ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހދ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކޮންމެ ސްކޫލެއްގައި ހާފިޒެއް އުފެއްދުމުގެ ބޭނުމުގައި އަތޮޅުގެ ކޮންމެ ސްކޫލަކުން ޤުރުއާން ހިތުދަސްކުރާނެ ދަރިވަރަކު ހޮވައި އެ ދަރިވަރަށް ޤުރުއާން ހިފުޒުކޮށްދިނުމުގެ ޕްރޮގްރާމެއް އެ ކައުންސިލުގެ ބެލުމުގެ ދަށުން ފަށާފައިވާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ނެއްލައިދޫ ސްކޫލުގެ 16 ދަރިވަރުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން އެއް އަހަރު ދުވަސްތެރޭ ޤުރުއާން އެއްކޮށް ހިތުދަސްކުރާނެއެވެ. މި ޕްރޮގްރާމުގައި ތަޖުވީދުގެ ބައިތަކާއި އަޑާއި ރާގުގެ ބައިތަކުގެ އިތުރުން ޤުރުއާން އެއް އަހަރު ދުވަސްތެރޭ ހިތުދަސްކުރާނެ ގޮތާއި މުރާޖާ ކުރުމުގެ ގޮތްތައް ކިޔައިދޭނެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕްލް އިސްމާއިލް ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލުން ނެއްލައިދޫއަށް ދިން ފުރުޞަތުގެ ދަށުން އެ ސްކޫލުން ހިފްޒު ޕްރޮގްރާމުގައި ބައިވެރިކުރާނެ ދަރިވަރަކު ހޮވުމަށް އެކަމަށް ސައުގުވެރިވާ ހުރިހާ ދަރިވަރުންނަށް އާންމުކޮށް ފުރުޞަތު ހުޅުވާލި ކަމަށާއި އެ ފުރުޞަތުގެ ދަށުން ކުރިމަތިލީ ދިހަ ދަރިވަރުން ކަމަށެވެ. އެ ދަރިވަރުންގެ މެދެގައި ޤުރުއަތުލުމަށް ފަހު މި ޕްރޮގްރާމްގައި ބައިވެރިކުރާނެ ދަރިވަރު ކަނޑައެޅި ކަމަށެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ ނެއްލައިދޫގައި އިތުރު ހާފިޒުން އުފެއްދުމަށް ބޭނުންވާތީ އެ ރަށުގެ ކަމުވޮށިގެންވާ ޒުވާނެއް ކަމަށްވާ މުޙައްމަދު ވަސީމްގެ މަސައްކަތުން މި ޕްރޮގްރާމުގައި ނެއްލައިދޫ ސްކޫލުގެ އިތުރު ފަނަރަ ދަރިވަރުންނަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދިންކަމަށާއި، އެ ފަނަރަ ދަރިވަރުން ވެސް ހޮވާފައި ވަނީ އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ނެއްލައިދޫ ސްކޫލުގެ ޖުމްލަ 16 ދަރިވަރުން މިހާރު ޤުރުއާން ހިފްޒުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ދަރިވަރުންގެ އެންމެހާ ކަންކަން ކުރިއަށް ދަނީ އެ ސްކޫލުގެ އިސްލާމް ކުލަބުގެ ބެލުމުގެ ދަށުންނެވެ.

އޮންލައިން ކުލާހެއް ނަމަވެސް ނެއްލައިދޫ ސްކޫލުން ވަނީ ކްލާސް އޮންނަ ވަގުތުތަކުގައި ހުރިހާކުދިން އެއް ތަނަކަށް ޖަމާވެ ކުލާހަށް ވަދެ ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ. މީގެއިތުރުން މި ދަރިވަރުންގެ ކަންކަން ނެއްލައިދޫ ސްކޫލްގެ އިސްލާމް ޓީޗަރުންނާއި ކްލަބުން އަންނަނީ ގާތުން މޮނީޓާ ކުރަމުންނެވެ. އަދި ދަރިވަރުން ކިޔަވާބައިތައް އިތުރަށް ފަރިތަކުރުމަށް ސްކޫލުން އަންނަނީ އެ ފުރުޞަތު ވެސް ފަހިކޮށްދެމުންނެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ މިވަގުތު ނެއްލައިދޫގައި ހާފިޒަކު ނެތްކަމަށާއި މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ނެއްލައިދޫގައި ހާފިޒުން އުފައްދައި އެކަމަށް ހިތްވަރު ދިނުންކަމަށެވެ. މިކަމުގައި ނެއްލައިދޫ ކައުންސިލާއި ނެއްލައިދޫ ސްކޫލުން ބަހައްޓާ ގާތްކަމާއި ދެއްވާ އެހީތެރިމަށް އިސްމާއިލް ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން މުޙައްމަދު ވަސީމްގެ ނަން ފާހަގަ ކޮށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.