މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއްކަމަށެވެ.
"މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ގައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އިލްމީ ގޮތުން ޤާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. އަދި ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާއި ކަނޑާއި ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ސިފައިންގެ ވެލްފެއަރ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވާފައެވެ.
''މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް. ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ޢިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ ޢިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން.'' ރައީސް ވިދާޅުވެފަވެއެވެ.
ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން މިހާރުވަނީ ނިންމާފައި ކަމަށާއި، އެ ޢިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ
މިރަސްމިއްޔާތުގައި ރައީސް ވަނީ ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރެއްވި، ހަތަރު ރިޓަޔަޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ޙާޞިލްކުރެއްވި ސިފައިންނަށް މެޑެލް ޙަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެހުރިހާ ފަރާތްތަކަށްވެސް މަރުޙަބާއާ ތަޙުނިޔާ ވިދާޅުވެފައެވެ.
ދިވެހި ސިފައިންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!