ރ. ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވުނު މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން ވިދާޅުވީ، ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދަޢުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގައި ދައުވާކުރުމުގެ ބަދަލުގައި އެއް އަހަރު ދުވަހުގެ ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމީ, މައްސަލައިގެ ތަހުގީގުގައި އިއުތިރާފުވެ, އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުމުން ކަމަށާއި އެކަމުގައި އެ އޮފީހުން ބައެއް ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑަށާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއިކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރަށް ބަލާފައިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކަށާއި ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތަށާއި ދައުލަތަށް ބަދަލު ލިބިފައިވުމަށް އަދި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފި ނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށްފައިވާނެ ކަމަށާއި އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަސޭހަތުގެ އެއްބަސްވުން ހަދާފައިވަނީ:

  • ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  • ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު
  • ދުވާފަރު ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް
  • ދުވާފަރު ކައުންސިލްގެ މެމްބަރު އާމިނަތު ސަލާހު
  • ދުވާފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް
  • ދުވާފަރު ކައުންސިލްގެ އެސްޖީ މުހައްމަދު ނާސިހު
  • ދުވާފަރު ކައުންސިލްގެ ކުރީގެ އޭޑީ މުހައްމަދު އަލިފުޅު

ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލުގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އ.ތ.މ.ކގެ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރި މި މައްސަލާގައި އަށް މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.