ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް އިއްޔެ ފެއްޓެވި ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

އެ ދެ ކަނބަލުންނަށް ދިވެހި ސަރުކާރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވާފައިވާއިރު، މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ޙަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައެވެ.

މިގޮތުން ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސް ޞާލިޙާއި ސޭޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސޭޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސް ޞާލިޙްގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ސޭޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ވަނީ ސޮއެކުރައްވާފައެވެ.

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަން ނިންމާފައިވާއިރު، އަދި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމުގެ އިތުރުން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ވަނައަހަރުގައެވެ.