ ކައްކާފަ! ޔަޝްމީ ގޮވައިގެން ދަރިފުޅުދޭބަލަ ކާންހަދާލަން.. މަންމަ ދާނަން ނަމާދުކޮށްގެން. ނާއިފްވެސް މިރޭ ކާނީ މިގެއިން.."
އަނގައިގެ ތެރޭގައި އޮތް ހައްޕުނޑުގަނޑު އަތަށް ވައްޓާލަމުން ފާއިޒާ ތެދުވިއެވެ. އަދި ގުދުވެލާފައި އެނދު ދަށުން ދަޅެއް ނެގުމަށްފަހު އެދަޅަށް ހައްޕުނޑުގަނޑު ވައްޓާލިއެވެ.
" ދައިތަ މިދަނީ ނަމާދުކޮށްލަން. އެކޮއި ކައިގެން ނޫނީ މިރޭ ގޮސްގެން ނުވާނެ! "
ފާއިޒާ އެހެން ބުނުމުން ނާއިފްއަކަށް ދާކަށް ނުކެރުނެވެ. ބޯޖަހާލަމުން އޭނާ ދެވަނަ ފަހަރަށްވެސް ފާއިޒާއަށް ހިނިތުންވުން ރައްދުކުރިއެވެ.
ފާއިޒާ ދިޔުމުން އެތަނުގައި މަޑުނުކޮށް ޝަހާނާ އެނބުރިލީ ޔަޝްމީގެ ކޮޓަރިއާއި ދިމާލަށެވެ. އެކޮޓަރީގެ ލޫވައްލީ ޖާލީ ހުންނަނީ މެދުގޭތެރެއަށް ފެންނަ ގޮތަށެވެ. ޝަހާނާގޮސް ދޮރު ހުޅުވާލި އިރު ޖާލީ ކައިރީގައި ހުރި ޔަޝްމީ ދިޔައީ ސިހިގެންނެވެ. ޔަޝްމީގެ އެ ޚަރަކާތުން ޝަހާނާއަށް ހީގަނެވުނެވެ.
" އޭ! ތިތާ ކީއްކުރަނީ؟ ޔަޤީނޭ އެސޮރާ ދިމާލަށް ވަގަށް ބަލަނީކަން.."
ޝަހާނާ އެހެން ބުނުމުން ޔަޝްމީ ވަރަށް ލަދުގަތެވެ. ޝަހާނާއަކީ އޭނާގެ ދޮންބެގެ އަންހެނުންނަށްވާތީ، ޔަޝްމީ އޭނާއަށް ނުހަނު އިޙްތިރާމްކުރެއެވެ. ޝަހާނާއާއި ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް، ޔަޝްމީ ދެކެނީ އެއީ ދައްތަގެ ގޮތުގައެވެ.
" ދެން.. ދައްތާ! އެއީ އަހަރެންގެ ކްލާސް ކުއްޖެއް! ނުފެންނަ މީހެއް ނަމަތާ ވަގަށް ބަލާނީ"
ޔަޝްމީގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އޭނާ ހާމަކުރިއެވެ. އަދި އަވަސް އަވަހަށް ދޮރާއި ދިމާލަށް ހިނގައިގަތީ ޝަހާނާ އަނެއްކާވެސް އޭނާއަށް ދިމާކޮށްފާނެތީއެވެ. ޝަހާނާއަށްވުރެ ކުރިން އޭނާ މެދުގޭތެރެއަށް ނިކުތެވެ. އަނެއްކާވެސް އޭނާގެ ލޮލުގައި އަޅައިގަތީ ސަރަންފީގައި އިން ނާއިފެވެ. މިފަހަރު ނާއިފް ލުއި ހިނިތުންވުމަކުން ޔަޝްމީއަށް ހިނިތުންވުން ރައްދު ކުރިއެވެ. ނަމަވެސް ނޭވާ އަވަސްވެފައި ހުރިވަރުން ހީވެސް ނުލައި ޔަޝްމީ ނިކުތީ ބޭރަށެވެ. އޭނާގެ ފަހަތުން ޝަހާނާވެސް ނިކުމެއްޖެއެވެ. ތުނިކޮށް ވެހެމުންދާ ވާރޭގެ ތެރެއިން ދުވަމުން ކަހަލަ ގޮތަކަށް ދެމީހުން ގޮސް ބަދިގެ ފެންޑާއަށް ވަނެވެ. ބަދިގެބައި ހަދާފައި ހުންނަނީ ގެއާއި ތިރީހަކަށް ފޫޓު ދުރުގައި ކަމުން ވިއްސާރަ މޫސުމުގައި އެމީހުން އުޅެނީ ނުހަނު އުނދަގުލުގައެވެ.
" ޔަޝްމީ! ދޭބަލަ ކުޑަގޭގައި ހުރި ތެލުލިފަތް ޑަބިޔަލުން ފަތް ނަގަން. އަދި ތެލުލި ރެހި ފުޅިން ރެހިވެސް ގެނެސްދޭތި! "
ފާނަމަހުގައި ކައްކާފައި ހުރި ލޮނުމިރުސް ރިހަ ތެލި މަތި ނަގަމުން ޝަހާނާ ބުންޏެވެ. އޭނާގެ އެދުމަށް ޔަޝްމީ ނުހަނު އަވަހަށް އެމަސައްކަތައިގެން އުޅުނެވެ. ބަތް ކަހަނބަކާއި ރިހަ ބޯތައްޓެއް މޭޒުމައްޗަށް ނެގުމަށްފަހު ޝަހާނާ އަވަސްވެގަތީ ތަށިތައް ނަގާށެވެ. އޭރު ކުޑަގެއިން އައިސް ޔަޝްމީވެސް ކާގެއަށް ވަދެއްޖެއެވެ.
" އަޅެ ދޭބަލަ ބަދިގެއަށް ގޮސް އުނދުން ނިއްވާލަން! ސައިކުރާ ގެނެސް ސައި އަޅައިދީ އިނގޭ! "
އަތުގައި ހުރި އެއްޗެހި މޭޒުމަތީގައި އަތުރާލުމަށްފަހު ޔަޝްމީ އަނެއްކާވެސް ދިޔައީ ޝަހާނާގެ އެދުމަށް ބަދިގެއަށެވެ. އޭނާ އެނބުރި އައިސް ޖޯޑުތަކަށް ކަޅުސައި އެޅިއެވެ.
" މަންމަ މިހުރީ މުށިމަސްތައްވެސް ފިހެލާފައިދޯ! ހާދަ މީރުވާނެޔޭ! "
ޝަހާނާ ގެނައި ފިހުނުމަސްތަށި ފެނި ޔަޝްމީ ކާހިތްވެއްޖެއެވެ. ހަމަ އެވަގުތެވެ. ޖާވިދާއި ޝާކިރު އައިސް ކާގެއަށް ވަނެވެ.
" ހާދަ މީރުވަހެކޭ މިދުވަނީ... މިހާރުވެސް ބަނޑު ފުރިއްޖެ..."
ޝަހާނާއަށް ބަލައިލަމުން ޖާވިދް ބުނެލީ ނުހަނު ލޯބިންނެވެ. އެއާއިއެކު ޝަހާނާ، މޫނަށް ވައްތަރެއް ޖައްސާލީ ޖާވިދް ފެނި، ވީ އުފަލަކުންނެވެ.
" މަންމައޭ ކެއްކީ! ޔަޝްމީ ދޭބަލަ އެސޮރުގާތު ކާން އަންނަން ބުނަން.."
ޖަގުން ފެންތައްޓެއް އަޅަމުން ޝަހާނާ ބުންޏެވެ. އެއާއިއެކު ޖާވިދްގެ މޫނުމައްޗަށް އެރި ކުލަވަރުން ޔަޝްމީގެ ހިތް ތެޅިލިއެވެ. ދޮންބެ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ ޔަޝްމީ ހުރީ ޖެހިލުންވެފައެވެ.
" އެސޮރޭ؟ ކޮން ސޮރެއް؟ "
" އެއީ ހަލީމަދައިތަގޭ ނާއިފް! ވިއްސާރައިގައި ޖެހިގެން މިގެއަށްވަނީ! ކައިގެން ދާން މަޑުކުރަން މަންމަ ބުނީމަ އެސޮރު އެބައިނޭ ގޭތެރޭގައި!"
ޝަހާނާ ތަފްސީލްކޮށް ކިޔައިދިނުމުން ޖާވިދް ބޯޖަހާލިއެވެ.
" އެހެންތަ؟ އެހެންވިއްޔާ ވާނީ ތިޔަ ކުއްޖާވެސް އައީމަ ފަށަން.. "
ތައްޓަށް ބަތް އަޅަމުން ޝާކިރުވެސް ކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ. ބައްޕަ އެހެން ބުނުމުން ޔަޝްމީ ނިކުމެއްޖެއެވެ. އޭރު އެއްކޮށް ވާރޭ ހުއްޓައިފިއެވެ. ލަސްފިޔަވަޅުތަކެއްގައި ދަނިކޮށް ޔަޝްމީއަށް ފެނުނީ، ނާއިފް ދޮރުމައްޗަށް ނިކުތްތަނެވެ. އެއާއިއެކު ޔަޝްމީއަށް ހުއްޓެވުނެވެ. ނާއިފް ބަލަހައްޓައިގެން ހުރީ ސީދާ ޔަޝްމީގެ މޫނަށެވެ. އަސްކަނިދަށުގައި ހުރި ބޮކީގެ ފަނޑުއަލިން ޔަޝްމީގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރު ނާއިފަށް ރީތިކޮށް ފެނުނެވެ. ޔަޝްމީއަށް އިސްޖަހާލެވުނެވެ. އޭރުވެސް އޭނާއަށް ހުރެވުނީ އަނގައިން ބުނަން ނުކެރިފައެވެ.
" އަނހަ! ނާއިފް ދަނީތަ؟ ހިނގާ ދާން ކާގެއަށް"
ކުއްލިއަކަށް ބޭރަށް ނިކުތް ފާއިޒާގެ އަޑުން ދެމީހުން މިފަހަރުވެސް ދިޔައީ ސިހިގެންނެވެ.
" ދައްތަ ބުނެގެން ނާއިފް ކާން ބަލައި މިއައީ.."
ތެޅިގަނެފައި ޔަޝްމީ ފާއިޒާއަށް ބަލައިލަމުން ބުންޏެވެ. އެއަށްފަހު އޭނާ އިތުރަށް މަޑުނުކޮށް ގެއަށް ވަންނަން ހިނގައިގަތެވެ. އޭރުވެސް އޭނާގެ ހިތް ނުހަނު ބާރަށް ތެޅެމުންދެއެވެ.
" ދަރިފުޅުވެސް އާދޭ ކާން! އެންމެން އެއްކޮށް ކާންވާނީ!"
ފާއިޒާގެ ޖުމްލައިން ޔަޝްމީއަށް ހުއްޓެވުނެވެ. ދާން ބޭނުން ނުވިޔަސް މަންމަގެ އެދުމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެންކަމުން ހިތާއިދެކޮޅަށް އޭނާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
ކާގޭގައި ހުރި ދިގު މޭޒުގެ ދެފަރާތުގައި ބަހައްޓާފައިވާ ހިމަދިގު ދެ ގޮނޑީގައި އެންމެން ތިބީ ވަރަށް ހަމަޖެހިގެންނެވެ. މޭޒުމަތީގައި އަތުރާލައިފައިވާ މީރު ކެއުމަށް އިންސާފުކުރަމުން އެންމެންވެސް ތިބީ އެކި ވާހަކައިގައެވެ.
" މާލެ ފުރާ ބޯޓުވެސް މޫސުން ގޯސްވެގެން ފުރުން ލަސްކޮށްފި. މިރޭ މިސްކިތްދޮށުގައި އެވާހަކަ އެދެއްކީ! "
ޝާކިރު ޖާވިދަށް ބަލައިލަމުން ބުންޏެވެ. އޭރު ޖާވިދް ދެވަނަ ފަހަރަށް ބަތްތައްޓެއް މޮޑެން ތައްޔާރުވަނީއެވެ.
" އާނ! އަހަރެންވެސް އަޑުއެހިން ތިވާހަކަ.. ދެން މަޑުވީމަތާ ފުރޭނީ.."
ޖާވިދް ބުންޏެވެ. އޭރުވެސް ނާއިފް ސިއްރުސިއްރުން ޔަޝްމީއަށް ބަލާކަން ބަތްތަށީގައި އަތް ހާކާލަ،ހާކާލާ އިން ޔަޝްމީއަށް އެނގެއެވެ. އެހެންވެ، އޭނާއަށް އިނދެވުނީ ކާހިތްވެސް ނުވެފައެވެ.
" ކޮބާ މީރުކޮށް ކެވޭތަ؟ "
ނާއިފަށް ބަލައިލަމުން ޝާކިރު އެހެން ބުނުމާއިއެކު ނާއިފް އަވަސް އަވަހަށް ބޯޖަހާލަމުން އާނއެކޭ ބުނެލިއެވެ.
" ނާއިފް މަންމަމެން ކުރީގަ ވަރަށް ގިނައިން އަންނާނެ މިގެއަށް! ނާއިފްގެ ބައްޕަ ބަލިވިފަހުން މަންމައަށް ނާދެވެނީ! "
ފާއިޒާ ވާހަކަ ދެއްކިއެވެ. ރައްދުގައި ނާއިފް ހީލިއެވެ. އޭރު އޭނާ އިނީ ކައި ނިމިގެން ތެދުވަންވެސް ނުކެރިފައެވެ. އެކަން ފާހަގަ ކުރެވުނީ ޝަހާނާއަށެވެ.
" ނިމިގެންދޯ ތިއިނީ؟ އަތްދޮވެލަން ދާންވީނު ބޭރަށް! ބުންބާ ކައިރީގައި ފެން ތެއްޔެއް ނަގާފައި ހުންނާނެ!"
ޝަހާނާ އެހެން ބުނުމުން ނާއިފް އަވަސް އަވަހަށް ތެދުވެގެން ބޭރަށް ނިކުތެވެ.
" ބުންބާއޭ ބުނީމަ މި ހަނދާންވީ! މިހާރު އެ ހޮޅިގަނޑު ވަރަށް ބާރު! އެ ބަލައިލައްޗޭ! މިދުވަސްކޮޅު ދެން މަހަކަށްވެސް ނުދާނެއެއްނު!"
ފާއިޒާ އާދޭހުގެ ރާގަކަށް ބުންޏެވެ.
" އިސްކޫރެކޭ ލާންވީ! އަހަރެން ހުންނަނީ އަތުގެ ކޮނޑުހުޅު ނެއްޓޭވަރުވެފައި! "
ޝަހާނާ އެހެން ބުނުމާއިއެކު ޖާވިދާއި ޔަޝްމީއަށް ހެވުނީ އެކުއެކީގައެވެ. އެދެމީހުން ހޭން ފެށުމުން ޝަހާނާއަށްވެސް ހެވުނެވެ.
" އެއްކަލަ ދައްތަ! ރަނގަޅޭ! ދައްތަ ތިހެން ކިޔައިގެންވެސް އިސްކޫރެއް ލިއްޔާ ކިހާ ފަސޭހަވާނެ! "
ހެމުން ހެމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ކައި ނިމިގެން ޖާވިދްއަށް ބޮޑު ވައެއްވެސް ލައްވައިލެވުނެވެ.
" ތިކުރީ ވަރަށް ނުބައި ކަމެއް! ކާއިރު މީހުން ތިއްބާ ވައިލެއްވުމަކީ އެހެން މީހުންނަށް އިޙްތިރާމް ކުޑަކުރުން.. އަނެކާގެ ކެއުން ހަލާކުވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ! "
ޝާކިރުގެ ހަރުކަށި ބަސްތަކުން އެންމެން މައިތިރި ވެއްޖެއެވެ.
" ދަރިފުޅު ވައެއް ލައްވައިގެން އަދި ބައްޕަ ފަކުރެއް ނުގަންނާނެ! އެކަމަކު ތިޔަ ކަހަލަ ކަންތައްތައް އާދަ އަކަށް ވެއްޖެނަމަ މާދަމާ އެހެން މަޖްލީހެއްގައިވެސް ތިކަން ކުރެވިދާނެ.."
ޝާކިރު ނުހަނު ލޯބިން ބުނެލިއެވެ. އެއާއިއެކު ޝަހާނާ އިސްޖަހާލިއެވެ. ކުއްލިއަކަށް ޝަހާނާ އިސްޖަހާލުމުން ޖާވިދްގެ ހިތް އަވަސްވެގެން ދިޔައެވެ. ބައްޕަގެ ވާހަކައިން ބައްޕައާއި މެދު އޭނާގެ އަންހެނުންގެ ވިސްނުން ހުރީ ކިހިނެއްކަން ނޭނގޭ ޙާލު ޖާވިދަށް އުނދަގޫވާން ފެށިއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (5)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!