މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގައި މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށް ވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރު ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ދަރުމަވަންތަ ސްކޫލުގައި ބޭއްވި މި ވޯކްޝޮޕްގައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީން އަބަދު ވެސް މެނިފެސްޓޯ ތައްޔާރު ކުރާނީ އެ ޕާޓީގެ މެމްބަރުންގެ އަޑު އަހައިގެން ކަމަށާއި އެޕާޓީގެ މެނިފެސްޓޯގައި އަބަދު ވެސް އަންހެނުންނަށް ޚާއްސަ ޖާގަތަކެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މިވީ ދުވަސްތަކުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ ޚާއްސަ ސަމާލުކަމާއި، ހޯދައިދެއްވި ބާރުވެރިކަމަކީ މިވީއެއްވެސް ވެރިކަމެއްގައި ހޯދައި ދެވިފައި ނުވާވަރުގެ ކަންތައްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ސާލިހުގެ ވެރިކަމުގެ މިދައުރަކީ ދިވެހި އަންހެން ކަނބަލުންނަށް އެކަނބަލުންގެ ހައްގު ޝަރަފާއި، ބާރުވެރިކަން ކަށަވަރުވެގެން ގޮސްފައިވާ ފަސް އަހަރު ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކަނބަލުންނަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ކެބިނެޓްގައި 33 އިންސައްތައާއި ކައުންސިލްތަކުގައި 33 އިންސައްތަ ޖާގަ ކަނބަލުންނަށް ޚާއްސަކޮށްދެއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންގެ ކޮމެޓީތަކެއް އުފައްދަވައި އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރެއްވުމަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ 300 އަށްވުގެ ގިނަ އަންހެން ކަނބަލުން ބައިވެރިވިއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 9 ގައެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް ސާލިހު ވާދަކުރައްވާއިރު، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާގޮތަށް ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އަދި އެމްއެންޕީން އެޕާޓީގެ ރައީސް ނާޒިމް ވާދަކުރައްވާއިރު، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.