ކައުންސިލުތަކަށް ގާނޫނުން ލިބިފައިވާ ފުރިހަމަ ބާރުތައް ސަރުކާރުގެ މުށުތެރޭން ދޫކޮށް، ރައްޔިތުންނާ ހަމައަށް އެބާރުތައް ފުރޮޅާލުމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އާތިފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ގާނޫނީ އިމުގެ ތެރެއިން ކުރުމަށް ލިބިދޭ މަސައްކަތްތައް ވެސް ކައުންސިލުތަކަށް ދިނުމަށް ސަރުކާރުން ފަސްޖެހޭ ކަމަށެވެ.

އެގޮތުން 15 މިލިއަނަށްވުރެ ދަށުގެ މަޝްރޫއުތައް ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭނަމަވެސް އެކަމުގައި ސަރުކާރުން ފަހަތުފަޔަށް ބުރަވާ މަންޒަރު ފެންނަ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ގެންދާ މަސައްކަތްތައް އަވަސްކަމާއި، ނިންމަން އޮންނަ ވަގުތަށް ނިންމައި ރައްޔިތުންނަށް އޭގެ ފައިދާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި އޮންނަން. އެގޮތަށް ވެރިކަން ބައްޓަން ކުރުމަށް އެންމެރަނގަޅު ނިޒާމަކީ ލާމަރުކަޒީ ނިޒާމުކަމުގައި އެއްވެސް ޝައްކެތް ނެތް." އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ 2010 ވަނަ އަހަރު ރާއްޖެއަށް ލާމަރުކަޒީ ނިޒާމެއް އުފަން ކުރުވިޔަސް، އެ ނިޒާމަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަންވެގެން ދިޔަ ކަމަށެވެ.

އެދުވަހު އެ މަސައްކަތް ފެއްޓުނުނަމަވެސް ދެން އައިވެރިކަންތަކުން ގާނޫނަށް އިސްލާހުތަކެއް ގެނައި ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތަށް ކައުންސިލުތަކަށް ދޫކުރެވިފަ ހުރި ބާރުތަކެއް ނިގުޅައިގަނެ، ނުވަތަ ހިފެހެއްޓިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެފަހުން 19 ވަނަ މަޖިލީހުގެ ތެރެއިން އެ ގާނޫނަށް އިސްލާހުތަކެއް ގެނެވި ކުރިއަށްވުރެ ފުރިހަމަ ގާނޫނަކަށް މިހާރުވެފައިވީނަމަވެސް އަދިވެސް ލާމަރުކަޒީ ގާނޫނުން ރައްޔިތުން ބާރުވެރިވުމަށް އެންމެބޭނުންވާ ބާރުތަކާއި އެންމެފުރިހަމައަށް އެ ނިޒާމު ތަންފީޒު ކުރުމަށް ބޭނުންވާ ކަންތައްތަކެއް ގާނޫނުތަކާއި ގަވާއިދުތަކުން އުނިވާ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.