އަންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ޢާންމުކޮށްފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ނާޒިމްގެ ކެމްޕޭންގެ މައިގަނޑު ޝިއާރަކީ ''އުޖާލާ ޒަމާން'' އެވެ. މި ޝިއާރުގެ ދަށުން ''ނާޒިމް ތޭވީހުގެ ތޭވީސް'' ނަމުގައި ރޭ ވަނީ އޭނާގެ ރިޔާސީ މެނިފެސްޓޯ ޢާންމު ކުރައްވާފައެވެ.

Ad
rt

މި މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު 9 ބައެއްގެ މައްޗަށެވެ. އެ ބައިތަކަކީ އުފާވެރި ޒުވާނާ، ބާއްޖަވެރި ޢާއިލާ، އަހަރެންގެ ދިވެހިރާއްޖެ، ޢަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިޤްތިޞާދު، ނަޒާހަތްތެރި ވެރިކަން، ފަންނީ ޖީލެއް އަދި އިސްލާމީ ވަހްދަތެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ޢިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭން ރައްޔިތުންނާއި ހަމައަށް ފުރަތަމަ މެނިފެސްޓޯ ތިލަކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ނާޒިމް ހިމެނިގެން ގޮސްފައިވާއިރު، އޭނާގެ މެނިފެސްޓޯ އިފުތިތާހުކުރުން އޮތީ ރޭ ވެރިރަށް މާލޭގެ "މީރުމާ" ގައި ބޭއްވި ހަފުލާއެއްގައެވެ.

މި މެނިފެސްޓޯގައި ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނުއްވާފައިވާއިރު، އެ ވަޢުދުތަކަކީ،

  • ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް ހަދާ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުން.
  • ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރު ކޮށްފައިވާ ސިޓީ ހާމަކުރުން.
  • ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސަން ފެށުން.
  • މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތު އިންޝުއަރެނެސްގައި ހުރި ތަފާތު ކުރުންތައް ނައްތާލުން.
  • ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކުރުން.
  • އަތޮޅުތަކުގެ އިގްތިސޯދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ހަވާލުކުރުން.
  • ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި އުކާލުން ހިލޭކުރުން.
  • ކޮތަޅުން ނަގާ 2ރ. ކަނޑާލުން.
  • އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000ރ. އަށް ބޮޑުކޮށް، ވަކި ވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން.
  • އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް 3،000ރ. ގެ ރޯދަ އެލަވަންސެއް ދޭން ކަނޑައެޅުން.
  • އިސްލާމީ ފަތުވާދޭ މަތީ މަޖިލިސް އަލުން އެކުލަވާލައި، ދީނީ އިލްމުވެރިންނަށް ހައްގު ބަސް ބުނުމުގެ ޖާގަ ދިނުން.
  • ހެލްތު އިންޝުއަރަންސްގެ ތެރެއިން، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް ހިލޭ ލިބޭނެ ގޮތް ހެދުން.
  • މަސްވެރިންނާއި ދަނޑުވެރިންނާއި އެހެން މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރުން.
  • މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފެށުން.
  • މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް އެކުލަވާލައި، އިންޓަވެންޝަން، ރިހިބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް އަމާޒު ކުރާ ސިޔާސަތެއް ތަންފީޒު ކުރަން ފެށުން.
  • ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން.
  • އުމުރުން 18 އަހަރު ވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.
  • ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިންޖުވެ، ޒާތީ ކަންކަމުން އެއްކިބާވެ ތިބެގެން އަދުލުގެ ނިޒާމު ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
  • ރައްޔިތުންގެ މަޖިލީހުގެ ރިކޯލް ވޯޓު ނުވަތަ އެ ދާާއިރާއެއްގެ މީހުން ބޭނުން ނަމަ އެ މީހުންގެ މެމްބަރު ވަކިކުރެވޭ ގޮތް ތައާރަފްކުރުން.
  • ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ސަބްސިޑައިޒްކޮށް، ވޯޓާ ފިލްޓާ ސިސްޓަމް ގޭބިސީތަކަށް ދިނުން.
  • ހިޔާ ފްލެޓްތަކުގެ ކުލި 4،000ރ. އަށް ކުޑަކުރުން.
  • މާލޭގައި ދުއްވާ އުޅނަދުފަހަރު މަދުކުރުމަށް ދިވެހިންނަށް ބަސް ދަތުރުތައް ހިލޭކުރުން.
  • ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ގޮނޑިތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން.

މީގެ އިތުރުން ވެސް ނާޒިމްގެ ފާހަގަކޮށްލެވޭ ވައުދުތަކުގެ ތެރޭގައި "މިނިސްޓްރީ އޮފް ހެޕިނަސް" ނަމުގައި މިނިސްޓްރީއެއް އުފައްދައި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ، އުފަންވާ ކޮންމެ ކުއްޖަކަށް 5،000ރ. ގެ އިނާޔަތެއް ދޭން ހިމަނާފައިވާއިރު، ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދީ، އެންމެ މޮޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެ އެވެ.

ނާޒިމްގެ އިތުރު ވައުދުތަކުގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ކޮލިޓީ ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި، ދަނޑުވެރިކަމަށް ހާއްސަކޮށްގެން ހިލޭ ބިން ދޫކުރުމާއި ރާއްޖޭގައި އުފައްދާ ތަކެތި އުފެއްދޭ މިންވަރަށް ބަލައި އެފަދަ ތަކެތި އިމްޕޯޓް ކުރުން ކޮންޓްރޯލް ކުރުމާއި ސަރުކާރުން ގެސްޓް ހައުސް އަޅައިދީ އެތަންތަން ހިންގުމަށް ތަޅުދަނޑި ހަވާލުކުރުމާއި، މާލޭގައި ބަސް ދަތުރުތައް ދިވެހި ރައްޔިތުންނަށް ހިލޭ ކޮށްދީގެން ވެހިކަލް ކޮންޓްރޯލް ކުރުން ހިމެނެ އެވެ.

ނާޒިމްގެ މެނިފެސްޓޯ ހިމެނޭ "ނާޒިމް 2023" ވެބްސައިޓް ވެސް ރޭ އިފްތިތާހުކޮށްފައިވާއިރު، މި ''ނާޒިމް2023.ކޮމް'' ވެބްސައިޓުން ނާޒިމްގެ މެނިފެސްޓޯ ބަލައިލެވޭގޮތް ވަނީ ހަދާފައެވެ.