ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނިންމަވާފައެވެ.

Ad
rt

ރައީސް ޞާލިޙް މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅުގެމަތިން ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ހާމަކުރައްވާފަވެއެވެ.

‘’ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވާނެ’’ ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދެއްވަން ފަށްޓަވާފައި ވަނީ މީގެ 12 އަހަރުކުރިންނެވެ. އަދި މިއީ، މި އެހީ ދޭންފެށި ފަހުން މި އެހީ މުރާޖަޢާކުރެވޭ ފުރަތަމަ ފަހަރެވެ.