ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމަށް ދަތިކުރުމުން އެ ދަތިކަން ރައްޔިތުންނާއި ޤައުމު ވެސް ތަހައްމަލުކުރަންޖެހޭނެކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީން ރޭ ވަނީ ވެރިރަށް މާލޭ ސަލްޓަންޕާކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ.

Ad
rt

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި ޢަލީ އާރިފް ވާހަކަ ފައްޓަވަމުން ވިދާޅުވީ، 'ދަތި ކުރާނެ ކަމެއްނެތް، ދިމަ ދިމާލުން ދަތިކުރާނެ ކަމެއްނެތް، ކިތަންމެ ދައްޗެއް ކުރިޔަސް ދިވެހި ރައްޔިތުން މިފަހަރު ތިބީ ޤާސިމް އިބްރާޙިމާއެކު'' ގައި ކަމަށެވެ.

''ޤާސިމް އިބްރާޙީމަށް ދަތިކުރީމައި ދަތިވަނީ ޤާސިމް އިބްރާހިމަށް އެކަނިނޫންކަން ހުރިހާ ބޭފުޅުން ވެސް ދަންނާތި، މުޅި ޤައުމަށް'' ޢަލީ އާރިފް ވިދާޅުވިއެވެ.

''ދިމަ ދިމާލުން،އެއްޗެއް، މީއްޗެއް ހުއްޓުވާ، އެއެއްޗެއް ހުއްޓުވައި، މިވެނި އެއްޗެއް ހުއްޓުވާ ހަދާނެ ކަމެއްނެތް، ޤާސިމްގެ އުނުއަންނައުނު ނަގައިގެން މިފަހަރު ގެންދިޔަޔަސް ރައްޔިތުންގެ އުނުއަންނައުނު ނަގައިގެން ގެންގޮސް ގާސިމް ލައްވައިގެން ވެސް މިފަހަރު މިކަން ކާމިޔާބު ކުރާނެ، ﷲ އިރާދަކުރެއްވިއްޔާ މިފަހަރު މިކަން ކާމިޔާބު ކުރާނެ،'' އޭނާ ވިދާޅުވެފަވެއެވެ.

ޢަލީ އާރިފް ވިދާޅުވީ، ޤާސިމްގެ އަރިހުގައި މަސައްކަތްކޮށް ތަޖުރިބާ ކުރެވިފައި ހުރުމުން ޤާސިމްގެ ހިންހެޔޮކަމާއި، ޤާސިމް ރައްޔިތުން ދެކެވާލޯބި އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޤާސިމަށް ދަތިކުރުމުން، އެހެން މީހުނަށް ފޯރުކޮށްދެއްވަން ބޭނުނުންފުޅުވާ އިހްސާންތެރިކަމާއި، މަދަދު ފޯރުކޮށްދިނުމަށް ހުރަސް އެޅޭތީ ޤާސިމް ނުހަނު ހިތާމަ ކުރައްވާކަމަށް އޭނާގެ ވާހަކާގައި ވަނީ އެފަދަ ހާލަތަކަށް ރިއާޔަތްކުރައްވައި ވިދާޅުވެފައެވެ.

އަލީ އާރިފް ވަނީ ރައްޔިތުންގެ އަމިއްލަ ފައިސާއިން ވިޔަސް މިފަހަރު ޤާސިމް ހޮވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.