ހަތަރު އަހަރަށް ފަހު ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރުމަށް ތައްޔާރު ވަމުން އަންނަ ހއ. އުތީމުގައި މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕްގެ ޢީދު ޝޯވއެއް ދޭގޮތައް ހަމަޖެހިއްޖެއެވެ.
އުތީމުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯވއެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން’’ އަށް ވިދާޅުވީ، ހަބޭސް ގެ ޝޯވ އެއް އުތީމުގައި ބޭއްވޭގޮތްވުމީ އެރަށުގެ ޒުވާނުންނާއި ކުދިބޮޑު އެންމެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔުން ކަމަށެވެ.
ރަޝީދު ވިދާޅުވީ، ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯވ އުތީމުގައި ބޭއްވޭގޮތްވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާޙީމް ޝުޖާޢުގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށެވެ.
’’ޝުޖާޢު އަކީ އަބަދު ވެސް އުތީމު ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި ވަރަށް ގާތުގައި ހުންނަ ބޭފުޅެއް، މިރަށު ރައްޔިތުންގެ މި ހުފެން ހަގީގަތަކަށް ހަދައިދިނުމަށް ޝުޖާޢު ދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން’’ ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ހަބޭސްގެ ޝޯވ އެރަށުގައި އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
ރަޝީދު ވިދާޅުވިގޮތުގައި، ފާއިތުވި ހަތަރު ވަރަކަށް އަހަރު އާދައިގެ ގޮތެއްގައި އެރަށުގައި ބޮޑު ޢީދު ފާހަގަ ކުރިނަމަވެސް މިއަހަރު ބޮޑު ޢީދު ފާހަގަ ކުރަން ނިންމާފައި ވަނީ ވަރަށް ކުލަ ގަދަކޮށެވެ.
’’ރަށުގެ ކޮންމެ މުއައްސަސާއަކުންނާއި ކޮންމެ ޖަމިއްޔާއަކުން ދެ މީހުން ނަގައިގެން އީދު ކޮމެޓީއެއް ހަދައިގެން މަސައްކަތް ކުރަމުން މި އަންނަނީ، އެކަމަށް ރައްޔިތުންގެ މަސައްކަތު ދުވަހެއް ވެސް ފާހަގަކޮށް 60 ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައި’’ ރަޝީދު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ބޮޑު ޢީދު ކުލަގަދަކޮށް ފޯރީގައި ފާހަގަ ކުރުމަށް މުޅި ރަށް އަންނަނީ ފޯރީގައި ތައްޔާރު ވަމުންނެވެ.
މިގޮތުން ޢީދު ދުވަހު ޢުލްހިޔަ ކަތިލުމާއި، އަވެލި ފަރިއްކޮޅެއް ބޭއްވުމަށް ނިންމާފައިވާއިރު، ޢީދުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ދެ ޖިންސްގެ ދަފި ނެގުމާއި، ވާދުމުން، ބަދިގެ ޕެރޭޑް، މަށިމާލި ޕެރޭޑް، ގޭމް ޝޯވ، ކުޑަކުދިންގެ ހަވީރު އަދި ސްޓޭޖް ޝޯވ ބޭއްވުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!