މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ކ. ކާށިދޫ އަށް ދަތުރެއް ފައްޓަވައިފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ކަނޑައަޅާފައިވަނީ ނާޒިމް އެވެ.

Ad
rt

އެމްއެންޕީން ބުނިގޮތުގައި ނާޒިމް މިއަދު ކާށިދޫ އަށް ފެއްޓެވި މި ދަތުރަކީ އޭނާގެ ކެމްޕޭން ހަރަކާތްތައް އިތުރުކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

''މިދަތުރުގައި ކާށިދޫގައި ޑޯޓުޑޯ ހަރަކާތުގެ އިތުރުން، އެމް އެންޕީގެ ޖަގަހައެއް މިރޭ ހުޅުވާގޮތަށް ވެސް ވަނީހަމަޖެހިފައި'' އެމްއެންޕީން ބުންޏެވެ.

މިރޭ 21:00 ގައި ހުޅުވާ މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު އެމްއެންޕީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ނާޒިމްގެ މި ދަތުރުގައި މިއަދު ގާފަރަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މާދަމާ ދިއްފުއްޓަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ކެމްޕޭން ހަރަކާތްތައް އިތުރުކުރެއްވުމަށް ނާޒިމް މިއަދު ކާށިދޫ އާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރެއް ފެއްޓެވިއިރު، މިދިޔަ ބުދަ ދުވަހުގެރޭ ވަނީ އޭނާގެ ރިޔާސީ މެނިފެސްޓޯ ވެސް ޢާންމުކޮށްފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ނާޒިމްގެ ކެމްޕޭން ޝިއާރަކީ ''އުޖާލާ ޒަމާން'' އެވެ. މި ޝިއާރުގެ ދަށުން ''ނާޒިމް ތޭވީހުގެ ތޭވީސް'' ނަމުގައި ނެރެފައިވާ އޭނާގެ ރިޔާސީ މެނިފެސްޓޯ ގައި މައިގަނޑު 9 ބައެއް ހިމަނާފަވެއެވެ. އެ ބައިތަކަކީ އުފާވެރި ޒުވާނާ، ބާއްޖަވެރި ޢާއިލާ، އަހަރެންގެ ދިވެހިރާއްޖެ، ޢަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިޤްތިޞާދު، ނަޒާހަތްތެރި ވެރިކަން، ފަންނީ ޖީލެއް އަދި އިސްލާމީ ވަހްދަތެވެ. އަދި މި މެނިފެސްޓޯގައި ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނާފަވެއެވެ.