ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ކާމިޔާބު ކޮށްފިއެވެ. މިރޭ ކުޅުނު މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އިޓަލީން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ރަސްޕަޑޯރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޑިމާކޯއެވެ. އިޓަލީގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖަހައިދިނީ ފްރަޓޭސީއެވެ.
މެޗުގައި ނެދަލެންޑަށް ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބާގްވިންއެވެ. ނެދަލެންޑުން ލަނޑުޖެހިތާ ހަތަރު މިނެޓް ފަހުން އިޓަލީއަށް ތިންވަނަ ލަނޑު ޖަހައިދިނީ ކިއޭސާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފްރަޓޭސީގެ އެހީތެރިކަމާއި އެކުގައެވެ. މެޗުގައި ނެދަލެންޑަށް ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ވައިނާލްޑަމްއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މިރޭ 23:45 ގައި ފަށާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮރޭޝިއާއާއި ސްޕެއިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!