ކުރީގެ އަދަދާއިގުޅޭ،

އުފަލުން ހުރެ ޝަހާނާ ގެއަށް އައިސް ވަނުމާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ ކަންބޮޑުވެފައިވާ ފާއިޒާގެ މޫނެވެ. ކަންބޮޑުވުމާއިއެކު ހިތްހަމަ ނުޖެހުންވެސް ކޮންމެވެސް ވަރަކަށް އެ މޫނުން ޝަހާނާއަށް ފާހަގަ ކުރެވުނެވެ. ޝަހާނާ ނުހަނު ޖެހިލުންވެ ބިރުވެސް ގަތެވެ. މީގެ ކުރިން ފާއިޒާއަކީ އެގޮތަށް މޫނު ހަދައިގެން ހުންނަ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭރު ފާއިޒާ އިނީ މަދު ގޯންޏެއް އޮއްސާލައިގެން މަދު ފަޅާށެވެ. ޝަހާނާ ފެނުމުންވެސް އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އޭނާ އެ މަސައްކަތުގައި އިނީއެވެ.

Ad
rt

ފާއިޒާއަށް ބަލަމުން ގޮސް ޝަހާނާ ޖޯލީގައި އިށީނެވެ. ޝަހާނާ އިށީނުމާއިއެކު އިސް އުފުލައިލުމަށްފަހު ފާއިޒާ ވާހަކަ ދައްކަން ފެށިއެވެ.

" މިހާ ވައިގަދަ ދުވަސްވަރެއްގައި ފުޅަށް ތެރެއަށް އަންނަ ފަތްގަނޑުވެސް ހަމަ ކޮންމެ ދުވަހަކު ނަގަން. ގޯނިތައް އެހުރީ ފުރިފައި! މިއަދު ކުނި އަޅާނެ އެއްވެސް އެއްޗެއް ނެތް! މަހަށް ނުދާއިރު ބައްޕައަށްވެސް އެވަރު ކޮށްލެވެންވާނެ! ދޮގެއްތަ މަންމަ މިބުނީ؟"

ހިތްހަމަ ނުޖެހިފައި އިނދެ ފާއިޒާ އެހެން ބުނުމުން ޝަހާނާގެ ހިތަށް ލިބުނީ ވަރަށް ބޮޑު ލުޔެކެވެ. އެއީ މަންމަ އެއިނީ އޭނާ ދެކެ ރުޅި އައިސްފައި ނޫންކަން އޭނާއަށް ޔަޤީން ކުރެވުމުންނެވެ.

" މިހެން ވެސް ބުނިއްޔާ މަންމަ ގޯސްވާނީ! އެހެންވެ އެއްޗެއް ނުބުނަން މި ހުންނަނީ.. ފުޅަށްތެރެ ހަޑިކޮށް އޮންނަތަން ބައްޕައަށްވެސް ފެންނާނެއެއްނު.. "

ފާއިޒާ އިތުރުކޮށްލިއެވެ. މަންމައާއި އެއްބައި ވުމުގެ ގޮތުން ދައްކާނެ ވާހަކައެއް ނޭނގިގެން ޝަހާނާ ވިސްނަން ފެށިއެވެ.

" ބައްޕަގާތު އަހަރެން ބުނަންތަ؟ "

ޝަހާނާ ބުނެލިއެވެ.

" ދަރިފުޅު ބުނާނެ ކަމެއްނެތް! އަޅާނުލާ! މަންމަ މިއަދު ކުނިއުކަން ހިނގައިދާނަން. ބަައްޕައަށް ކުރެވޭނެ ކަމަކީ ހަމައެކަނި މަހަށް ދިޔުން. މަހަށް ނުދިޔަސް ގޭތެރޭގެ އެއްވެސް މަސަަައްކަތެއް ނުކުރާނެ! ދައްކަންޏާ ދައްކާހާ ވާނީ.."

ކައިރީގައި ހުރި މަދުތައްޓަށް އަތްކޮށްޕާލަމުން ފާއިޒާ، ޝަހާނާއަށް މަދުކޮޅެއް ދިއްކޮށްލިއެވެ.

" ޖާވިދްގެ ފޯނެއް އައިސްގެން ބޫތަށް ގޮސް މިއައީ! ތިންދުވަސް ވާނެޔޯ ބުނި! "

ޝަހާނާ މަދުކޮޅެއް ކާލިއެވެ.

" އެހެންތަ؟ ދެން ނިމުނީމަތާ އާދެވޭނީ! އެކަހަލަ ދަތުރުތަކުގައި ބައިވެރިވާންޖެހޭނެ! އެހެން ނޫނީ ދުވަހަކުވެސް ވަޒީފާގެ ކުރިއެރުމެއް ނުލިބޭނެ!"

ހިނިތުންވެލަމުން ފާއިޒާ ބުނެލި ޖުމްލައަށް ޝަހާނާ ބޯ ޖަހާލިއެވެ.

" މި މަދުކޮޅު ފަޅާލައިފައި މަންމަ ދާނަން ކުނިއުކަން ގޮނޑަށް.. މެންދުރަށް ލައިގެންކާނެ އެއްޗެއް ހަދާލަންވީނު. ޔަޝްމީވެސް މިއަދު މައްސަރުކަންތައް ލައިގަނެގެން ބަނޑުގައި ރިއްސާތީ އުޅެނީ!"

ފާއިޒާ އެހެން ބުނުމުން ޝަހާނާ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން މޫނުމަތިން ދައްކަން ބޭނުން ނުވާތީ އޭނާ އަވަސް އަވަހަށް ތެދުވީ ބަދިގެއަށް ވަނުމަށެވެ.

" ކޯއްޗެއް ހަދަންވީ ؟ "

ޝަހާނާ އެހިއެވެ.

" ހަވާދުގައި ބިސްރިހަ ކައްކާ! ވަޅޯމަހުގައިތާ މިހާރު ދެން އެއްޗެހި ހެދޭނީ! "

ފާއިޒާގެ ޖުމްލަ ނިމުމާއިއެކު ޝަހާނާ ބަދިގެއަށްދިޔައެވެ. ބަދިގެއަށް ވަދެވުމާއިއެކު އޭނާއަށް ކުދި ކިޔެން ފެށީ ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުންނެވެ.

" ހެނދުނު ރޮށި ފިހުނީވެސް އަހަރެން! ރިހާކުރު ކުޅި ކުރީވެސް އަހަރެން! ހެނދުނު ސައިކެއްކީމަ އަހަރެންވާ ހީކުރީ ދެން މިއަދު ބަދިގެއަށް ވަންނާކަށް ނުޖެހޭނެޔޭ! ދެން ހަމަ ކުނި އުކާފައި އައިސްވެސް މަންމައަށް ކެއްކޭނެއެއްނު! އަހަރެން ހުންނަންވިއްޔަ އަތްގާތް ކޮށްދޭންވެސް.. އަހަންނަކީ ކައްކަން އެހާ ފޫހިވާ މީހެއް! "

ހަވާދު ފުޅިން ހަވާދު ނަގަމުން ދިޔައިރުގައިވެސް އޭނާ ހުރީ މޫނު ކުނިކޮށްގެންނެވެ. ރުޅި އައިސްފައި ހުރުމުގެ ސަބަބުން އޭނާއަށް އެއްޗެހިވެސް ބެހެއްޓީ އެހާމެ ބާރަށެވެ.

" އަދި ހުނިވެސް ގާނަން ޖެހޭނެ! އެއީ އަހަރެން އެންމެ ފޫހިވާ ކަންތައް! "

ޝަހާނާ ބޭރަށް ނިކުމެ ފޭރާ ހުރި ދިމާލަށް ހިނގައިގަތެވެ. ހޯދާ ހޯދާ އޭނާއަކަށް ފޭރާއެއް ނުފެނުނެވެ. އެހެންކަމުން އަނެއްކާވެސް އެނބުރި ގަސްދޮށަށް އައިސް ފޭރާ ކޮބައިތޯ ސުވާލު ކުރިއެވެ.

" ފޭރާ ނުގެނޭދޯ! ޖެހިގެން ހުރިގޭ އާބިދާ ވެއްޖެ ފޭރާ ގެންގޮސް! ދޭބަލަ ހިފައިގެން އަންނަން!"

ފާއިޒާގެ ޖުމްލައިން ޝަހާނާގެ ރުޅިގަނޑު އިތުރުވިއެވެ.

" ކާށި ހޯދަން އެހެން ތާކަށް! ފޭރާ ހޯދަން އެހެން ތާކަށް! ފޭރާ ހިފައިގެން ގެއަށް ދާއިރު ނޭނގެ ހުނިގޮނޑި ހުންނާނެކަމެއް!"

މަގުމަތިން ހިނގާފައި ދަމުން ޝަހާނާއަށް ބުނެވުނެވެ.

****

ޖެހިގެން އައި ދުވަހެވެ. ހަވީރު ފިންޏަށް ޔަޝްމީ ބޭރަށް ނިކުތީ ފިހާރައަކަށް ދާށެވެ. އޭނާ ލައިގެން ހުރި މަޑުނޫ ކުލައިގެ ދިގު ހެދުމުގެ ފަސްބައި ކޮންމެވެސް ވަރަކަށް ބިމުގައި ހޭކެމުން ދިޔައެވެ. ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑުވެސް ވަޔާ ވިހުރެމުންދަނީ ގޮތެއްފޮތެއް ނެތިއެވެ. މޫނުމައްޗަށް ފައިބަމުންދާ އިސްތަށިތައް އިރުއިރުކޮޅުން ޔަޝްމީއަށް ޖެހެނީ ރަނގަޅުކޮށްލާށެވެ. އެއީ ކިތަންމެ އުނދަގޫ ކަމަކަށްވީ ނަމަވެސް ޔަޝްމީ އެންމެ ގަޔާވަނީ އޭނާގެ ދިގު އިސްތަށިގަނޑު ހަޔަށް ދޫކޮށްލާފައި ބަހައްޓާށެވެ.

ލަސްހިނގުމެއްގައި ގޮސް ޔަޝްމީ ފިހާރައަށް ވަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އެ ފިހާރައަކީ އޭނާއަށް އެންމެ ކަމުދާ ފިހާރައެވެ. ރީތިވާ ސާމާނުވެސް ހުންނަނީ ހަމައެކަނި އެ ފިހާރައިގައެވެ. އެތަނަށް ވަދެވުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކައުންޓަރުގައި އިން ނާއިފެވެ. ނާއިފް ފެނުމާއިއެކު، ކުރިއަށް ނެގި ފިޔަވަޅުވެސް އޭނާ މަޑުޖައްސާލިއެވެ. އޭރު ނާއިފް ހުރީ ލުއި ހިނިތުންވުމެއްގައި ޔަޝްމީއަށް ބަލަހައްޓައިގެންނެވެ. ގަތްލަދުން އެތެރެއަށް ވަދެގެން ދާކަށް ޔަޝްމީ ބޭނުމެއް ނުވިއެވެ. ހަމައެހެންމެ ބޭރަށް ނިކުންނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

" ސޭޓާ! މީތި ކިހާވަރަކަށްތަ؟ "

ހަރެއްގެ ބިއްދަށުގައި ހުރި މީހަކު ނާއިފްއަށް ގޮވާލިއަޑަށް ޔަޝްމީ ދިޔައީ ސިހިގެންނެވެ. އެވަގުތު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. އެއްވެސް ޙާލެއްގައި އެ ފިހާރަތެރޭގައި އެކަނިވާކަށް ޔަޝްމީ ބޭނުމެއް ނޫނެވެ. އޭރު އެމީހާ ކައުންޓަރާއި ދިމާލަށް ދާތަން ފެނެއެވެ. އަވަސް އަވަހަށް ބޮޑީސްޕްރޭ ފުޅިއެއް ނަގައިގެން ޔަޝްމީ ކައުންޓަރަށް ދިޔައިރު ކުރިން ހުރި މީހާ ނިކުމެގެން ގޮއްސިއެވެ. އެހެންކަމުން ޔަޝްމީގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވެގަތެވެ. މިހާރު އެތާނގައި ތިބީ ޔަޝްމީއާއި ނާއިފް އެކަންޏެވެ.

" ބްލޫލޭޑީ؟ މި ފުޅީގައިތަ އެންމެ މީރުވަސް ދުވަނީ؟ "

ކައުންޓަރުމަތީގައި ޔަޝްމީ ބެހެއްޓި ފުޅި ނަގަމުން ނާއިފް އަހާލިއެވެ. ނާއިފްއަށް ނުބަލަން ވެގެން ޔަޝްމީ ހުރީ އަތުގައި އަޅާފައި އޮތް ކެވެލިކޮޅާއި ކުޅެލަކުޅެލައެވެ. އޭރުވެސް އޭނާގެ ހިތުގައި އާދަޔާ ޚިލާފް އޮއިވަރެއް އުފެދެމުންދާކަން އޭނާއަށް އެނގެއެވެ. ކުރިމަތީގައި ހުރި ނާއިފްއާއި ހަތަރުކަޅި ހަމަކުރަން ހިތް އެދުނަސް، އޭނާގެ ސިކުނޑި އެކަމަކަށް އެއްބަހެއް ނުވެއެވެ.

" ފަންސާސް ރުފިޔާ"

ނާއިފް އެހެން ބުނި އަޑަށް ، ޔަޝްމީ، އޭނާގެ މުށުތެރޭގައި އޮތް ފަންސާހުގެ ނޫޓް، ކައުންޓަރު މަތީގައި ބޭއްވިއެވެ.

" ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ؟ އަހަރެން ޔަޝްމީއަށް ގޯހީތަ؟ "

ނާއިފް އެހެން ބުނުމުން ބޭއިޙްތިޔާރުގައި ޔަޝްމީއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ނާއިފްގެ އަޑަށް ސިހުނުލެއް ބޮޑުކަމުން އޭނާގެ ދެލޯވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ.

" ދެން؟ ގައިމު އެހެން ކުދިންނާއިއެކު އަހަންނަކީވެސް އޭރު ޔަޝްމީއާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެއް! އެހެން ކުދިންނާއި ވާހަކަ ދައްކާ ގޮތަށް އަހަންނާ ވާހަކަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އަރާ! "

އަތުގައި އޮތް ކޮތަޅު ޔަޝްމީއަށް ދިއްކޮށްލަމުން ނާއިފް ބުނެލިއެވެ. ހިތުގައި ހުރި ސުވާލުތައް ބޭރުކޮށްލެވުމުން ނާއިފްއަށް ހަމަޖެހުން ލިބުނެވެ. އޭނާ އިންތިޒާރުކުރަމުންދިޔައީ ޔަޝްމީ ދޭނެ ޖަވާބަކަށެވެ.

" އަހަރެން ނާއިފްދެކެ ރުޅިއެއް ނާދެޔޭ! ނާއިފްވެސް އަހަންނަކާ ވާހަކައެއް ނުދައްކާ! ވާހަކަ ދެއްކީމަ އަހަރެންވެސް މި ދެއްކީއެއްނު! "

ޔަޝްމީ އެހެން ބުނުމަށްފަހު ކޮތަޅު ހިފައިގެން ބާރުބާރަށް ނިކުތެވެ. ޔަޝްމީއަށް ވާހަކަ ދެއްކުނީ ނުހަނު ލަދުން ހުރެއެވެ. ބުނެވުނު އެއްޗަކާއިމެދު އޭނާއަށް ވިސްނާލެވުނީވެސް މާ ފަހުންނެވެ.

" އަހަރެން ވާހަކަ ނުދައްކާ ވާހަކަ ބުނެފިއެއްނު! އޭނަވެސް މަށާ ވާހަކައެއް ނުދައްކައޭ! ދެން ކީއްކުރަންތަ އަހަރެން ކުށްވެރި ކުރަންވީ؟"

ކޮޓަރިއަށްވަދެ ގަޔަށް ސްޕްރޭ ބުރުވާލަމުންވެސް ޔަޝްމީއަށް ކުދި ކިޔެމުންދިޔައީ ނާއިފަށެވެ.

***

ނިދިފައި އޮތް ޝަހާނާއަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ދެލޯ ކުޑަކޮށްލަމުން އޭނާ ބަލައިލީ މޭޒުަމަތީގައި ހުރި ސޯނާގަޑިއަށެވެ. އޭރު އިރުއޮއްސި ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެނދުން ތެދުވެ، ދެއަތުން މޫނު ފުހެލަމުން ޝަހާނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޖާވިދް ފެނި، އޭނާގެ ނިދި މުޅިންހެން ފިލައިދިޔައެވެ. ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން ޝަހާނާއަށް ޖާވިދްއޭ ބުނެވުނެވެ.

" އަހަރެން ހީކުރީ މާދަމާކަމަށް އަންނަނީ؟ އެންމެ ފަހަރަކު ގުޅާލި ގޮތަށް ދެން ނުވެސް ގުޅާ!"

ޝަކުވާގެ ރާގުގައި ޝަހާނާ ބުންޏެވެ. ކޮނޑުމަތީގައި އޮތް ބޮޑު ދަބަސް އެނދުމައްޗަށް ވައްޓާލުމަށްފަހު ޖާވިދް ޝަހާނާއަށް ފުންނަޒަރަކުން ބަލައިލިއެވެ.

" ޝަކުވާ ނުކޮށްބަލަ! އާދެބަލަ މަގޭ ޖާނު މަގޭ ކައިރިއަށް! "

ޝަހާނާގެ އަތުގައި ހިފާ، ޖާވިދާއި ކައިރިކޮށްލަމުން އޭނާ ބުންޏެވެ. ހީލަމުން ޝަހާނާ، ޖާވިދްގެ ގައިގައި ބައްދާލިއެވެ.

" އޭތި ގެނައިންތަ؟ އަހަރެން ބުނީމެއްނު.... އެއްކަލަ އެތި.."

ޝަހާނާ އެހެން ބުނުމާއިއެކު ޖާވިދް ޝަހާނާ ދުރުކޮށްލަމުން އޭނާގެ މޫނަށް ބަލައިލިއެވެ.

" ގެނައިން ވަރަށް ރީތި އެއްޗެއް! "

ޖާވިދްގެ ޖުމްލައިން ޝަހާނާގެ ހިތް ނުތަނަވަސްވިއެވެ. އެހެންކަމުން އޭނާ ތަންކޮޅެއް ދުރަށް ޖެހިލަމުން އަނެއްކާވެސް އެހިއެވެ.

" ބުނެބަލަ! އަހަރެން ބުނި ފައުންޑޭޝަން ފުޅި ގެނައިންތަ؟ "

" ސޮރީ ޝަހާ! އޭތި އަސްލު ވަރަށް އަގުބޮޑު! އަހަރެން ގަންނަވެސް ދިޔައިމޭ! އެކަމަކު ފޯނު ގަނެފައި ބާކީއެއް ނެތް އެހާ ގިނަ ލާރިއެއް! "

ޖެހިލުންވެ ހުރެ ޖާވިދް ބުންޏެވެ. ޝަހާނާގެ މޫނުމަތީގެ ކުލަވަރު ނުހަނު އަވަހަށް ބަދަލްވެގެން ދިޔަތަން ޖާވިދަށް ފެނުނެވެ.

" ޖާވިދްގާތު އެއްޗަކަށް ބޭނުންވެގެން އަހަރެން އަދި އަލަށް މިބުނީ! އެކަމަކު ޖާވިދަށް އަހަރެންގެ ކަންތައްތައް މުޙިއްމެއްނުވިއެއްނު! އަހަންނަށް އެނގެޔޭ ޖާވިދް މާލެ ދިޔައީ ލައްކައެއް ހިފައިގެން ނޫންކަން! އެކަމަކު.. ޖާވިދް ބޭނުންވާ ހުރިހާ އެއްޗެއް ގަނެވުނީމަ އެ ނިމުނީނު! އަހަންނަށް ހެޔޮ ދެން އެހެން އެއްޗެއް އަހަންނަށް ނުދިނަސް.."

ޝަހާނާ ޖާވިދަށް ފުރަގަސް ދިނެވެ. އެއާއިއެކު ފަހަތުން އައިސް ޖާވިދް ބައްދާލަމުން ނުހަނު ލޯބިން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންގެ ލޯބިވާ އަނބިމީހާއަށް ހަދިޔާއެއް ނުގެނެސް އަހަރެން ރަށަށް އަންނާނެކަމަށް ހީކުރީތަ؟ ޝަހާ ބުނި އެއްޗެއް ނުގަނެވުނު! އެކަމަކު އަހަރެން ލޯބިން ދޭން ބޭނުންވެގެން ގަތިން ވަރަށް ރީތި އެއްޗެއް! "

ޝަހާނާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ޖާވިދް ބުންޏެވެ. ނަމަވެސް ޝަހާނާ ހުރީ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. އޭނާ އަނެއްކާވެސް ޖާވިދްގެ އަތް ފޮޅުވާލަމުން ދުރަށް ދިޔައެވެ.

" އަހަރެން ބުނެފީމެއްނު އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ.."

އޭރު ޖާވިދް، އޭނާގެ ދަބަހުން ކޮތަޅެއް ނަގައިފިއެވެ. އަދި ހެވިފައި ހުރެ އައިސް ޝަހާނާއަށް ކޮތަޅު ދިއްކޮށްލިއެވެ.

" ޝަހާ! އަހަރެން ޝަހާއަށް މިދެނީ ޝަހާ ވަރަށް ބޭނުންވާ އެއްޗެކޭ! ބަލައިލަބަލަ! "

ޖާވިދާއި ދިމާލަށް ޝަހާނާ ބަލައިލުމުން ބުމަ ހިއްލާލުމަށްފަހު ޖާވިދް އަނެއްކާވެސް އެދުނީ ކޮތަޅުގައި ހިފުމަށެވެ. ހިނިތުންވުން ގެއްލިފައި ހުރި ޝަހާނާ ކޮތަޅުގައި ހިފުމަށްފަހު އެތެރެ ބަލައިލިއެވެ. ކޮތަޅު ތެރޭގައި އޮތް ދަޅުގަނޑު ނަގައި އަވަސް އަވަހަށް އޭނާ އެ ހުޅުވާލިއެވެ.

" ރަން އަނގޮއްޓިއެއް؟ "

ޝަހާނާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އެހިނދު އޭނާގެ މޫނުމަތިވެސް އުޖާލާވެއްޖެއެވެ. ލާނެތް ހިނިތުންވުމެއްގައި ހުރެ ޖާވިދް ގޮސް ޝަހާނާގެ އުނަގަނޑުގައި ހިފާލަމުން ބުނެލިއެވެ.

" ތިބުނާ ކްރީމްތައް ނޫނގުޅިޔަސް އަހަންނަށް ޝަހާ ވަރަށް ރީތި! ޝަހާ ނުޖެހޭނެ ފާޑުފާޑުގެ އެއްޗެހި މޫނުގައި އުނގުޅާކަށް! ޤުދުރަތުން ދެއްވާފައިތިވާ ރީތިކަމަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ! "

ޝަހާނާގެ ހިތް އުފަލުން ފޮޅިގަތެވެ. ޖާވިދްގެ ކޮނޑުައި ދެއަތް އަޅުވާލަމުން ޝަހާނާ ވާހަކަ ދައްކަން ފެށިއެވެ.

" ސޮރީއޭ! އަހަރެން ވަރަށް އުފާވެއްޖެ! "

ޖާވިދް ޝަހާނާގެ އަތުގައި ހިފާލަމުން އޭނާގެ އިނގިލީގައި އަނގޮއްޓި އަޅުވާލަދިނެވެ. އަދި އެ މަޑުމަޑު އަތްތިލައަށް ބޮސްދިނީ ޝަހާގެ ދެލޮލަށް ބަލައިލަމުންނެވެ.

****

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމުގައި އާއިލާގެ އެންމެން ތިއްބެވެ. ދިވެހި ކެއުމަކީ އެގޭ އެންމެންނަށްވެސް އެންމެ މީރު ކެއުމެވެ. އެހެންކަމުން ކެއުމުގައި އެންމެންވެސް މަޖާ ނަގަމުންދިޔައެވެ.

" ބައްޕާ! މާލެއަކީ ވަރުގަދަ ތަނެއް! ހާދަބޮޑަކަށޭ މާލެ ތަރައްޤީކޮށްފައި އޮތީ! ފިހާރައަކަށް ވަނަސް ނަން ހުސްކޮށް ހުރިހާ އެއްޗެއް ހުރޭ! ނުލިބޭ އެކައްޗެއްވެސް ނެތް! "

ޖާވިދް ޝައުޤުވެރިކަމާއިއެކު ކިޔައިދިނެވެ. ދެން ތިބި މީހުންވެސް އެވާހަކަ ތަކަށް ނުހަނު ގަޔާވިއެވެ.

" ދެން އިތުރަށް ކޮންކަމަކާތަ ދޮންބެ އަޖައިބުވީ ؟ "

ޔަޝްމީ ހެވިފައި އިނދެ އެހިއެވެ. އެއާއިއެކު ބަތްތައްޓަށް ތެލުލި ހިކިމިރުހެެއް ފުނޑުކޮށްލަމުން ޖާވިދް ބުންޏެވެ.

" އަޖައިބު ނުވާ ހަމަ އެއްކަމެއްވެސް ނެތް! ކާރަކަށް އެރިޔަސް ފައިބާހިތެއް ނުވެ! އަސްލު ޝަހާ އެބުނަނީ ދޮގެއް ނޫނޭ! އޭސީގައި ނިދާލަން ހާދަހާއޭ އަރާމީ! ދޮންބެމެން ނިދި ކޮޓަރީގައި އޭސީ ހުރި! ފިންޏޭ ފިންޏޭ! "

ދެފަރާތަށް ބޯހޫރާލަމުން ޖާވިދް ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ. އެއާއިއެކު ފާއިޒާ ޝަހާނާއަށް ބަލާލުމަށްފަހު ޖާވިދްގެ މޫނު ބަލައިލުމަށްއެދި އިޝާރާތްކޮށްލިއެވެ. ޝަހާނާއަށްވެސް ހެވުނީއެވެ.

" ނޫނޭ މީހަކު އަލަށް ތާކަށް ގޮސްގެން އެބައުޅޭ! "

ތެލުލި ރެހި ފުޅި ބަތްތައްޓަށް އަރިކޮށްލަމުން ޝަހާނާ ބުންޏެވެ. އެއާއިއެކު ޖާވިދް ޝަހާނާއަށް ބަލައިލިއެވެ.

" މި ތައްޓަށްވެސް ރެހިކޮޅެއް އަޅާލަބަލަ! އަހަންނަށްދޯ ތި މަލާމާތްކުރަނީ؟ އަހަންނަށް ޔަޤީން ޝަހާ މާލެ ދިޔައްޔާ ރަށަށް ނުވެސް އަންނާނެކަން! އެހުރި ބޮޑެތި ހޮސްޕިޓަލްތަކޯ! މަ ދިޔަ އޮފީހޯ! މިރަށު އޮފީސް ނުވާނެ އެތަންތަނުގެ ފާޚާނާގަނޑު ވަރުވެސް! ރީތީ ރީތިކަމަށް! އަހަރެން އެބަ ޚިޔާލު ކުރަން މާލެ ބަދަލުވާން"

ޖާވިދް އެހެން ބުނުމުން ޝާކިރަށްވެސް ހެވުނެވެ. ޝާކިރު ހޭންފެށުމާއިއެކު އެންމެން އެއްފަހަރާ ބާރަށް ހީގަތެވެ.

" ދަރިފުޅު ތި ދައްކަނީ މާލެ ބަދަލުވާ ވާހަކަތަ؟ އެނގޭތަ ކުލީގެ އަގު؟ އަދި އޭގެ އިތުރުން ފެނާއި ކަރަންޓްބިލޯ؟ މަހަކު ލައްކައެއް ހޯދިޔަސް މާލޭގައި ކެތެއް ނުކުރެވޭނެ! "

ޝާކިރުގެ ޚިޔާލު، ޖާވިދާއި މުޅިން ތަފާތެވެ. އެހެންކަމުން ޖާވިދް ބޭނުންވީ އެއީ ވާނެ ކަމެއްކަން ބައްޕައަށް ޔަޤީން ކޮށްދޭށެވެ.

" ފަނަރަ ރުފިޔާ ބަޔަށް މިރަށަށް މަސްކިލޯއެއް ވިއްކައިގެން ބައްޕައަށް ދުވާލަކު ފައިދާއަށް ކިހާވަރެއް ލިބޭ؟ ބުނެބަލަ ތެދަށް؟"

ޖާވިދްގެ ރާގު ހުރިގޮތުން އޭނާ އެދައްކަނީ ސަމާސާ ވާހަކައެއް ނޫންކަން އެންމެންނަށްވެސް އެނގުނެވެ. އެހެންކަމުން ކުއްލިއަކަށް މުޅި ތަނަށް ހަމަހިމޭންކަން ވެރިވެގަތެވެ.

" މަހަކަށް ލިބޭ ފަނަރަ ވަރަކަށް ހާސް. މަންމައާއި ބައްޕަ ޙައްޖަށްދާން ފައިސާ އެއްކުރާތީވެ އެހާ ބޮޑެތި ޚަރަދުތައް ގޭގައިވެސް ނުކުރަނީ!"

ޝާކިރު ފާއިޒާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ބޯޖަހާލިއެވެ.

" ތިކަމަކާ އަހަރެމެން ނުބެހޭނަން! ބައްޕަގެ ފައިސާ ޚަރަދު ކުރަން އަހަރެން ނުވެސް ބުނަންދޯ! އަސްލު ބުނަން މިއުޅެނީ މިރަށަށް ތި ވިއްކާ އަގުގެ ތިން ހަތަރު ގުނަ ބޮޑުކޮށް މާލެއަށް މަސް ވިއްކޭނެ! މާލޭގައިވެސް މަހަށް ދެވޭނެ! އަހަރެންވެސް ވަޒީފާ މާލެ ބަދަލު ކުރާނީ! "

ޖާވިދް އަވަސް އަވަހަށް ފެންތަށި ދަމާލިއެވެ. އެންމެންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެވުނީއެވެ.

" ބައްޕަމެންވެސް މާލެ ބަދަލުވާންވީ؟ ގެދޮރު ދޫކޮށް މާލެ ބަދަލުވުމަކީ ވާނެކަމެއް ނޫން! "

ޝާކިރު އެހެން ބުނުމުން ފާއިޒާވެސް ޖެހިލުން ވެފައި ޖާވިދަށް ބަލައިލިއެވެ. އޭރު ޖާވިދް އިނީ އިސްޖަހާލައިގެންނެވެ.

" ބައްޕަގެ އިތުރު ފިރެހެން ދަރިޔަކުނެތް! މިއަދު ބައްޕަ ބަލިވިޔަސް ހަމަ އަހަރެން ބައްޕަ ބަލާނީ! މިރަށުން އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް ލިބެނީކީނޫން! ތަޢުލީމެއް ލިބެނީކީ ނޫން! މާދަމާވެސް އަހަރެމެންނަށް ދަރިން ލިބުނީމަ ހަމަ މާލެ ދާންޖެހޭނީ! ބައްޕަމެން ބައިތިއްބާފައި އަހަންނަކަށް ނުދެވޭނެ! "

އިސްޖަހައިގެން އިނދެ ތަންކޮޅެއް ބާރަށް ޖާވިދް ބުންޏެވެ. ޔަޝްމީއަށްވެސް ބަލައިލެވުނީ ފާއިޒާގެ މޫނަށެވެ. ޝަހާނާއަށްވެސް އިނދެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ.

" މަންމާ! ބައްޕައަށް ވިސްނައިދީ! މިއަދު މަންމައާއި ބައްޕަ ވިސްނަންޖެހޭނީ ގެދޮރަކަށް ނޫން! މަންމަމެން ވިސްނަން ޖެހޭނީ ދަރިންގެ އުފަލަށް! "

އެހެން ބުނުމަށްފަހު ޖާވިދް ބާރުބާރަށް ތެދުވެގެން ދިޔައެވެ.

" ތި ތަށިތައް ބަހައްޓާފައި ޝަހާނާވެސް ދޭބަލަ! ގޮއްސަ އޭނަ ހަމައަކަށް އަޅުވަބަލަ! ޝަހާނާވެސް ވިސްނައިދީ އެއީ ކުރަންވާވަރުގެ ކަމެއް ނޫންކަން! މި އާއިލާއަށް 3 ކޮޓަރީގެ ތަނެއް ހިފައިގެން ދިރިއުޅެވޭނީ! އެވަރުގެ ތަނެއް ވިހި ތިރީސް ހާހުގެ ދަށުންނެއް ނުލިބޭނެއެއްނު. ކިހިނެއް އެވަރަށް ފައިސާ ހޯދަނީ؟ "

ފާއިޒާ އެހެން ބުނުމުން އެއްވެސް ޖަވާބެއް ނުދީ ބޯ ޖަހާލަމުން އޭނާ ނިކުތެވެ. އޭރު ޖާވިދް އަތް ދޮވެގެން ގެއާއި ދިމާލަށް ހިނގައިގަންނަނީއެވެ. ޝަހާނާވެސް އަވަސް އަވަހަށް އަތް ދޮވެލައިގެން ގޮސް ބާރުބާރަށް ޖާވިދްގެ ފަހަތުން ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި ޖާވިދްގެ ގަޔަށް ޖެހިގަންނަމުން ބައްދައިގަތެވެ.

" އާހް.. ވާއޯ! ހަމަ އަސްލުވެސްތަ؟ މާލެ ބަދަލުވާންތަ ބޭނުންވަނީ؟ އަހަރެން ހާދަ އުފާވެއްޖެޔޭ! މީހުން ބުނޭ އެއީ ވަރަށް ރީތި ތަނެކޭ! އެހެންވެ އަހަރެން މާލޭގައި ވަރަށް އުޅޭހިތްވޭ! ވަރަށް ވަރަށް ވަރަށް އުފާވެއްޖެ! "

ޝަހާނާ ފުމެފުމެފައި ވާހަކަ ދެއްކިއެވެ. ނަމަވެސް ޖާވިދްގެ މޫޑުވަނީ މުޅިން ޚަރާބުވެފައެވެ. ޝަހާނާގެ ގައިގައި ހިފަހައްޓާލަމުން އޭނާ ދުރުކޮށްލިއެވެ. އަދި އެނދުގައި އިށީނުމަށްފަހު ބުންޏެވެ.

" އާނ! އަހަރެން ބޭނުމެއްނޫން މިރަށުގައި އުޅޭކަށް! މާލެ ބަދަލުވާން ބޭނުންވަނީ! މަންމަމެންވެސް ގޮވައިގެން ދާނީ.. އެކަމަކު ބައްޕަ ނުޤަބޫލުވީމަދޯ!"

ފިކުރު ބޮޑުވެފައި އިން ޖާވިދްގެ ބުރަކަށީގައި ޝަހާނާ ފިރުމާލިއެވެ. އެވަރުންވެސް ނުފުދިގެން އޭނާ އަނެއްކާވެސް ޖާވިދްގެ ގައިގައި ލެނގިލަމުން ބުންޏެވެ.

" މަންމަ ބުނީ މިގޭ އެންމެން އުޅެން 3 ކޮޓަރީގެ ތަނެކޯ ނަގަން ޖެހޭނީ! ވަރަށް ކުލި ބޮޑުވާނޯ! "

" އެބުނީ ތެދެއް! 3 ކޮޓަރި ހުރީ ވިހި ހާހުން މަތީގައި! އަހަންނާއެކު ދެން އުޅުނު މީހާވެސް މާލެ ބަދަލުވަނީއޭ! އޭނަ ތަންތަން ބަލަން ދިޔައީ އަހަރެންވެސް ގޮވައިގެން.. އެހެންވެ އަހަންނަށްވެސް އެނގުނީ! 2 ކޮޓަރީގެ އެޕާރޓްމަންޓް ހުރި ފަނަރަހާސް ރުފިޔާއަށް. އެވަރު ރަނގަޅުވާނެއެއްނު.. އެކަމަކު ޔަޝްމީކޮއްކޮއަށްވެސް ކޮޓަރިއެއް ހުންނަން ޖެހޭނެއެއްނު! "

ޖާވިދްއެހެން ބުނުމުން ޝަހާނާގެ މޫނުމަތި އުދާސްވިއެވެ.

" ޔަޝްމީވެސް ވަޒީފާއަކަށް ވަންނާނީ! އޭރުން އޭނައަށް ލިބޭ ލާރިވެސް ހުންނާނެއެއްނު.."

" އޭނަ އަދި ކިޔަވަން ބޭނުންވާނެ! އެހެންވީމަ އޭނައަށް ލިބޭ ލާރި އޭނަ ރައްކާކުރާނެ އެއްނު! "

ވިސްނާލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު ޝަހާނާއަށް ތުންފަތުގައި ދައިގަނެވުނެވެ. ހިތަށް އެރި އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ބުނަން ޖެހިލުންވެ އިރުކޮޅަކު އޭނާ އިނދެލިއެވެ.

" ޖާވިދް... އަހަރެން ދެންތަ ޚިޔާލެއް؟ "

ޝަހާނާ އެހެން ބުނުމާއިއެކު ޖާވިދް ޝަހާނާގެ މޫނަށް ބަލައިލިއެވެ.

" މިއަހަރު ޔަޝްމީއަށް އަށާރަ އަހަރުވެސް ވާނެއެއްނު! އޭނަ މީހަކާ ދެވަން އުޅޭ! އޭރުން ކިޔަވައިވެސް ދޭންޖެހޭނީ ފިރިމީހާއަކަށްނު! "

އެހެން ބުނުމަށްފަހު ޝަހާނާ ބޯ ހަލުވާލީ މިކަމާއިމެދު އިތުރަށް ވިސްނާލުމަށް އެދެމުންނެވެ.

" ހާދަ އަވަހަކަށް؟ ކާކާ އިންނާނީ؟ "

ޖާވިދަށް ބުނެވުނެވެ.

" އެކަން ކުރަންވާނީ ނިކަން ރަނގަޅަށް ބޮލުން ކުޅެގެން.. ޖާވިދްއަކަށް އަދި ނުވިސްނޭނެ! އެކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލަބަލަ! "

އެނދުން ތެދެވެގެން ޝަހާނާ ކުރިއަށް ހިނގައިގަތެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (7)

ސިލްސިލާ ވާހަކަ: ޝިކާޔަތު (7)

(ނިމުނީ)