ހދ. މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ލަސްވާތީ އެރަށު ކައުންސިލްގެ އޮފިޝަލަކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަންބޮޑުވުން ފާޅުކުރައްވައި، އެ ރަށު ކައުންސިލް އޮފިޝަލަކު ''ތިލަދުން'' އަށް މައުލޫމާތު ދެއްވިގޮތުގައި 20 އެޕްރީލް 2023 ގައި އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ފަށާފައިވާ އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް 26 މޭ 2023 ގައި މުއްދަތު ހަމަވީއިރު ނިންމާލެވިފައި ވަނީ ހަމައެކަނި ފައުންޑޭޝަންގެ މަސައްކަތްތަކެވެ.

Ad
rt

އެއިމްސް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ތެރެއިން، ފައުންޑޭޝަންގެ މަސައްކަތްކުރުމުގައި ވެސް މައްސަލަތަކެއްހުރުމުން ރަށުކައުންސިލުން ކުރި ޝަކުވާތަކާގުޅިގެން އެއްފަހަރު އެޑިޔުކޭޝަން މިނިސްޓްރީގެ ކޮންސަލްޓަނަޓް ޒިޔާރަތްކުރުން ފިޔަވައި އިތުރު އެވެސް ބެލުމެއް ނެތި ފައުންޑޭޝަންގެ ކޮންކްރީޓް އެޅިކަމަށް އެ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

''މަސައްކަތައް ދީފައިވާ މުއްދަތު ހަމަވީއިރު އިމާރާތުގެ އތެރެއަށް ވެލިކޮޅުވެސް އަޅާނުލެވުނު، ފައުންޑޭޝަނުގައި ހަރުކުރެވިފައިވާ ތަނބުތަކުގެ ދަގަނޑު ފްރޭމްތަކުގައި ދަބަރުޖަހާ، ބޭނުންކުރުމަށް ކަމުނުދާހިސާބަށް ވަނީ ގޮސްފައި'' އެ މަޝްރޫޢާމެދު އޮތް ކަންބޮޑުވުންތައް ހިއްސާކުރަމުން އޭނާ ވިދާޅުވެފަވެއެވެ.

އޭނާ މަޢުލޫމާތު ދެއްވިގޮތުގައި މިމަސްކަތް ފެށުނީއްސުރެ ކޮންމެ މަހަކު، ކައުންސިލުން ސުޕަވައިޒްކޮށް ފޮނުވާ ރިޕޯޓް އެޑިއުކޭޝަނަށް ފޮނުވަމުން ވަނީ ގޮސްފައެވެ. އަދި ރިޕޯޓް ގައި، ކަންބޮޑުވާ ކަންކަން ފާހަގަކޮށް ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ، ނަމަވެސް ފާހަގަވާ ގިނަ ކަންކަމަށް ހައްލެއް ލިބިފާ ނުވާކަން ފާހަގަ ކުރެއްވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަސައްކަތުގެ މުއްދަތު ހަމަވާން އެއްމަހަށްވެފައިވަނިކޮށް ތަނުގައިހުރި މައްސަލަތައް ފާހަގަކޮށް، ކައުންސިލުން އެޑިއުކޭޝަނަށް ސިޓީ ފޮނުވާފައިވާކަމާއި، މުއްދަތު ހަމަވުމުން، މުއްދަތާބެހޭގޮތުން އިތުރު ގޮތެއް ނުނިންމާތީ ކައުންސިލުން މަސައްކަތް ސުޕަވައިޒްކުރުން ހުއްޓާލާފައިވާކަން އެޑިއުކޭޝަނަށް ލިޔުމުން އަންގާފައިވާނޭކަންވެސް އެފަރާތުން ފާހަގަކުރިއެވެ.

''މަސައްކަތް ކުރުމަށް ގެންގުޅެނީ 10 ބިދޭސީން، އެ ބިދޭސީންނާ ޙަވާލުވެގެންހުރީ ކާކުކަމެއް އަންގާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވޭ، އެނގޭކަމަކީ މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިދޭސީންތަކެއް މަސައްކަތު ސައިޓުގައި އުޅޭކަން، މަސައްކަތުގެ އިންޖިނޭރަކު އަދި ސުޕަވައިޒަރަކު ނެތި އާދައިގެ ބިދޭސީ މަސައްކަތްތެރިންތަކެއްގެ މައްޗަށް މަސައްކަތް ދޫކޮށްލެވިފައިވާކަމީވެސް ކަންބޮޑުވާކަމެއް'' އެ އޮފިޝަލް ވިދާޅުވިއެވެ.

މި މަސައްކަތައް ގޮސްތިބި ބިދޭސީ މުވައްޒަފުންނަށަށް ދޭންޖެހޭ މުސާރަ ނުދޭކަމުގެ ޝަކުވާ ނުރަސްމީކޮށް ކައުންސިލަށް ލިބެންމުން އައިސްފައިވާކަން އެ އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަތައް ޙައްލުކުރުމަށް ކައުންސިލުން ކުރިމަތިކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެވޭ ފަރާތެއް ހޯދިފައިނުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ލަސްވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއިރު އެ ހޯލް އެޅުމުގެ މަސައްކަތާއި ހަވާލުވެފައިވާ ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް ތިން މަހުގެ މުސާރަ ނުދޭކަމަށް ބުނެ އެމީހުން މިއަދު ވަނީ މަކުނުދޫ ކައުންސިލް ދޮށަށް އެއްވެފައެވެ.

އޭގެ ފަހުން މިއަދުގެ ވަގުތެއްގައި އެ މަސައްކަތް ހަވާލުވެފައިވާ ކުންފުންޏާއެކު ވެފައިވާ މަސައްކަތު އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.