ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ހުށަހެޅުއްވި މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

Ad
rt

މިޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) އަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.

ރައީސް އިއްޔެ މި ބިލް ބިލް ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެއްވުމާއެކު މި އިސްލާޙަށް ވަނީ ޢަމަލު ކުރަން ފަށާފައެވެ. އެހެންކަމުން މި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ މީހުންނަށް އެކަމަށް ކުރިމަތި ލުމަށް 14 ދުވަސް ލިބިގެން ދާނެއެވެ.

އަންނަ ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުން ހައްގުވާ މީހުންގެ އަދަދުގެ ގޮތުގައި އީސީން ހާމަކުރައްވާފައި ވަނީ 282،672 މީހުންނެވެ.